ކުޑަހުވަދޫ ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތުން އެއްވަނަ ލިވާއަށް

ކުޑަހުވަދޫ ކައުންސިލުން ބޭއްވި 11 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރޭޑް 6 ގައި ކިޔަވަމުން އަންނަ ލިވާ އަޙްމަދު ޝައްމޫން ހޯދައިފިއެވެ. މި މުބާރާތުން ދެވަނަ ހޯދީ އައިޝަތު ޝައިބާ މުޙައްމަދު ރަޝީދެވެ. ތިންވަނަ ހޯދީ އަޙްމަދު ޒައުލްއެވެ. މި ތިން ދަރިވަރުންނަށް ތައްޓާއި އިނާމް ދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ.

ދަތުރުވެރިޔާ އުމްރާ ގުރޫޕުން ސޮޕޮންސަރ ކޮށްފައިވާ ކުޑަހުވަދޫ ކައުންސިލުގެ ޤުރުއާން މުބާރާތުން އެއްވަނައަށް ދިޔަ ދަރިވަރަށް ހުށަހަޅާފައި ވަނީ އުމްރާ ދަތުރެކެވެ. ދެވަނައަށް 15،000 ރުފިޔާ، ތިން ވަނައަށް 7،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ.

މުޅި މުބާރާތުން އެއްވަނަ ހޯދުމުގެ އިތުރުން، 12 އަހަރު ފުރި 15 އަހަރު ނުފުރޭ އުމުރުފުރައިން ނުބަލައި ކިޔުމުން އެއްވަނައާއި ޖޫނިއަރ ގުރޫޕުން ނުބަލައި ކިޔުމުން އެއްވަނައާއި މުޅި މުބާރާތުން ނުބަލައި ކިޔުމުން އެއްވަނަ ވެސް ލިވާ ހޯދިއެވެ.

ކުޑަހުވަދޫ ކައުންސިލުން މިދިޔަ އަހަރު ބޭއްވި ޤުރުއާން މުބާރާތުން ދެވަނަ އަދި އޭގެ ކުރީ އަހަރު ބޭއްވި މުބާރާތުން ތިންވަނަ ވެސް ލިވާ ހޯދާފައިވެއެވެ.

ކުޑަހުވަދޫ ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތުން ދެވަނަ ހޯދި ޝައިބާއަށް ވަޒީރު، އާދަމް ނަޞީރު އިބްރާހިމް އިނާމް ދެއްވަނީ- ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

ކުޑައިރުއްސުރެ ޤުރުއާން ކިޔެވުމަށް ޝަޢުޤުވެރިކަން ހުންނަ ލިވާ، ދަރިވަރު ނޫހަށް ބުނީ، ޤުރުއާން މުބާރަތުން އެއްވަނައަށް އުއްމީދު ކުރިކަމަށާއި އެކަމަށް މަސައްކަތްތަކެއް ވެސް ކުރި ކަމަށެވެ.

" ކުރީ އަހަރު އެއްވަނައަށް އުއްމީދެއް ނުކުރަން. އެކަމަކު މި އަހަރު މުބާރާތުގައި ބައިވެރިވީ ވެސް އެއްވަނަ ހޯދުމުގެ އަޒުމުގައި. އެކަމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރިން" ލިވާ ވަނީ ދ. އަތޮޅު ކައުންސިލުން ބޭއްވި އަތޮޅު ޤުރުއާން މުބާރާތުން ދެވަނަ ހޯދާފައެވެ.

ކުޑަހުވަދޫ ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތުން ތިންވަނަ ހޯދި ޒައުލްއަށް ވަޒީރު، އާދަމް ނަޞީރު އިބްރާހިމް އިނާމް ދެއްވަނީ- ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

ލިވާ ބުނީ، ޤައުމީ ޤުރުއާން މުބާރާތުން އަދި ވަނެއް ނުލިބޭ ކަމަށާއި އިތުރަށް މަސައްކަތްކޮށް ވަނައެއް ހޯދުމަކީ އެއީ އަޒުމެއް ކަމަށެވެ.

ލިވާ އަންނަނީ ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މިހާތަނަށް ހަތް ފޮތް ހިތުން ދަސްކޮށްފިއެވެ.

" ގުރޭޑް 12 ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ޤުރުއާން އެކީ ހިތުދަސްކޮށް ނިންމާލެވޭނެ" ލިވާ ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *