އެންމެ ބޭނުންޖެހިފައިވާ 30 ގެއަކަށް ޢީދު ދުވަހުގެ މެންދުރުގެ ކެއުން ފޭދޫ ސްކޫލުން ދެނީ

އައްޑޫ ސިޓީ ފޭދޫ ސްކޫލުން ކުރިއަށް ގެންދިޔަ " ޢީދުގެ އުފާ ހިތުގެ އެންމެ ފުންމިނުން" ޕްރޮގްރާމަށް ސަދަޤާތުގެ ގޮތުގައި ގިނަ އަދަދެއްގެ އެހީ ލިބިއްޖެއެވެ. އެ ސްކޫލުން ނިންމާފައި ވަނީ ފޭދޫގައި އެންމެ ބޭނުން ޖެހިފައިވާ 30 ގެއަކަށް، ޢީދު ދުވަހު މެންދުރުގެ ކެއުމާއި ތަކެއްޗާއި ފައިސާގެ އެހީ ފޯރުކޮށްދޭށެވެ.

" ހިތުގެ އެންމެ ފުންމިނުން" ޕްރޮގްރާމަކީ ކޮންމެ އަހަރަކު ވެސް ރަމަޟާމް މަހުގެ ތެރޭގައި އެ ސްކޫލުގެ ގައިޑުން އިސްނަގައިގެން ކޮމިއުނިޓީ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި މި އަހަރު ސްކައުޓުންނާއި އެ ސްކޫލުގެ އިސްލާމް ޑިޕާޓްމަންޓުން ބައިވެރިވެއެވެ.

ފޭދޫ ސްކޫލުން ބުނި ގޮތުގައި، " ޢީދުގެ އުފާ ހިތުގެ އެންމެ ފުންމިނުން" ޕްރޮގްރާމަށް 33،145 ރުފިޔާއާއި ގިނަ އަދަދެއްގެ ކާބޯތަކެތީގެ ބާވަތްތައް ލިބިފައިވެއެވެ. ޢީދު ދުވަހުގެ މެންދުރު ކެއުމާއި ސަދަޤާތުގެ ގޮތުގައި ލިބުނު ބޯތަކެތި ފޭދޫގައި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ބަހަން ހަވާލު ކުރީ މިޝްކާތު ފައުންޑޭޝަނާއެވެ. އެ ތަކެތި ބަހަން މިޝްގާތު ފައުންޑޭޝަނާ ހަވާލުކުރީ، އެއީ ފޭދޫގައި ހިންގާ ޖަމިއްޔާއަކަށް ވެފައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް މިހާރު ވެސް އެ ޖަމިއްޔާއިން ކުރަމުން ގެންދާތީއެވެ. ކުރީ އަހަރު ތަކުގައި އެ ތަކެތި ބެހުމުގެ މަސައްކަތް ކުރަމުން އައީ ވެސް ގައިޑުންނެވެ.

ސަދަގާތުގެ ގޮތުގައި އެހީ ބެހުމަށް ސަދަޤާތު ފައުންޑޭޝަނާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޭދޫ ސްކޫލުން އަންނަނީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ކޮންމެ ރޯދަމަހެއްގައި ވެސް ސަދަޤާތުގެ ގޮތުގައި އެހީ ފޯރުކޮށްދެމުން.- ފޭދޫ ސްކޫލް

ފޭދޫ ސްކޫލުގެ ލީޑިންގ ޓީޗަރު، ގާލްގައިޑް ކަންތައްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ޖުނައިހާ ވިދާޅުވީ، އެ ސްކޫލުގެ ގައިޑުން އިސްނަގައިގެން އެ ހަރަކާތް ފެށީ 2019 އަހަރު ކަމަށާއި ފުރަތަމަ އަހަރު 15 ގެއަކަށް އޭގެ ފަހުން ކޮންމެ އަހަރު 20 ގެއަކަށް ސަދަޤާތުގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ޖުނައިހާ ވިދާޅުވީ، އެހީ ހޯދުމުގެ ޕްރޮގްރާމުގެ ތެރެއިން، އެކަމާ ގުޅުން ހުރި ޕޯސްޓަރުތައް ހަދައި އެ ހިފައިގެން، ވިޔަފާރިވެރިންނާއި އާންމުންނަށް މައުލޫމާތު ދޭން ދިޔައީ ދަރިވަރުން ކަމަށެވެ. އޭގެ ފަހުން އެހީދޭން ބޭނުންވި މީހުންގެ ގާތަށް، ފައިސާއާއި ތަކެއްޗާ ހަވާލުވާން ކުދިން ދިޔައީ ޓީޗަރުންނާއެކު ކަމަށެވެ.

" އެ ހަރަކާތުގެ މައުލޫމާތު ދީ، ހޭލުންތެރިކޮށް، އެހީ ދޭން ބޭނުންވި ފަރާތްތަކުގެ ނަންނޯޓް ކުރީ. އެހީ ބަލައި ދިޔައީ ދަރިވަރުންނާއެކު މުދައްރިސުން ގޮސް" ޖުނައިހާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދަރިވަރުންގެ މަސައްކަތަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެކަމަށްޓަކައި ސަދަޤާތުގެ ގޮތުގައި ފައިސާއާއި ތަކެތި ފޯރުކޮށްދިން ފަރާތްތަކަށް ފޭދޫ ސްކޫލުން ޚާއްޞަ ޝުކުރެއް ރައްދުކުރެއެވެ.

ޖުނައިހާ ވިދާޅުވީ، އެ ސްކޫލުގެ "ޢީދުގެ އުފާ ހިތުގެ އެންމެ ފުންމިނުން" ޕްރޮގްރާމް އައްޑޫ ސިޓީއަށް ފުޅާކޮށް، އެ ހަރަކާތުގައި ބައިވެރިވާން އެހެން ސްކޫލްތަކުގެ އެދެމުންދާ ކަމަށެވެ. އެހެންވެ އަންނަ އަހަރު، މިހާރަށްވުރެ ފުޅާކޮށް އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ ފޭދޫ ސްކޫލުގައި، 750 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *