އެސްޖޭއިން ހިންމަފުށީ ސްކޫލަށް 12 ކޮމްޕިއުޓަރު

އިމާރާތް ކުރުމުގެ ސިނާއަތުގައި ކުރިއަރަމުން އަންނަ އެސްޖޭ ކުންފުނިން މާލެ އަތޮޅު ހިންމަފުށީ ސްކޫލަށް 12 ކޮންޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފިއެވެ.

ކޮމްޕިއުޓަރު ސިސްޓަމް އެ ކުންފުނިން ހަދިޔާ ކުރީ އެ ސްކޫލުގެ ޕީޓީއޭއިން ހުށަހެޅި ހުށަހެޅުންތަކެއްގެ މައްޗަށް ބިނާކޮށެވެ.

250 އެއްހާ ދަރިވަރުން ކިޔަވަމުންދާ، ހިންމަފުށީ ސްކޫލަށް މި ވަގުތަށް އެންމެ ބޮޑަށް ބޭނުންވަނީ ވެސް ކޮމްޕިއުޓަރު ސިސްޓަމް ކަމަށް އެ ސްކޫލުން ބުނެއެވެ.

" އަޅުގަނޑުމެންނަށް މި ވަގުތަށް އެންމެ ދަތިވަނީ ބޭނުންވާ ވަރަށް ކޮންޕިއުޓަރު ނެތުމުން" ޕްރިންސިޕަލް މަރިޔަމް އިނާޝާ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހަދިޔާ ކުރި ކޮމްޕިއުޓަރު ބޭނުން ކުރާނީ ސްޓާފުރޫމުގައާއި ކޮންޕިއުޓަރު ލެބުގައެވެ.

" އަދިވެސް އަޅުގަނޑުމެންނަށް އިތުރަށް ކޮމްޕިއުޓަރު ބޭނުންވޭ. މި ވަގުތަށް މިއީ ވަރަށް ބޮޑު އެހީއެއް" ޕީޓީއޭގެ މަސައްކަތުން އެސްޖޭއިން ފޯރުކޮށްދިން އެހީއަށް އިޝާރާތްކުރައްވައި އިނާޝާ ވިދާޅުވިއެވެ.

ދެ ދަންފަޅިއަށް ކިޔަވައިދޭ ހިންމަފުށީ ސްކޫލުގެ ކުލާސްރޫމްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ޕީޓީގެ އެހީއާއެކު މިހާރު ވަނީ ފަށާފައެވެ. ހުރިހާ ކޫލާސްރޫމެއް ޑިޖިޓަކް ކުރަން އިތުރު ތިން ޓީވީ ބޭނުންވާ ކަމަށް އެ ސްކޫލުން ބުނެއެވެ.

ހިންމަފުށީ ސްކޫލަށް ބޭނުންވާ ކަންތައްތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަނީ ވެސް އެ ސްކޫލުގެ ޕީޓީއޭއިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *