ސްކޫލް ދަރިވަރުން ހަދަން ޖެހޭ ޚާއްޞަ ޓެސްޓްތައްވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އާސަންދަ ކުންފުނިން ހަމަޖައްސައިފިއެވެ.
އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސްކޫލް ދަރިވަރުން ހަދަން ޖެހޭ ޚާއްޞަ ޓެސްޓްތައް ހަދައި ދެނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ދަރިވަރުންނަށް ކަމަށެވެ.
އެކުންފުނިން ބުނީ، އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާ ޚާއްސަ ސިޔާސަތުގެ ދަށުން، 1 އޭޕްރީލް 2024 އިން ފެށިގެން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތަޢާރަފްކޮށްފައިވާ ކަމަށެވެ.

01 ޖަނަވަރީ 2024 ގައި ތަޢާރަފްކުރެވުނު މެޑިކަޕް ޗެކަޕް ޕެކޭޖް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިޢާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖަށްވަނީ ބަދަލުގެނެވިފައިވާ ކަމަށާއި 19 އަހަރުންމަތީގެ އުމުރު ފުރާތަކަށް ޚާއްޞަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށް ވެސް ބަދަލުގެނެސްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
01 އޭޕްރީލުން ފެށިގެން އިތުރުކުރެވޭ އުމުރު ފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ޚާއްޞަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެކެވެ. ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެއެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައްވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ، ސްކީމްގެ ތެރެއިން ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު