މުޙްޔިއްދީން ސްކޫލުގެ ޞަދަޤާތު ޕްރޮގްރާމުން ޣައްޒާ ފަންޑަށް 50،000 ރުފިޔާގެ އެހީއެއް

ވލިނގިލީގައި ހުންނަ މުޙްޔިއްދީން ސްކޫލުގެ ޞަދަޤާތު ޕްރޮގްރާމުން 50،000 ރުފިޔާގެ އެހީއެއް ޣައްޒާއަށް އެހީވާ ފަންޑަށް ހަދިޔާކޮށްފިއެވެ. މުޙްޔިއްދީން "ސްކޫލް ކޮމިއުނިޓީ"ގެ ފަރާތުން މި ފައިސާ ހަދިޔާ ކުރީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ޣައްޒާއަށް އެހީވުމަށް ކުރިއަށް ގެންދާ ފަންޑަށެވެ.

މުޙްޔިއްދީން ސްކޫލުގެ ލީޑިންގ ޓީޗަރު، އަބްދުﷲ ޖަވާދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އެ ސްކޫލުގެ ޞަދަޤާތު ޕްރޮގްރާމް ފާއިތުވި ދެ ރަމަޟާން މަހުގައިވެސް ކުރިއަށް ގެންދިޔަ ކަމަށާއި، މިއީ މި ޕްރޮގްރާމް ކުރިއަށް ގެންދާ ތިން ވަނަ އަހަރު ކަމަށެވެ.

"ޞަދަޤާތު ޕްރޮގްރާމް ކުރިއަށް ގެންދަނީ އޭގެ މުހިންމު ކަމާއި އެކަމުގެ ބޭނުން ދަރިވަރުންނަށް ދަސްކޮށްދީ އެކަމަށް ހޭލުންތެރި ކުރުވަން" ޖަވާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޞަދަޤާތު ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް މައުލޫމާތުދީ، ކޮންމެ ކުލާހެއްގެ އިތުރުން ސްކޫލުގެ ގޯތިތެރޭގައި ފަންޑު ފޮންޑެއް ބަހެއްޓި ކަމަށާއި، ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިންގެ އެއްބާރުލުން އެ ޕްރޮގްރާމަށް ލިބުނު ކަމަށެވެ. ފަންޑު ފޮށި ބަހެއްޓީ މާރޗް 3ން 21 މާރޗްގެ ނިޔަލަށެވެ.

ޖަވާދު ވިދާޅުވީ، ޞަދަޤާތުގެ ގޮތުގައި ލިބުނު ފައިސާއިން މިފަހަރު ބޭނުންވީ ޣައްޒާގެ ކުޑަކުދިންނަށް އީދު ހަދިޔާ ފޯރުކޮށްދޭށެވެ. ނަމަވެސް މި ވަގުތު ޣާއްޒާގެ ހާލަތު އޮތް ގޮތުން އެއީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނެފައިވާތީ، އެ ޖަމިއްޔާއިން ކުރިއަށް ގެންދާ ޣައްޒާގެ އެހީގެ ފަންޑަށް ފައިސާ ޖަމާކުރަން ނިންމީ ކަމަށް ޖަވާދު ވިދާޅުވިއެވެ.

ސަދަޤާތު ޕްރޮގްރާމުގެ ދަށުން ފުރަތަމަ އަހަރު ލިބުނު ފައިސާ ހަދިޔާ ފޯރުކޮށްދިނީ ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންނަށެވެ.

ސަދަޤާތު ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު އެހީވީ، ހާލުގައި ޖެހިފައިވާ ސޫރިއާގެ ކުދިންނަށް އީދު ހެދުން ގަނެދިނުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *