ހ،ށ ގެ ކޮންމެ އަކުރަކަށް ކުރު ވާހަކައެއް ހިމަނައިގެން " އަކުރުފުށި" ނެރެފިއެވެ. ގައުމީ ޔުނިވަރސިޓީގެ ބުކު ގްރާންޓްގެ އެހީގައި ނެރުނު މި ފޮތަކީ ކިޔަން ފަށާ އުމުރުގެ ކުދިންނަށް ޚާއްޞަކޮށްގެން ނެރުނު ފޮތެވެ.
މި ފޮތް ނެރެދެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.
މި ފޮތް ލިޔުއްވީ އެމްއެންޔޫގެ ޑީން އޮފް ސްޓޫޑެންޓް އާޝިޔާ ލީލާ އަޙްމަދު އަދި ނާޒިމާ ފާއިޒެވެ. ފޮތުގެ ކުރެހުމުގެ މަސައްކަތް ކުރެއްވީ ޔުނިވަރސިޓީގެ މާކެޓިންގ މެނޭޖަރ ޝަހުދާ މޫސާއެވެ.

18 ސަފްޙާގެ "އަކުރުފުށި" ން ކިޔައި ދެނީ ހ،ށ އަކުރުތަކުގައި ހިމެނޭ 24 އަކުރު ތަކުގެ ތެރެއިން ކޮންމެ އަކުރަކުން ފެށޭ ބަސްތައް ހިމަނައިގެން ގެނެސްފައިވާ ކުރު ވާހަކައެކެވެ. ވާހަކައާ ގުޅޭ ކުރެހުންތައް ވެސް މި ފޮތުގައި ހިމާފައިވެއެވެ. މި ފޮތުގައި ގެނެސްދީފައިވާ ކޮންމެ އަކުރެއްގެ ވާހަކަ ނިމިގެން އެ ވާހަކައިގައި ގެނެސްދީފައިވާ ބައެއް މުހިންމު ބަސްތަކުގެ މާނަ ވެސް ހިމަނާފައިވެއެވެ.
މި ފޮތް ލިޔުއްވި ލީލާ ވިދާޅުވީ، "އަކުރުފުށި"ގެ ކޮންސެޕްޓް އައީ އިނގިރޭސި ފޮތެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެ ކޮންސެޕްޓަށް އެ ފޮތް އެކުލަވާލައި ގެނެސްދޭން ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ.

މިފޮތުގެ ކުރެހުންތައް ކުރެއްސެވި ޝަހުދާ ވިދާޅުވީ، އެ ފޮތުގައި ހިމެނޭ ހުރިހާ ވާހަކައެއްގައި ބުނާ ހުރިހާ އެއްޗެއް ސިފަކުރުމަކީ އުނދަގޫ ބުރަ މަސައްކަތެއް ކަމަށާއި އެކަމަށް އަހަރެއްހާ ދުވަސް ހޭދަވި ކަމަށެވެ.

ކިޔަން ފަށާ އުމުރުފުރައިގެ ކުދިންނަށް ޚާއްޞަ މިފޮތް އަކުރުފުށީގެ އިންސްޓަގްރާމް ޕޭޖުން @akurufushi ލިބެން އެބަހުއްޓެވެ. ގަންނަން ބޭނުންވާ ކޮންމެ މީހަކަށް އިންސްޓަގްރާމް ޕޭޖުން އޯޑަރު ކުރެވޭނެއެވެ.
ޤައުމީ ޔުނިވަރސިޓީގެ ބުކު ގްރާންޓު ގިނަ ފަރާތްތަކަށް ދޫކޮށްފައިވާއިރު ހަ ފަރާތަކުން ވަނީ ފޮތްތަކެއް ނެރެފައެވެ. ލީލާ ވަނީ މީގެ ކުރިން ވެސް ބުކު ގުރާންޓްގެ ދަށުން ފޮތެއް ލިޔެ ބާޒާރަށް ނެރުއްވާފައެވެ.
advertisment
ހިޔާލު