" މަހްރަޖާނުލްޤުރްއާނިލްކަރީމް" ނަމުގައި ތަފާތު ގިރާއަތްތަކަށް ޤުރްއާން ކިޔަވާއަޑު އަހާލެވޭނެ ބައްދަލުވުމެއް އައިޔޫއެމްގައި ބާއްވަން ނިންމައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންދަނީ އަންގާރަ ދުވަހުގެ ރޭ 21:30ން 22:30 އަށެވެ.
މިއީ ކުއްލިއްޔާ އޮފް ޤުރުއާން އެންޑު ސުންނާއިން އިސްނަގައިގެން ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގުޅިގެން ކީރިތި ޤުރުއާނަށް ދިވެހި މުޖުތަމަޢު ހޭލުންތެރި ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މިއީ ޢާއްމުންނަށް ހުޅުވާލައިގެން ކީރިތި ޤުރްއާން ތަފާތު ގިރާއަތްތަކަށް ކިޔަވާލާ އަޑުއަހާލުމަށް އަދި ތަފްސީރާއި އިޢުޖާޒުލް ޤުރްއާންގެ މަޢުލޫމާތު މުއްސަނދި ކޮށްލަން ކޮންމެ މީހަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ދިވެހި ރާއްޖޭން ބޭރުގެ ޤާރީންނާއި ދިވެހި ޤާރީވެރިންގެ ކިޔެވުން އަޑުއިވެގެންދާނެއެވެ. އަދި ރާއްޖޭގެ މަޤްބޫލު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒާހިރުގެ ތަފްސީރުކުރުމާއި އިތުރުން ވެސް މި ބައްދަލުވުމުގައި ކުރިއަށް ގެންދާނެއެވެ.
ދިވެހިން ހޭލުންތެރިކުރުމަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އަންނަނީ ވަރަށް ހަރަކާތްތެރިކޮށް ތަފާތު އެކި އެކި ޕްރޮގުރާމްތައް ތަޢާރަފުކޮށް ހިންގަމުންނެވެ. އަދި ވަކީން ޚާއްސަކޮށް ރަމަޟާން މަހު ޤުރުއާނުގެ ދާއިރާގެ ގިނަ ހަރަކާތްތަކެއް އެ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ އިން އަންނަނީ ހިންގަމުންނެވެ.
advertisment
ހިޔާލު