ސައުންޑާ ގުޅުންހުރި އެއްޗެއް ހަލާކުވިޔަސް އެ މަރާމާތުކުރަނީ އަމިއްލައަށް
" މިސް ތި ޕިކަޕަށް އަރުވަދީބަލަ!"
ގުރޭޑް 7ގައި އޭރު ކިޔަވަމުންދިޔަ ނަޖުދާން މުޙައްމަދު ނާޝިދު ވެސް ބޭނުންވީ އެހެން ކުދިންނެކޭ އެއްގޮތަށް އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި އޮތް ފަންފެއަރ އިސްތިހާރުކުރަން ރަށުތެރޭގައި ބުރުޖަހަން އެ ޕިކަޕަށް އަރާށެވެ. ޑެޕިއުޓީ ޕްރިންސިޕަލް އަޒުފާ ސައީދު (އަޒުފާ މިސް)އަށް އޭނާ ދެންނެވީ އެފަދަ ފުރުޞަތަކަށެވެ. އެ ފުރުޞަތު ނަޖުދާނަށް ދޭން އަޒުފާ މިސް ފުރަތަމަ ދެކޮޅު ހެއްދެވިއެވެ. ސަބަބަކީ ގުރޭޑް 7ގައި އުޅޭ ކުއްޖަކަށް ވެފައި، އެ ޕިކަޕައުގައި ތިބީ މަތީ ގުރޭޑް ތަކުގެ ދަރިވަރުންގެ އިތުރުން ސްޓާފުންނަށް ވީތީއެވެ.
" މިސް ގެންދަ ބަލަ!" ނަޖުދާން ދެވަނަ ފަހަރަށް ވެސް އެދުނީ އެކަން ކޮށްދިނުމަށެވެ. ތިން ފަހަރެއްގެ މަތިން އެދުމުން އެކަމަށް އަޒޫ މިސް ހުއްދަދެއްވިއެވެ.
" ނަޖުދާނަށް ކޮންކަމެއް ކޮށްދެވޭނީ" ޕިކަޕަށް އެރުމުން އަޒުފާ މިސް ނަޖުދާންގެ ކައިރިން އަހާލިއެވެ.

" މައިކް ގުޅަން އެނގޭނެ. ސައުންޑް ކަންތައްތައް އެނގޭނެ"
އެ ޕިކަޕްގެ ދަތުރުގައި ސައުންޑް ކަންތައް ބެލެހެއްޓުމުގައި އެހެން ކުދިންނާއެކު ނަޖުދާން ބައިވެރިވިއެވެ. ސްކޫލުގެ އަޑު ހެޔޮވަރު ކުރުމުގެ ފުރުޞަތު ހުޅުވިގެން ދިޔައީ އެ ދަތުރަށްފަހުއެވެ. އެ ދުވަހު ހަވީރު އޮތް ފަންފެއަރގެ ޝޯވގެ ސައުންޑް ކަންތައް ބެލެހެއްޓީ ވެސް ނަޖުދާނެއެވެ.
ސައުންޑް ސިސްޓަމެއްގައި އަތްލީ 11 އަހަރުގައި
މިހާރު ގުރޭޑް 9ގައި ކިޔަވަމުންދާ ނަޖުދާނަށް، ސައުންޑް ސިސްޓަމެއް އަތްލައި ކުޅެލަން ފުރުޞަތެއް ލިބުނީ އުމުރުން 11 އަހަރުގައި، އައްޑޫ ސިޓީގައި އެފްސީ ޒެފިއަރއިން ބޭއްވި މުބާރާތެއްގެ ތެރެއިންނެވެ. އެ މުބާރާތް ކުރިއަށް ގެންދިޔަ ދުވަހެއްގައި ސައުންޑް ސިސްޓަމްގައި އަތްލައި އޭގެ ގޮބުތައް އަނބުރާ އެއާ ކުޅެހެދިއެވެ. އޭގެ ބްރޭންޑް ނަމާއި އަދި އިތުރު މައުލޫމާތު އޭނާ ސިކުނޑީގައި ރައްކާކޮށްލިއެވެ.
ގެއަށް ދެވުމާއެކު ނަޖުދާން އިންޓަރނެޓުން ސަރޗްކުރަން ފެށީ ސައުންޑް ސިސްޓަމާ ގުޅުން ހުރި މައުލޫމާތެވެ.
އޯޑިއޯ މިކްސަރު މަސައްކަތް ކުރާ ގޮތާއި އޭގެ ބޭނުމެވެ. އެމްޕްލިފަޔަރާއި އިކްވެލައިޒަރގެ އިތުރުން ކޮމްޕްރެސަރއަކީ ކީއްކުރަން ކޮން ބޭނުމަކު ބޭނުން ކުރާ އެއެއްޗެއްތޯ ބެލުމެވެ.
" އޯޑިއޯ މިކްސަރެއްގައި ފުރަތަމަ އަތްލީ ދުވަހު ވަރަށް ބޮޑު ހައިރާންކަމެއް ލިބުނީ. އެއާ ކުޅެން ބޭނުންވީ. އޭގެ މައުލޫމާތު އިންޓަރެނެޓުން ހޯދަން ޝަޢުޤުވެރިވީ." ނަޖުދާން ބުންޏެވެ.
އޭގެ ފަހުން ލިބޭ ކޮންމެ ހުސް ވަގުތެއްގައި ނަޖުދާންގެ ސިކުނޑި ބަރުވަމުން ދިޔައީ އޯޑިއޯއާ ގުޅުން ހުރި ރިސަރޗްތަކާއި އިކްއިޕްމަންޓާ ބެހޭ އާ މައުލޫމާތުންނެވެ. އެއާއެކު އޯޑިއޯއާ ގުޅުން ހުރި އެތައް އޮންލައިން ކޯސްތަކެއް ވެސް އޭނާ ހަދައިފިއެވެ.
" އެއް ދުވަހުން އަނެއް ދުވަހަށް ޝައުޤުވެރިކަން އިތުރުވަނީ. އާ ކަންތައްތައް ހޯދާ ދަސްކުރަން ބޭނުންވީ، އެހެންވެ ފްރީކޮށް ހުންނަ ކުރު ކޯސްތައް ހަދަން ފެށީ" ނަޖުދާން ބުންޏެވެ.
ސްކޫލުން ފަހިކޮށް ދިނީ ފުރުޞަތު
ނަޖުދާން ބުނީ، ފަންފެއަރގެ ޝޯވގައި ސައުންޑް ކަންތައް ބެލެހެއްޓި ހިސާބުން ސައުންޑް ކަންތައްތަކުގައި ބައިވެރިވެ އުޅުމުގެ ފުރުޞަތު ސްކޫލުން އޭނާއަށް ފަހިކޮށްދިން ކަމަށާއި ސައުންޑް ކަންތައްތަކާ ހަވާލުވެ ހުންނެވި ޚަލީލު ސަރވެސް ގިނަ ކަންތައްތަކެއް އޭނާއަށް ދަސްކޮށްދެވި ކަމަށެވެ.

" ސަރގެ އެކްސްޕީރިއަންސަކީ ވަރަށް މުހިންމު އެއްޗެއް. ސަރގެ ފަރާތުން ވެސް ވަރަށް ގިނަ ކަންތައްތައް ދަސްވި. ކުރިއަށްދާން ވަރަށް ފަސޭހަވި" ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ނަޖުދާން ދިޔައީ ހިފަމުންނެވެ. އެ ފުރުޞަތު ފަހިކޮށްދެއްވީ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީއާއި ޑެޕިއުޓީ ދެ ޕްރިންސިޕަލުން، އަޒުފާ މިސްއާއި ޝީޒާ މިސްއެވެ.
" ސައުންޑަށް ބޭނުންވާ އެއްޗެއް އޮތިއްޔާ އެ އެއްޗެއް ޕްރިންސިޕަލް ޑރ. އާސިޔަތު މެޑަމްއާއި ޑެޕިއުޓީ ޕްރިންސިޕަލް އަޒޫ މިސް ހޯއްދަވައި ދެއްވާނެ. އަދި ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާނެ. އަދި ޚަލީލު ސަރ ކުރި އިތުބާރަކީ ހަނދާން ނައްތާލެވޭނެ ކަމެއް ނޫން" ލިބުނު ފުރުޞަތުގެ ސަބަބުން ނަޖުދާނުގެ އަޑުގައި ވަނީ އުފާވެރިކަމެވެ.
ހިތަދޫ ސްކޫލުގެ ސްކޫލުގައި ހަދާ ހުރިހާ ސައުންޑެއްހެން މިހާރު ބަލަހައްޓަނީ ޚަލީލު ސަރގެ އެހީތެރިކަމާއެކު ނަޖުދާނެއެވެ. ހަރަކާތެއް އޮތްތޯ ބަލައި އެ ހަރަކާތަކަށް ސައުންޑް ބޭނުންވާނެތޯ އިސްވެ އެހުމަކީ ވެސް ނަޖުދާން އަމިއްލަ ޒިންމާއެއްގެ ގޮތުން ކުރާ ކަމެކެވެ.
" ބައެއް ފަހަރު ހަރަކާތެއް އޮތްކަން އަޅުގަނޑުމެންނަށް ނުބުނެވި އޮތީ. އޭނަ ބަލާނެ އެއްވެސް ކަމެއް އޮތްތޯ. އެ ހަރަކާތަކާ ހަވާލުވެ ހުންނެވި ޓީޗަރަށް ގުޅައިގެން ނަމަވެސް ބޭނުންވާ ގަޑިއަށް ސައުންޑް ހުންނާނީ ބޭނުންވާ ގޮތަށް ހަދާދީފައި" ނަޖުދާންގެ މަސައްކަތަށް ތަޢުރީފު ކުރަމުން އަޒޫ މިސް ވިދާޅުވިއެވެ.
" ސައުންޑް އެކަންޏެއް ނޫން. އިވެންޓަކަށް ސްކޫލް ހޯލް ފަދަ ތަންތަން ތައްޔާރު ކުރުމުގައި ވެސް އިސްވެ މަސައްކަތް ކުރާނެ. ރައްޓެއްސެއްގެ ކައިރިން ނަމަވެސް ބޮކި އެއްޗެހިތައް ހޯދައިގެން ނަމަވެސް ބޭނުންވާ ގަޑިއަށް ހުންނާނީ ތައްޔާރު ކޮށްފައި"
ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ ވިދާޅުވީ، ނަޖުދާނުގެ ހުނަރު ފާހަގަ ކުރެވެމުން ސްކޫލުން ބޭނުންވީ ވީހާވެސް ފަހި ފުރުޞަތު ތަކެއް އޭނާއަށް ފަހިކޮށްދޭށެވެ. އެއީ އެ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ފަހިވެފައި އޮންނަ ފުރުޞަތެއްކަމަށް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
" އެކުއްޖެއްގެ ގައިގައި ހުރި ހުނަރެއް ކުރިއަށް ގެންދަން އަޅުގަނޑުމެން ހިތްވަރު ދެނީ، އެގޮތަށް މަސައްކަތް ކުރަނީ ވެސް. އެއީ އަޅުގަނޑުމެން ފޯރުކޮށްދޭ ތަޢުލީމުގެ ބޭނުމަކީ ވެސް " ޑރ. އާސިޔަތު ފާހަގަކުރެއްވިއެވެ.
ހަލާކުވާ އެއްޗެއް ހަދަނީ ވެސް އަމިއްލައަށް
ސައުންޑް ސިސްޓަމަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަން ހައްލުކޮށް ދިނުމަކީ ނަދުދާނަށް މިހާރު މާ ބޮޑުކަމެއް ނޫނެވެ. އެއްޗެއް ހަލާކުވެއްޖެނަމަ އެ އެއްޗެއް ހަދަނީ ވެސް އަމިއްލައަށެވެ.
ނަޖުދާން ބުނިގޮތުގައި ކޭބަލް ކޮޅަކުން އަޑެއް އަރާނަމަ އެ އެ ކޭބަލެއް އެ އޮތީ ހަލާކުވެފައެވެ. ދެން ޖެހޭނީ އިތުރު ކޭބަލެއް ހޯދާށެވެ. ނޫނީ ހަދާށެވެ. ބައެއް ފަހަރު އެއީ އެ ސިޓީން ލިބޭ އެއްޗަކަށް ނުވެއެވެ.
ސައުންޑަށް ބޭނުންވާ ބައެއް އާލާތްތައް ފަސޭހައިން ލިބެން ނުހުންނާތީ ނަޖްދާން ހޯދީ އެކަން ކުރެވޭނެ މުހިންމު " ޓޫލްސް" ތަކެވެ. އެޓޫލްސްތަކުގެ އެހީގައި އޭނާއަށް ޖެކްތައް ބައްދާލެވެއެވެ. ކޭބަލްތައް ބޭނުންވާ ސައިޒަކަށް ހަދާލެވެއެވެ. އެ މަސައްކަތް އޭނާ މިހާރު ހިތުދަހެވެ.

އަޒޫ މިސް ވިދާޅުވީ، ހަލާކުވެއްޖެނަމަ އެ އެއްޗެއް ހަދަން ނަޖުދާން އިސްކަންދެއެވެ. އެކަން ކުރުމުގެ ކުރިން ހުއްދަވެސް ހޯދާނެއެވެ.
" ބާ ދަނގަޑަށް އެއްލާލަން ނެރެނު މިކްސަރެއް ގެނެސް އެ ހަދައިގެން މިހާރު ބޭނުން އެބަކުރޭ. ޕިން މައިކެއް ނެތިގެން އުޅެނިކޮށް ބުނެފި، މިސްއޭ އެބައޮތޭ ހަލާކުވެފައި އޮތް ދެ މައިކު، އެ ހަދައިދެން ހެއްޔޭ! ޚަލީލު ސަރ ކައިރިން އަހައިގެން އެކަން ކުރަން ބުނީމާ، މާ ގިނަ އިރުތަކެއް ނުވަނީސް އެ ހަދައިގެން ގެނެސްފި." ސައުންޑާ ގުޅުން ހުރި ކަންތައްތަކަށް ނަޖުދާން ދޭ ސަމާލުކަމާއި ބަހައްޓާ ޝަޢުޤުވެރިކަމާ ހުރެ އަޒޫ މިސް ހައިރާންވެއެވެ.
ނަޖުދާން ބުނީ، މަދަރބޯޑްގެ ބައެއް އެނދުމުން، އެ އެނދި ހިސާބެއް އަލުން ވައިރުކޮށްގެން ބޭނުން ކުރެވޭ ވަރަށް ހަދާލެވޭ ކަމަށެވެ. އެކަމަކު އެ މަސައްކަތް އާންމުކޮށް އެހެން މީހުންނަށް އޭނާ ނުކޮށްދެއެވެ. އެފަދަ މަސއްކަތް ކުރަނީ އަމިއްލަ ނޫނީ ސްކޫލުގެ އެއްޗެއް ހަލާކުވެއްޖެ ހާލަތެއްގައެވެ.
ސައުންޑްގެ ތެރެއިން ފޮޓޯގްރަފީއަށް
ސައުންޑްގެ ކަންތައްތަކުގެ ތެރެއިން ނަޖުދާން ދަނީ "ސަދަންއެމްވީ" އާ ގުޅިގެން ފޯޓޯވެސް ނަގައިދެމުންނެވެ. ސަދަންއެމްވީއަކީ އޭނާގެ ގާތް އެކުވެރިންގެ ބްރޭންޑެކެވެ.
އައްޑޫ ސިޓީގައި، ސައުންޑްގެ ޚިދުމަތްދޭ ފަރާތްތަކަކީ ނަޖުދާންގެ ގާތް އެކުވެރިންނެވެ. ފުޅާ ދާއިރާއެއްގައި އެ ޚިދުމަތް ދޭ ފަރާތްތަކުން ނަޖުދާނަށް ފުރުޞަތު ލިބެއެވެ. އޭނާގެ އެ މަސައްކަތަށް ބައެއް ފަހަރު އެކަށީގެންވާ އުޖޫރައެއް ވެސް ލިބެއެވެ.
" ބައެއް ފަހަރު ކައުންސިލުން ހިންގާ ބައެއް ހަރަކާތްތަކުގެ އޯޑިއޯ ބަލަހައްޓަ ދޭން، އެ އިވެންޓް ނަގައިގެން އުޅޭ ބަޔަކު އެކަށީގެންވާ އެއްޗެއް ވެސް ދޭ" ނަޖުދާން ކުރިއަށް ދާން ބޭނުންވަނީ ވެސް ސައުންޑްގެ ދާއިރާއިންނެވެ. އެ ދާއިރާއަށް ޚާއްޞަ އިންޖިނިއަރެއްގެ ގޮތުގައެވެ. އެހެންވެ ލިބޭ ކޮންމެ ފުރުޞަތަކަށް އޭނާ ބުނަނީ އާއެކޭއެވެ.
މުވައްޒަފެއް ނޫން، އެކަމަކު މުވައްޒަފެއްގެ އިހުސާސް
" ނަޖުދާން ސައުންޑްގައި ހުރެއްޖިއްޔާ ހާސްވާން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ. ދުރަށް ވިސްނާނެ. އެހާވެސް ފަރުވާތެރިވާނެ. އެހާ ބޮޑަށް ޑިޕެންޑްވެސް ވެވޭ މިހާރު" އަޒޫ މިސް މިފަހަރުވެސް ކުރީ ތަޢުރީފެވެ.
އަޒޫ މިސް ވިދާޅުވީ، ނަޖުދާނަކީ ބަސްއަހާ ބުނާގޮތަށް ހަދާ ދަރިވަރެއް ކަމަށެވެ. ކުރިއަށް ދިއުމަށް ފުރުޞަތު ހުޅުވާލަދީ ސްކޫލުން ފުރުޞަތު ދެވެނީ އެ އިތުބާރު އޭނާއަށް އޮންނާތީއެވެ. ސްކޫލުގެ ހުރިހާ މުވައްޒަފުންނާއި ޓީޗަރުންނާއި އެސްއެމްޓީއާއެކު ވެސް އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ.

ކުޅިވަރެއްގެ ގޮތުގައި ފެތުން، ކުރިއަށް ދާނީ ސައުންޑް އިންޖިނިއަރިންގ ދާއިރާއިން
ނަޖުދާނަކީ ފެތުމުގައި ވެސް ކާމިޔާބު ހޯދި ހުނަރުވެރި ދަރިވަރެކެވެ. ސްކޫލުގައި ބޭއްވި މުބާރަތްތަކުން ވެސް ވަނަ ހޯދިއެވެ. 12 އަހަރުން ދަށާއި 15 އަހަރުން ދަށުން އެއްވަނަ ސްކޫލުގެ މަޤާމް ހިތަދޫ ސްކޫލަށް ހޯދައިދިނުމުގައި ވެސް ނަޖުދާންގެ ޒިންމާ ބޮޑެވެ. އިންޓަރ ސްކޫލް މުބާރާތުގައި 12 އަހަރުންގެ ދަށުގެ ބައިން ދެވަނަ ވެސް އޭނާއަށް ލިބުނެވެ.

ނަޖުދާން ބޭނުންވަނީ ވެސް ކުރިމަގުގައި ކުރަން ބޭނުންވަނީ ސައުންޑް އިންޖިނިއަރިންގެ މަސައްކަތެވެ. ރަނގަޅު ސައުންޑް ސިސްޓަމެއް ހޯދައިގެން ވިޔަފާރިއަށް ވެސް އެކަން ކޮށްދޭން އޭނާ ބޭނުމެވެ.
މިހާރު އެންމެ ކުރަން ބޭނުންވަނީ، ސްކޫލުގެ ސައުންޑް ސިސްޓަމް އަޕްގުރޭޑް ކުރާށެވެ. ނިދުމުގެ ކުރިން ކޮންމެ ރެއަކު ވެބްސައިޓް ތަކުން އޭނާ ބަލަނީ އަގުހެޔޮކޮށް ރަނގަޅު ބްރޭންޑެއްގެ ސައުންޑް ސިސްޓަމެއް ލިބޭތޯއެވެ.
" ކޮންމެ ކޮންމެ އަގެއްގައި ސްކޫލަށް ސައުންޑް ސިސްޓަމެއް ނުގަނެވޭނެތާ! އެހެންވެ ސްކޫލަށް އެފޯޑަބަލް އަގެއްގައި ސައުންޑް ސިސްޓަމެއް ލިބޭތޯ ކޮންމެ ރެއަކު ޤަވާއިދުން ވެބްސައިތައް ޗެކްކުރަން"
advertisment
ހިޔާލު