ށ. ބިލެތްފަހީ ސްކޫލުން ކޮންމެ އަހަރަކު ވެސް ދަރިވަރުންނަށް ޚާއްޞަ ރޯދަވީލުމެއް ބާއްވައެވެ. އޮންމެ އަހަރަކު ވެސް ރޯދަވީއްލުން ބާއްވަނީ ބިލެތްފަހީގެ އަތިރިމަތީގެ ސަރަހައްދެއްގައި ދެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް ވަކިންނެވެ. ހެނދުނު ދަންފަޅީގައި ކިޔަވަމުންދާ ގުރޭޑް 6ން މަތީގެ ދަރިވަރުންނަށް މި އަހަރު ރޯދަވީއްލުން ބޭއްވީ އެރަށުގެ ބަނދަރު ބޮޑުކުރިއިރު ދެކުނު ފަރާތުގައި އަލަށް ހިންކި ބައިގައި ބޮޑުހިލަ ޖަހާފައި ހުރި ސަރަހައްދު އަތިރިމަތީގައެވެ. މިތަނަކީ އެކަހެރިކޮށް އޮންނަ، އިރުއޮއްސޭ މަންޒަރު ރީތިކޮށް ފެންނަ ސަރަހައްދެކެވެ.

ބިލެތްފަހީ ސްކޫލުގެ ލީޑިންގ ޓީޗަަރު އިސްމާއިލް ޝަރީފު ދަރިވަރު ނޫހަށް ވިދާޅުވީ، ކޮންމެ އަހަރަކުވެސް ބާއްވާ އެ ރޯދަވީއްލުމަށް ދަރިވަރުން އިންތިޒާރުކުރާ ކަމަށާއި ރޯދަވީއްލުން ބާއްވަނީ މޫދާ ކައިރީގައި އެންމެ ހިތްފަސޭހަ ސަރަހައްދެއްގައެވެ.
" ރޯދަވީއްލުމުގެ ގަޑިއެއްހާއިރު ކުރިން ދަރިވަރުން އެ ސަރަހައްދަކަށް އަޅުގަނޑުމެން ގެންދަން. ރޯދަވީއްލުމުގެ ކުރިން ދަރިވަރުންނަށް ދިނީ މައުލޫމާތު ދިނުމާއި ތަފާތު ވައްތަރުގެ ލުއި ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު ދެން" ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ހަރަކާތުގެ ތެރެއިން ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވާ ކަމަށައި ކުދިންގެ ތެރޭގައި އޮންނަ އެކުވެރިކަމަށް ވެސް ބޮޑު ބަދަލެއް އަންނަ ކަމަށެވެ.

" ކުދިންނަށް އުފާވެރި މާހައުލަކުން ރޯދަވީއްލުމެއް މި ދެނީ. ރަށްފުށުގެ އުފާވެރިކަން ރޯދަވީއްލުމުގެ ތެރެއިން ހޯދައި މިދެނީ" ޝަރީފު ވިދާޅުވިއެވެ.
ބިލެތްފަހީ ސްކޫލުގެ ފޭސްބުކް ޕޭޖުން އާންމުކުރި ފޮޓޯތަކުން ޕްރިންސިޕަލް ފާހަގަކުރެއްވި އެ މަންޒަރު ފެނެއެވެ. ދަރިވަރުން ތިބީ ކަރުދާސް ތައްޓަށް ހެދިކާއަޅައިގެން ބޮޑުހިލަތައް މަތީގައި ޖައްސާލައިގެންނެވެ. ކޮންމެ ކުއްޖެއްގެ ކައިރީގައި ފަނިތައްޓެއް ހުއްޓެވެ. އުފާވެރި އެ ހިންތުންވުމާއެކު އެ ދަރިވަރުން ރޯދަވީއްލިއިރު، އެކުދިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

ބިލެތް ފަހީ ސްކޫލުގައި 146 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. ހެނދުނު ދަންފަޅީގައި ކިޔަވަނީ 52 ދަރިވަރުން ނެވެ.
advertisment
ހިޔާލު