ތ. އަތޮޅު މަދަރުސާގެ ގުރޭޑް 7ގެ ދަރިވަރުންނާއި ބެލެނިވެރިންގެ ރޯދަވީއްލުމެއް ޔުގެންޑާ އާއި އެފްރިކާގެ ކުދިންނަށް

ތ. އަތޮޅު މަދަރުސާގެ ގުރޭޑް 7ގެ ދަރިވަރުންނާއި ބެލެނިވެރިން އިސްނަގައިގެން ޔުގެންޑާ އާއި އެފްރިކާގެ ކުދިންނަށް ރޯދަވީއްލުމެއް ދީފިއެވެ. ޔުގެންޑާ އާއި އެފްރިކާގެ 350 ކުދިންނަށް ރޯދަވީއްލުމެއް ހަދިޔާ ކުރީ "އަޤީޤާ މޯލްޑިވްސް" މެދުވެރުކޮށެވެ.

ތ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އުޝާ މޫސާ ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުގެ ގުރޭޑް 7ގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންގެ އިސްނެގުމުގެ މަތިން ޔުގެންޑާ އާއި އެފްރިކާގެ ކުދިންނަށް ރޯދަވީއްލުމެއް ހަމަޖައްސައި ދިނުމުން، އެ ގުރޭޑްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

" އެއީ ދަރިވަރުންނާއި ބެލެނިވެރިންގެ އިސްނެގުމެއް" އުޝާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ އިސްނެގުމުން ދޭހަވަނީ، ސްކޫލުން ފޯރުކޮށްދެވޭ ތައުލީމުގެ ބޭނުން ދިރިއުޅުމުގައި ވެސް ފެންނަމުންދާ ކަމަށާއި ދީނީ ގޮތުން، ރަނގަޅު މަގުން ދަރިވަރުން ކުރިއަށް ދާ ކަމުގެ އިހުސާސް ކުރެއްވޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ގުރޭޑް 7ގެ ދަރިވަރުންގެ މި އިސްނެގުމާއެކު އެހެން ގުރޭޑް ތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ވެސް އިސްލާމީ އެހެން ޤައުމުތަކުގައި އެހީއަށް ބޭނުންވެފައިވާ ކުދިންނަށް ރޯދަ ވީއްލުން ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް މިހާރު ކުރިއަށް ގެންދާ ކަމަށެވެ. އެހީ ފޯރުކޮށް ދެނީ، އެހީދޭ އެކި ޖަމާއަތް މެދުވެރިކޮށް ކަަމަށް ވެސް އުޝާ ވިދާޅުވިއެވެ.

" ވަރަށް އުފާވޭ، ދަރިވަރުންނާއި ބެލެނިވެރިންގެ މި އިސްނެގުމަށް" އުޝާ ވިދާޅުވިއެވެ.

ތ. ގުރައިދޫގައި ހުންނަ އެ އަތޮޅު މަދަރުސާގައި 400 އާ ކައިރިކުރާ އަދަދަކަށް ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *