ހިރިޔާގެ ފެހިމަދަރުސާގެ ތެރެއިން ދަރިވަރުން ހެއްދި ލެޓިއުސް ކުޑައިރުކޮޅެއްގެ ތެރޭގައި ވިކިއްޖެ

ހިރިޔާގެ ފެހިމަދަރުސާގެ ތެރެއިން އެންވަޔަރަމަންޓް ކުލަބުގެ ދަރިވަރުން ހެއްދި ލެޓިއުސް، ކުޑައިރުކޮޅެއްގެ ތެރޭގައި ވިކި ހުސްވެއްޖެއެވެ. ލެޓިއުސް ވިއްކީ އެ ސްކޫލުގެ ސްޓާފުންނަށާއި ބެލެނިވެރިންނަށެވެ. ފުރަތަމަ ބުރުގައި 130 ބޮނޑި (17 ކިލޯ) ލެޓިއުސް ވިއްކާފައިވެއެވެ.

ހިރިޔާގެ ޓެރަސްގައި ހަދާފައިވާ ގްރީން ހައުސްއާއި ލެޓިއުސް ހައްދަން ޤާއިމް ކުރި ހައިޑްރޯފޯނިކްސް ސިސްޓަމަކީ ލަކްސް ރިސޯޓުގެ އެހީތެރިކަމާއެކުގައި ޤާއިމް ކުރި ވަޞީލަތެކެވެ. ލެޓިއުސް ހައްދަން ބޭނުންވާ މައުލުމާތާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނީ ވެލްނެސް މެޓަރސްއިންނެވެ.

ހިރިޔާގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވީ، ލެޓިއުސް ހައްދަން ޚާއްޞަ ޝައުޤުވެރިކަމެއް ދަރިވަރުން ދިން ކަމަށާއި ހުރިހާ މަރުހާލާއެއްގައި ވެސް ހުރިހާ މަސައްކަތެއް ކުރީ ދަރިވަރުން ކަމަށެވެ.

ޕްރިންސިޕަލް ވިދާޅުވީ، ފެހިމަދަރުސާގެ ތެރެއިން އެ ސްކޫލުގައި ބީންސްއާއި ކިއުކަމްބާއާއި ޓޮމާޓޯއާއި މެލަން ހެއްދުމުގެ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ރިންޒީ ވިދާޅުވީ، ފެހިމަދަރުސާގެ ތެރެއިން އެ ސްކޫލުގެ ކޮންމެ ކުލާހެއްގެ ކުރިމަތީގައި "ކޮރިޑޯ ގަރޑްން" އެއް ތައްޔާރުކޮށްފައިވާނެ ކަމަށާއި އެތަނުގައި ގަސް އިންދައި ފެންދީ ހައްދައި ބަލަހައްޓާނީ އެ ކުލާހެއްގެ ދަރިވަރުން ކަމަށެވެ. އެކަން ކުރުމަށް ކޮންމެ ކުލާހަކުން، ފެހިފަހި ލީޑަރެއް ހަމަޖައްސާގައިވާނެ ކަމަށް ވެސް ރިންޒީ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *