50 މީޓަރަށް ފަތައިގެން ސްވިމިން އެސޯސިއޭޝަންގެ ސެޓްފިކެޓް މި ދެ ދަރިވަރުން ވަނީ ހާޞިލްކޮށްފައި
ސްކޫލްތަކުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން ލ. އަތޮޅުގައި މިހާރު ކުރިއަށް ގެންދާ "ފަތާލާމު" ޕްރޮގްރާމުގައި ބައިވެރިވެ ޚާއްޞަ އެހީއަށް ބޭނުންވާ ދެ ދަރިވަރުން ފަސް ދުވަހުން ފަތަން ދަސްކޮށްފިއެވެ. 50 މީޓަރަށް ފަތައިގެން ސްވިމިން އެސޯސިއޭޝަންގެ ސެޓްފިކެޓް ވެސް އެ ދަރިވަރުން ހާޞިލްކޮށްފައި ވެއެވެ.
ފަތަން ދަސްކޮށް ސެޓްފިކެޓް ހާޞިލްކުރީ، އިހައްދޫ ސްކޫލުގެ ގުރޭޑް 7ގައި ކިޔަވަމުން އަންނަ ހުސައިން މާނިއު 15އ، އާއި ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ ގުރޭޑް 4ގައި ކިޔަވަމުންދާ ޒަކިން އިސްމާއިލް ޒަކީ 10އ އެވެ. މި ދެ ދަރިވަރުންނަކީ ވެސް އޯޓިޒަމްގެ އުނދަގޫ ހުންނަ ދެ ދަރިވަރުންނެވެ.

ފަތާލާމު ޕްރޮގްރާމް ކުރިއަށް ގެންދަނީ ފުލުހުންނާއި ސްޕޯޓްސް މިނިސްޓްރިއާއި ސްވިމިން އެސޯސިއޭޝަންގެ އިތުރުން ލ. ގަމު ކައުންސިލާ ގުޅިގެންނެވެ. ދަރިވރުންނަށް ފަތަން ދަސްކޮށް ދިނުމުގައި އިސްކޮށް މަސައްކަތް ކުރަނީ ފަތަން ދަސްކޮށްދިނުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ނައުފަލް މޫސާއެވެ.
ފަތާލާމު ޕްރޮގްރާމުގެ ދަށުން ފަތަން ދަސްކޮށްދިނީ ހަމަދު ސްކޫލާއި އިހައްދޫ ސްކޫލުގެ ދަރިވަރުންނަށެވެ.
އިހައްދޫ ސްކޫލުން ބުނީ އެ ސްކޫލުގެ 9-1 ގެ 193 ދަރިވަރުންނަށް ފަތަސް ދޮސްދީފައިވާ ކަމަށާއި އޭގެ ތެރެއިން 61 ދަރިވަރުންނަކީ ގުރޭޑް 3ން ދަށުގެ ދަރިވަރުން ކަމަށެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ފަސް ދަރިވަރުން މި ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު، 50 މިޓަރަށް ފެތި ދަރިވަރުގެ އިތުރުން އިތުރު ދަރިވަރަކު 25 މީޓަރުގެ ފެތުން ފުރިހަމަކުރި ކަމަށް އެ ސްކޫލުން ބުނެއެވެ.
ހަމަދު ސްކޫލުން ބުނީ، ފަތާލާމު ޕްރޮގްރާމުގައި އެ ސްކޫލުން 293 ދަރިވަރުން ބައިވެރިވެ 224 ދަރިވަރުން ޕްރޮގްރާމް ފުރިހަމަކޮށް ފަތަން ދަސްކޮށްފައިވާ ކަމަށެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ދެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުން އާއިލާގެ ޝުކުރު ނައުފަލްއަށް
ޚާއްޞަ އެހީއަށް ބޭނުންވާ ދެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުން އެ ދެ ދަރިވަރުންގެ އާއިލާއިން ޚާއްޞަ ޝުކުރެއް ނައުފަލްއަށް ރައްދުކުރެއެވެ.

" އަޅުގަނޑު މި ހުރީ ހައިރާންވެފައި ދަރިފުޅަށް އެހާ އަވަހަށް ފަތަން ދަސްކޮށްދެވުނީމާ. އެއީ ވަރަށް ރަނގަޅަށް ހިންގި ޕްރޮގްރާމެއް. އިސްކޮށް މަސައްކަތް ކުރި ނައުފަލް ވަރަށް ކުޅަދާނަ ވެގެން ފަސް ދުވަހުގެ ތެރޭގައި ދަރިފުޅަށް ފަތަން ދަސްކޮށް ދެވުނީ" މާނިއުގެ ބައްޕަ އަބްދުލް ޣަފޫރު ހުސައިން ދަރިވަރު ނޫހަށް ބުންޏެވެ.

ޒަކިންގެ މަންމަ ބުނީ، އޭނާގެ ދަރިފުޅު މޫދަށް ދާއިރު ފުން ހިސާބަށް ދާން ބޭނުންވާ ކަމަށާއި އެކަން ނުކުރެވެނީ ފަތަން ނޭނގޭތި ކަމަށެވެ. އެހެންވެ ދަރިފުޅަށް ފަތަން ދަސްވުމަކީ އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ސިފަކުރިއެވެ. އެކަމަށްޓަކައި ނައުފަލްއަށް އޭނާ ވެސް ޝުކުރުއަދާކުރިއެވެ.
advertisment
ހިޔާލު