ދިހަ އަހަރު ދުވަހަށްފަހު، ރ. އުނގޫފާރު ސްކޫލުގެ 96 ކެޑޭޓުން ހުވާކޮށް ހަތިޔާރު އެ ދަރިވަރުންނަށް ދީފިއެވެ. ދަރިވަރުންނަށް ހަތިޔާރު ހަވާލުކުރީ އެކަމަށް ޚާއްޞަކޮށްގެން އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އުނގޫފާރުގައި ކެޑޭޓް ހަރަކާތް ފެށީ 2001 ވަނަ އަހަރުއެވެ. އެ އަހަރު ހުވާކޮށް ހަތިޔާރު ހަވާލު ކުރިއެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ކެޑޭޓްގެ ހަރަކާތް ފަށައި ކެޑޭޓުން ހުވާކުރިއެވެ. ކެޑޭޓް ހަރަކާތް އެންމެ ފަހުން ހުއްޓުނީ 2017 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން 2019ވަނަ އަހަރު އަލުން ފެށުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ކޮވިޑް 19އާ ގުޅިގެން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އޭގެ ފަހުން ކެޑޭޓްގެ ހަރަކާތް ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އުނގޫފާރު ސްކޫލުން ބުނީ، ކެޑޭޓް ހަރަކާތުގައި ބައިވެރިވާން ހުޅުވާލުމުން 150އަށްވުރެ ގިނަ ކުދިން ޝައުޤުވެރިވި ކަމަށާއި ތަފާތު އެކި ސަބަބުތަކާހުރެ ހުވާކުރުމާ ހަމައަށް ތިބީ 96 ދަރިވަރުން ކަމަށެވެ. އެ ދަރިވަރުން ހުވާކުރީ 4 މަސް ދުވަހުގެ ޓްރެއިނިންގ އަށްފަހު ކަމަށް އުނގޫފާރު ސްކޫލުން ބުނެއެވެ.
ކެޑޭޓް ހަރަކާތުގެ އިތުރުން ގާލްގައިޑްގެ ހަރަކާތްތައް ވެސް މި އަހަރު ފަށަން އެ ސްކޫލުން މަސައްކަތް ފެށިއެވެ. ދިރާސީ އަހަރުގެ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އެ ހަރަކާތް ފެށުން އަންނަ އަހަރަށް މިހާރު ވަނީ މަޑުޖައްސާލާފައެވެ.
advertisment
ހިޔާލު