މަލްޓި ކެމެރާ ސެޓަޕެއްގައި ފުޓްބޯޅަ މެޗެއް ލައިވްކޮށްދީގެން ދ. އޭއީސީގެ ދަރިވަރުން ތާރީޚުގެ ތެރެއަށް

މަލްޓި ކެމެރާ ސެޓަޕެއް ބޭނުން ކޮށްގެން ދ. އޭއީސީގެ ދަރިވަރުން ފުޓްބޯޅަ މެޗެއް ލައިވްކޮށްދީފިއެވެ. މިއީ ރާއްޖޭގައި މިފަދަ ހަރަކާތެއް ސްކޫލްތަކެއްގެ ދަރިވަރުން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ސްކޫލުގެ ދަރިވަރުން ވަނީ ދ. އަތޮޅު ޤުރުއާން މުބާރާތުގެ ސައުންޑް ކަންތައް ބަލަހައްޓާދީފައެވެ.

ދ. އޭއީސީގެ އާޓް އެންޑް މީޑިއާ ކްލަބް މީޑިއާ ޕްރޮޑަކްޝަން ޓީމުން ލައިވް ކޮށްދިނީ، ކީސޭޓް ތިނެއްގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗާއެކު ނިންމުގެ ރަސްމިއްޔާތެވެ. ލައިވް ކުރީ އެ ސްކޫލުގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމް މެދުވެރިކޮށެވެ. މިއީ މީޑިއާ ކުލަބުގެ ދަރިވަރުންނަށް ލައިވް ކެމެރާ ޕްރޮޑަކްޝަން ދަސްކޮށްދޭން އަމަލީ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މެޗްލައިވް ކުރުމަށް ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ވެސް ކޮށްފައި ވަނީ ދަރިވަރުން އަމިއްލައަށެވެ.

މި ޕްރޮޑަކްޝަންގައި ދަރިވަރުން ދަސްކުރީ:

* ކުޅިވަރު ހަރަކާތެއްގައި ގިނަ ކެމެރާ ސެޓަޕެއް ބޭނުންކޮށްގެން ޝޮޓް ހަދާނެ ގޮތް

* ވައިޑް ކެމެރާ ޝޮޓްސް، ފްރޭމިން އަދި ކްލޯޒްއަޕް ކެމެރާ ޝޮޓްސް

* މަލްޓި ކެމެރާ ލައިވް ޕްރޮޑަކްޝަނެއްގެ ޕްރޮޑަކްޝަން ފްލޯ ދަސްކުރުން.

* އިންޓަކޮމް ސިސްޓަމެއް މެދުވެރިކޮށް މުވާސަލާތީ ހުނަރު.

* ލައިވް ބްރޯޑްކާސްޓިން ވީޑިއޯ ސްވިޗާއި ޕޯސްޓް ޕްރޮޑަކްޝަން ސްކިލްސް އޮޕަރޭޓް ކުރާނެ ގޮތް.

* ބޫމް މައިކެއް އޮޕަރޭޓްކުރާނެ ގޮތާއި ކުޅިވަރު ކުޅޭ ތަނެއްގެ ގުދުރަތީ އޯޑިއޯ ބެލެހެއްޓޭނެ ގޮތާއި ތަފާތު 2 އޯޑިއޯ މިކްސަރު މެދުވެރިކޮށް ސްޓޭޖް އޯޑިއޯ މައިކްރޯފޯން ބަލަހައްޓާނެ ގޮތް.

ވީޑިއޯ އަދި އޯޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތް މީޑިއާ ކުލަބުގެ ދަރިވަރުންނަށް ދަސްކޮށް ދެނީ އެ ސްކޫލުގެ ސަޕޯޓް ސްޓާފެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހުސައިން ރަޝީދެވެ.

ދަރިވަރު ނޫހަށް ހުސއަިން ބުނީ، އާޓް އެންޑް މީޑިއާ ކުލަބުގެ ދަރިވަރުންނަށް، ކޮންމެ ދާއިރާއަކުން އެދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޭސިކް ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށާއި، ކޮންމެ ދަރިވަރަކީ އެ ދަރިވަރަކާ ހަވާލުވެފައިވާ މަސައްކަތެއްގައި ކުރިއަރަމުން އަންނަ ދަރިވަރެއް ކަމަށެވެ.

" ކެމެރާކުރަން ވިޔަސް އެޑިޓް ކުރަން ވިޔަސް ނޫނީ ސައުންޑް ހަދަން ކަމަށް ވިޔަސް އެ ދާއިރާއަކުން އިންޓްރެސްޓް ހުންނަ ދަރިވަރުން ނަގައިގެން އެ ދަރިވަރުންނަށް ބޭސިކް ތިޔަރީބައި ކިޔައިދީ، އަމަލީ ގޮތުން މަސައްކަތް ކުރުވައިގެން ކޮންފިޑެންސް ހޯދައިދެނީ" ހުސައިން ބުންޏެވެ.

ދ. އޭއީސީން ބުނީ، ހަރަކާތުގައި އަޅުގަނޑުމެންގެ އަމާޒަކީ ޕްރޮފެޝަނަލް މަލްޓި ކެމެރާ ލައިވް ޕްރޮޑަކްޝަން މާހައުލެއްގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ދަރިވަރުންނަށް ހޯދައިދިނުމެވެ. ހުރިހާ އިންތިޒާމެއް ހަމަޖައްސާފައި ވަނީ ޓީވީ ބްރޯޑްކާސްޓިންގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވެސް އެ ސްކޫލުން ފާހަގަ ކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *