ވޯޓަރ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމަށް ފަންނީ މީހުން ބިނާކުރަން ތުލުސްދޫގައި އަޅާ ޕޮލިޓެކްނިކް އިންސްޓިޓިއުޓްގެ ބިންގާއަޅައިފިއެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި، ބިންގާ އެޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ޑރ. މަރްޔަމް މާރިޔާ އާއި ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ.
ކ.ތުލުސްދޫގައި ތަރައްޤީކުރާ މި ޕޮލިޓެކްނިކް ޚާއްޞަ ކޮށްފައިވަނީ ވޯޓަރ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގާނެއެވެ.

މި މަޝްރޫޢަކީ، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ޢިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން ކުރާ އުސޫލުން (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލްގައި) ކުރުމަށް ވިލާ އެޑިޔުކޭޝަނަލް ސަރވިސަސް އާ ހަވާލުކުރެވިގެން ކުރިއަށްދާ މަސައްކަތެކެވެ.
ޕޮލިޓެކްނިކް އިންސްޓިޓިއުޓްގެ ޢިމާރާތް ތުލުސްދޫގައި ކުރަނީ 32،581.25 އަކަފޫޓްގެ ބިމެއްގައެވެ. އަދި މި އިންސްޓިޓިއުޓުގައި ވޯޓަރ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގަން 1208.33 އަކަފޫޓުގެ ބިމެއް، ތުލުސްދޫގެ އަތިރިމަތިން ވަނީ ހަމަޖައްސާފައެވެ.
މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓްގެ ބައިތަކުގެ އިތުރުން އެކޮމަޑޭޝަންގެ ޚިދުމަތާއި، އިންސްޓިޓިއުޓްގައި ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްޤީކުރެވިގެން ދާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ކްލާސް ރޫމްތަކާއި، އައި. ސީ. ޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައް ވެސް ހުންނާނެއެވެ. މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓާއި ފަސްޓްއެއިޑްގެ ޚިދުމަތް ފަދަ އަސާސީ ކަންކަން ވެސް ހިމެނިފައިވާނެއެވެ.

މި އިންސްޓިޓިޔުޓުގެ ސަބަބުން، ރަށުގެ ޒުވާނުންނަށް އަމިއްލަ ފަސްގަނޑުގައި އާއިލާ އާއިއެކު ތިބެގެން، އެ ޒުވާނުންނާ އެކަށޭނަ، އެ ޒުވާނުންގެ ހުރި ހުނަރު އިތުރަށް ތަރައްގީކޮށް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި، މި ފުރުސަތުތަކުގެ ބޭނުން ހިފާ ޒުވާނުންނަށް އެކަށޭނެ އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދުމަށް މަގުފަހިވެގެން ދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް މިނިސްޓަރ ޑރ.މަރްޔަމް މާރިޔާ ވާހަކަފުޅުގައި ފާހަގަ ކުރެއްވެވިއެވެ. އަދި މިކަން ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށްޓަކައި، މިކަމުގައި މަސައްކަތްތައް ކޮށްދެއްވި އަދި ކުރަމުން ގެންދަވާ ތުލުސްދޫ ކައުންސިލަށާއި ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
advertisment
ހިޔާލު