ދިރާސީ މަސައްކަތްތައް އިތުރުކުރުމަށް އައިޔޫއެމްއިން އާ ޕޮލިސީއެއް ތަޢާރަފުކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރެވޭ ދިރާސީ މަސައްކަތްތައް ފުޅާކޮށް ޤައުމަށް ބޭނުންވާ ދިރާސާތައް ހަދައި، ޢިލްމީ ލިޔުންތައް ޝާއިޢުކުރުން އިތުރުކުރުމަށް އާ ޕޮލިސީއެއް އެ ޔުނިވަރސިޓީން ތަޢާރަފުކޮށްފިއެވެ.

މި ޕޮލިސީގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ މުއައްސަސާއަކަށް ވެސް އިސްލާމީ ޔުނިވަރސިޓީ އާ ގުޅިގެން ދިރާސީ މަސައްކަތް ކުރެވޭނެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން ކުރެވޭ ދިރާސީ ނުވަތަ ކޮންސަލްޓެންސީ މަސައްކަތްތަކުގައި ދެފަރާތަށް ފައިދާކުރަނިވި ގޮތަށް، އެއްބަސްވުމެއްގައި ސޮއިކުރެވި ކުދި ފަންޑުގެ އެހީގައި މަސައްކަތްކޮށްދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް ޔުނިވަރސިޓީން ބުނެއެވެ.

އިސްލާމިކް ޔުނިވަރސިޓީން އަލަށް އެކުލަވާލި މި ޕޮލިސީގެ ދަށުން ފުރަތަމަ ދިރާސީ މަސައްކަތުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މިއަދު ސޮއިކުރީ ހިލޭސާބަހަށް މަސައްކަތްކުރައްވާ ޖަމުޢިއްޔާއެއް ކަމަށްވާ ފެމިލީ ފައުންޑޭޝަނާ އެކުގައެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޑީވީސީ ރިސަރޗް އެންޑް އިނޮވޭޝަން، ޑރ ވިސާލް މޫސާއެވެ. މޯލްޑިވްސް ފެމިލީ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖަމްޢިއްޔާގެ ރައީސާ، އާފިޔާ ޢަބްދުލް ޢަޒީޒެވެ.

މޯލްޑިވްސް ފެމިލީ ފައުންޑޭޝަން (އެމް އެފް އެފް)ގެ އިސްނެންގެވުމާއެކު އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން މިފަދަ ދިރާސީ މަސައްކަތެއް ވިލަރެސްކުރަން ފުރުސަތު ފަހިވުމަކީ އެ ޔުނިވަރސިޓީއަށް ލިބުނު ނުހަނު ބޮޑު ފަޚްރެއް ކަމަށް އިސްލާމިކް ޔުނިވަރސިޓީން ފާހަގަކުރެއެވެ.

ފެމިލީ ފައުންޑޭޝަންއިން މާލީ އެހީތެރިކަމާއެކު އިސްލާމިކް ޔުނިވަރސިޓީން ކުރާ ދިރާސާ ވެގެން ދާނީ ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުރައްކާތެރިކަން ނައްތާލުމަށް ޓަކައި ބޭނުންވާ ޤަވާޢިދުތަކާއި އުޞޫލުތައް ތަންފީޒުކުރުމަށް އެހީތެރި ވެދޭނެ މަސައްކަތަކަށެވެ. މިކަމަކީ ފެމިލި ފައުންޑޭޝަންގެ ފަންޑުގެ ދަށުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަށް ޓަކައި ކުރާ ވަރަށް މުހިންމު މަސައްކަތެކެވެ. މިފަދަ މަސައްކަތެއްގައި އިސްލާމީ ޔުނިވަރސިޓީއާ އިޚްތިޔާރު ކުރެއްވި ކަމަށް ޓަކައި އެފައުންޑޭޝަންގެ ހިއްސާދާރުންނާއި އިސްވާރުންނަށް އެ ޔުނިވަރސިޓީން ޚާއްޞަ ޝުކުރެއް ރައްދުކުރަމެވެ.

އިސްލާމިކް ޔުނިވަރސިޓީން ބުނީ، އެހެން މުއައްސަސާތަކާ އެކު ވެސް ދިރާސީ މަސައްކަތްތަކާއި އެ މުއައްސަތަކުން ބޭނުންވާ ތަފާތު ޑާޓާތައް ތަހުލީލުކޮށްދީ ނަތީޖާތައް ޝާއިޢުކުރުމަށް ފުރުސަތު ހުޅިވާލާފައިވާ ކަމަށެވެ. ރާއްޖޭގެ ގިނަ މުއައްސަސާތަކަށް ދިރާސީ މަސައްކަތްތައް ކުރުމަށް ގިނަފަހަރު އޮންނަނީ ވަގުތު ނުލިބިފައި ކަމަށާއި ދިރާސީ މަސައްކަތްކުރާ ބަޔަކާ އެކު ބައިވެރިވެގެން އެފަދަ ފުރުސަތު ފަހިވުމަކީ ދިވެހިރާއްޖޭގައި ޢިލްމީ ޝާއިޢުކުރުންތައް އިތުރުކުރުމަށް ލިބޭ ފުރުޞަތެއްކަން އެ އެޔުނިވަރސިޓީން ފާހަގަކުރެއެވެ. މިޒަމާނުގައި ތަނުގެ މަސައްކަތުގެ ފެންވަރު ބެލެނީ އެތަނެއްގެ ޢިލުމީ އަދި ދިރާސީ ހެކިތަކުގެ އަލީގައި ކަމަށާއި އިސްލާމީ ޔުނިވަރސިޓީއިން މިފެށި މަސައްކަތަކީ ހުރިހާ މުއައްސަސާއަކަށް އަދި މުޅި ގައުމަށް ވެސް އެއިން ލާބައާ މަންފާ ލިބޭގޮތަށް ހުޅުވިފައިވާ ފުރުސަތެއްކަން އެ ޔުނިވަރސިޓީން ހާމަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *