ޣާޒީ ސްކޫލްގެ ސްޓުޑެންޓް ލީޑާރސް ކައުންސިލުގެ "ދަރުމަވެރި" މަސައްކަތުގެ ތެރެއިން، ކައުންސިލުން އިސްނަގައިގެން މި ރަމްޟާން މަހު މިސްކިތަށް "އިފްތާރުޕެކް" ހަދިޔާކުރުމުގެ ޕްރޮގެރާމެއް ކުރިޔަށްގެންދަން ނިންމައިފިއެވެ.
މި ޕްރޮގްރާމްގެ މަޤްސަދަކީ އެސްއެލްސީ ދަރިވަރުންގެ ހިތްތަކުގައި ހެޔޮޢަމަލު ކުރުމުގެ ލޯބި އުފެއްދުމާއެކު އެފަދަ ކަންކަން ކުރާނޭގޮތުގެ ޢަމަލީ ތަޖްރިބާ ހޯދައިދިނުމަށް މަގުފަހިކޮށް ދިނުމެވެ. ހަމަ އެއާއި އެކު ދަރުމަވެރި މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ދަރިވަރުންގެ ކިބާގައި އަށަގެންނެވުމަކީވެސް މިޕްރޮގްރާމްގެ މަޤްސަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިޙަރަކާތުގައި ޖުމްލަ 1000 "އިފްތާރުޕެކް" އެސްއެލްސީގެ ފަރާތުން ހަދިޔާކުރާގޮތަށް ހަމަޖެހިފައިވާކަން ކައުންސިލުގެ، މިޙަރަކާތް އިންތިޒާމުކުރާ ކޮމެޓީއިން މަޢުލޫމާތު ދެއެވެ.
ދަރިވަރުންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގައި ބެލެނިވެރިން ދެއްވާ ދީލަތި އެހީތެރިކަމާއި އެއްބާރުލުން ޝުކިރުވެރިކަމާއެކު ބަލައިގަންނަވާކަން ސްކޫލުން ފާހަގަކުރެއެވެ.
އެސްއެލްސީގެ އިސްދަރިވަރުން މަޢުލޫމާތު ދޭގޮތުގައި، މިޕްރޮގްރާމް އިންތިޒާމު ކުރެވިފައި ވަނީ ދަރިވަރުން ގްރޫޕްތަކަކަށް ބަހާލައިގެންނެވެ. ބެލެނިވެރިންގެ އެހީތެރިކަމާއެކު އެދުވަހަށް ކަނޑައަޅާ ގްރޫޕް، އެކުދިންގެ ޕެކް ސްކޫލަށް ގެންނާނެއެވެ. މިސްކިތަށް އިފްތާރުޕެކް ގެންގޮސް ދޭނީ އެސްއެލްސީގެ ފިރިހެން ދަރިވަރުންނެވެ. މިއިންތިޒާމު ހަމަޖެއްސުމުގައި ދަރިވަރުންނަށް އެހީތެރިވެ ދެއްވާނީ ބެލެނިވެރިންނާއި ސްކޫލްގެ ފިރިހެން ޓީޗަރުންނެވެ.
އިސްލާމްދީނުގެ އިޖްތިމާޢީ އަސާސަކީ އިސްލާމީ އަޚްވަންތަ ކަމަށް ވީހިނދު މިފަދަ ޙަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އަޚުވަންތަކަން އިތުރުވެ އިޖްތިމާޢީ ފޭރާން ވަރުގަދަވެގެންދާނެ ކަމަށް ޣާޒީ ސްކޫލުން އުންމީދު ކުރެއެވެ.
advertisment
ހިޔާލު