ހަމުގެ ބައްޔަކަށް ފަރުވާ ހޯދަމުންދާ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ ގުރޭޑް 9B2 ގެ ދަރިވަރު، ފާތިމަތު އިންޝާ ހަސަން ވަލީދަށް އެހީވާން ކުލާސް ދަރިވަރުން ޚާއްޞަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ޕްރޫރިގޯ ނޮޑުލާރިސް ނަކަމަށް ކިޔާ ހަމުގެ ބައްޔަކަށް، އިންޑިޔާއިން މިހާރު ފަރުވާ ހޯދަމުންދާ އިންޝާއަށް އެހީވުމަށް ކުލާސް ކުދިންގެ އިސްނެގުމާއެކު ފަންޑް ރައިޒިން ޕްރޮގްރާމެއް ޙަމަދު ސްކޫލުގައި މިއަދު ބޭއްވި ޚާއްޞަ އެސަމްބްލީގައި އިފްތިތާޙުކޮށްފައެވެ. މި އެސަމްބްލީގައި ބެހެއްޓި ފަންޑު ފޮއްޓަށް އެ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން ވަނީ ފައިސާގެ އެހީތެރިކަން ވެ ދީފައެވެ.

ޙަމަދު ސްކޫލުގެ ލީޑިންގ ޓީޗަރު، މުޙައްމަދު އަޙްމަދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ފަންޑްރެއިޒިންގ ޕްރޮގްރާމަކީ އަންނަ ރޯދަމަހާ ޖެހެންދެން ކުރިއަށް ގެންދަން، އިންޝާގެ ކުލާސް ކުދިން ފެށި ޕްރޮގްރާމެއް ކަމަށާއި އެ ހަރަކާތުގައި އިސްކޮށް މަސައްކަތް ކުރަމުން އަންނަނީ ވެސް ކުލާސް ދަރިވަރުން ކމަށެވެ.
" މިއީ ދަރިވަރުން އިސްނަގައިގެން ދަރިވަރަކަށް އެހީވާން ހިންގާ މުހިންމު ހަރަކާތެއް. ދަރިވަރުން ތަކެއްގެ އިސްނެގުމެއް" މުޙައްމަދު އަޙްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިންޝާގެ ބަލީގެ ގޮތުން ސްކޫލުގެ ރަސްމީ ޔުނީފޯމް ލައިގެން ސްކޫލަށް އަންނަން އުނދަގޫ ވާތީ އެކްޓިވިޓީ ޔުނީފޯމް ލައިގެން ސްކޫލަށް އައުމުގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށެވެ.
މުޙައްމަދު އަޙްމަދު ވިދާޅުވީ، އިންޑިޔާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ބަލީގެ ގޮތުން ދިގު މުއްދަތަކަށް އެޑްމިޓް ކޮށްގެން ފަރުވާ ކުރަން ޖެހޭ ކަމަށް އިންޑިޔާގެ ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފައިވާ ކަމަށެވެ.
" ބޭސްފަރުވާގެ ކަންތައްތައް އާސަންދައިން ހަމަޖެހުނަސް، އެހާ ގިނަ ދުވަހު އިންޑިޔާގައި ތިބުމަކީ އެއީ ފަސޭހަ ކަމެއް ނޫން. އެ އާއިލާއަށް މިހާރު ބޭނުން ވަނީ މާލީ އެހީތެރިކަމެއް. އެހެންވެ ކުލާސް ދަރިވަރުން އިސްނަގައިގެން ފަންޑްރައިޒިންގ ހަރަކާތެއް ކުރިއަށް ގެންދަނީ ވެސް" މުޙައްމަދު އަޙްމަދު ވިދާޅުވިއެވެ.

ދަރިވަރުންނަށާއި މުވައްޒަފުންނަށް ދިމާވާ މިފަދަ އުނދަގޫ ހާލަތުގައި އެހީތެރިވުމަކީ އެއީ ޙަމަދު ސްކޫލުގެ ސަޤާފަތުގެ ތެރޭގައި އޮންނަ ރީތި އާދައެކެވެ. މީގެ ކުރިން ވެސް ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ދަރިވަރަކަށް އެ ދަރިވަރުގެ ކުލާސް ކުދިން ވަނީ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ އެއްކޮށްފައެވެ.
ޙަމަދު ސްކޫލުގެ ޕްރިންސިޕަލް ޝައުކަތު ލަތީފު ވިދާޅުވީ، މިއީ ދަރިވަރުން ތަކެއްގެ ނަމޫނާ އިސްނެގުމެއް ކަމަށާއި މީގެ ކުރިން ވެސް މިފަދަ ނަމޫނާ މަސައްކަތެއް ދަރިވަރުން އިސްނަގައިގެން ކޮށްފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ އެ އިސްނެގުމަށް މުޅި މުޖްތަމަޢާއި ރާއްޖޭގެ އެކި ސްކޫލު ތަކުން ވަރަށް ބޮޑަށް ބައިވެރިވުމާއި އެހީތެރިކަން ލިބުނު ކަމަށެވެ.

" މިއީ ދަރިވަރުންގެ ކިބައިން ފެންނަންޖެހޭ ރީތި ސިފައެއް. އެކަކު އެނަކަކަށް އެހީތެރިވުމާ، އަޅާލާ އޯގާތެރިކަން އިސްކުރުން. މިކަން ޙަމަދު ސްކޫލުގެ ދަރިވަރުންގެ ފަރާތުން ފެންނާތީ އަޅުގަނޑު ވަރަށް ފަޚުރުވެރިވަން. މި ނަމޫނާ އިސްނެގުމަށް އެ ކުލާސް ކުދިންނަށް ޝުކުރާއި ތައުރީފު ޙައްޤު. މި ކަމުގައި އެހީތެރިވާ އެންމެންނަށް ވެސް ޝުކުރު ދަންނަވަން" ޙަމަދު ސްކޫލުގެ ޕްރިންސިޕަލް ޝައުކަތު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އިންޝާއަށް އެހީވުމުގެ ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވުމަކީ ޙަމަދު ސްކޫލުގެ ދަރިވަރުންގެ ވަރަށް ބޮޑު އެދުމެކެވެ، ޚާއްޞަކޮށް އިންޝާގެ ކުލާސް ދަރިވަރުން ގެއެވެ.
އެހީވާން ބޭނުންނަމަ،( 7703363563102 އާމިނަތު ޒީނާ )
އިތުރު މައުލޫމާތު ބޭނުން ނަމަ: 7939780 މުހައްމަދު އަޙްމަދު ( ލީޑިންގ ޓީޗަރު ޙަމަދު ސްކޫލް)
advertisment
ހިޔާލު