ޤައުމީ ކެޑޭޓް ކޭމްޕް 120 ދަރިވަރުންނާއެކު ގިރިފުށީގައި

23 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ކ. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ފަށައިފިއެވެ. މި ކޭމްޕް ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސްއެވެ.

މި ކޭމްޕް ކުރިއަށް ދާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަށެވެ. މި ފަހަރުގެ ކޭމްޕްގައި 42 ސްކޫލަކުން 120 ކެޑޭޓުން ބައިވެރިވެއެވެ. އެއީ 80 ފިރިހެން ދަރިވަރުންނާއި، 40 އަންހެން ދަރިވަރުންނެވެ.

ކެޑޭޓް ކޭމްޕް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ކޭމްޕުގެ މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ކެޑޭޓް ކޭމްޕުގެ ޗީފް އިންސްޓްރަކްޓަރ ކެޕްޓަން މުޙައްމަދު ހުޝާމު މޫސާއެވެ. އަދި ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޭމްޕުގެ ސީނިއަރ އެންލިސްޓެޑް ލީޑަރ ސާޖަންޓް މޭޖަރ މުޙައްމަދު ޒުލާލެވެ.

ނެޝަނަލް ކެޑޭޓް ކޯއިން ބުނީ, މި ކެޑޭޓް ކޭމްޕްގައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ހިމެނެނީ، ޑްރިލް، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، ބޭސިކް ފަޔަރ ފައިޓީންގ، ލީޑަރޝިޕް އަދި މެރިޓައިމް ސްޓަޑީޒެވެ.

އަހަރަކު އެއް ފަހަރު ބާއްވާ މި ކޭމްޕް ބާއްވަނީ، ކޭޑޭޓުންނަކީ މުޖްތަމައަށް ފާއިދާހުރި އަދި ދިމާވާ އެކިއެކި ހާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމުގެ އަމާޒުގައެވެ.
މި ކޭމްޕުގެ ތެރޭގައި ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުމާއި، ހަރުދަނާ އަޚުލާގާއި ރިވެތި ސުލޫކެއްގެ ވެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙު އާލާކޮށް ދިރުވުމާއި، ޤާނޫނާއި ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ނެޝަނަލް ކެޑޭޓް ކޯއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *