އަމީނިއްޔާގެ "ހުނަރު މަންސަ" އިން ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ހުނަރު

ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ނުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލުން ޚާއްޞަ މައުރަޒެއް ހުޅުވައިފިއެވެ. މި މައުރަޒުން ފެނިގެން ދިޔައީ އެ ސްކޫލުގައި ކިޔަވަމުންދާ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ މަސައްކަތްތަކެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި މައުރަޒު ހުޅުއްވައި ދެއްވީ ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ޑރ. އަބްދުއް ލަތީފު މުޙައްމަދެވެ.

އަމީނިއްޔާގައި 160އަށް ވުރެ ދަރިވަރުން ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ގޮތުގައި ކިޔަވަމުން ގެންދެއެވެ. މިއަދު ހުޅުވި މައުރަޒުގައި، އޭގެ ތެރެއިން ބައެއް ދަރިވަރުން ތައްޔާރު ކުރި 107 އާރޓް އެންޑް ކްރާފްޓްގެ އުފެއްދުންތައް ބައިވެރިކޮށްފައިވެއެވެ.

މި މައުރަޒު ހުޅުއްވައި ދެއްވައި، ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއް ލަތީފު ވިދާޅުވީ، ޝާމިލު ވެއްޓެއްގައި ދަރިވަރުން އުނގެނުމަށާއި ދަރިވަރުންގެ ކުރިއެރުމަށް މިހާރަށްވުރެ ބޮޑަށް ވަޞީލަތްތައް ހޯދަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ، އެ ސްކޫލުގައި ކިޔަވަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އަދިވެސް އިތުރަށް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އަދި ވިދާޅުވި އެ ސްކޫލަކީ ޝާމިލު ވެއްޓަކަށް އަމާޒުކޮށްގެން މަސައްކަތް ކުރަމުން އަންނަ ސްކޫލެއް ކަމަށެވެ.

މި މައުރަޒުގައި ބައިވެރިކޮށްފައިވާ ހުރިހާ އުފެއްދުންތަކަކީ ވެސް ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަން ލިބުނަސް ދަރިވަރުން ކުރި މަސައްކަތް ކަމަށް އަމީނިއްޔާއިން ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *