ތިނަދޫ އިސްލާމީ މަރުކަޒު 10 އަހަރުގެ މުއްދަތަށް އިސްލާމީ ޔުނިވަރސިޓީއަށް

ގދ. ތިނަދޫ އިސްލާމީ މަރުކަޒު، އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސް ހިންގަން ހަވާލުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ، ތިނަދޫގައި ހުންނަ އިސްލާމީ މަރުކަޒު، އިސްލާމީ ޔުނިވަރސިޓީއާ ހަވާލު ކުރެވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީއަށް ދާދި ފަހުން އައްޔަން ކުރެއްވި ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ.

އަލީ ޒާހިރު ވިދާޅުވީ ތިނަދޫ އިސްލާމީ މަރުކަޒު އެ ޔުނިވަރސިޓީއާ ހަވާލުކުރުމުން ކޯސްތައް ހިންގަން ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ، ތިނަދޫގައި މިހާރު ހިންގާ ކޯސްތަކަށް އޮތް އެންމެ ދައްޗަކީ ކޯސްތައް ހިންގާނެ ތަނެއް ނެތުން ކަމަށެވެ. ދިހަ އަހަރު ދުވަހަށް ވި އެއްބަސްވުމާއެކު، ކޯސްތައް ހިންގާނެ ކުލާސްރޫމްތަކާއި އޮފީހެއް ލިބުމަކީ އެ ދަތިތަކަށް ލިބުނު ހައްލެއް ކމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.

ތިނަދޫއަކީ ހުވަދު އަތޮޅުގެ މަރުކަޒީ ރަށް ކަމަށާއި އެހެން ކޮލެޖް ޔުނިވަރސިޓީތަކުގެ ގޮފިތައް އެތަނުގައި ހުރިއިރު، އިސްލާމީ ޔުނިވަރސިޓީގެ ގޮއްޕެއް އެތަނުގައި ހުރުން މުހިންމު ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް މި ރަސްމިއްޔާތުގައި ވިދާޅުވިއެވެ.

ޑރ. ޝަހީމްގެ ވާހަގަފުޅުގައި، އިސްލާމީ ހިދާޔަތު ފެތުރުމުގައި އިސްލާމީ ޔުނިވަރސިޓީއަށް އެ ވުޒާރާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

އިސްލާމީ ޔުނިވަރސިޓީގެ މުވައްޒަފުން ޕީއެޗްޑީ ފެންވަރަށް ތަމްރީނު ކުރުމަށް ބޭނުންވާ ސްކޮލަރޝިޕް ޕްރޮގްރާމެއް ވައްޓަވާނެ ކަމަށް ވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ތިނަދޫގެ އިތުރުން ރ. އުނގޫފާރުގައި ވެސް އިސްލާމީ މަރުކަޒެއް އިސްލާމީ ކަންތައްތަކާބެހޭ ވުޒާއިން އަންނަނީ ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *