މިއަދު މި ފަށަނީ ދިވެހި ޤައުމިއްޔަޔު ދިރުވައި އާލާކުރުމުގެ ޤައުމީ މަޝްރޫއު ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހަތް ވަނަ ރައީސް ކަމުގެ ހުވާ ކުރައްވައި، ޤައުމާ މުހާޠަބު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިއަދު ފަށަނީ ދިވެހި އުންމަތް އޭގެ ޙަޤީޤީ ބަނދަރާ ދިމާޔަށް މިސްރާބު ހެޔޮކޮށްލުމުގެ ދަތުރު ކަމަށާއި މިއީ، ދިވެހިވަންތަ ޤައުމީ ޝަޚްޞިއްޔަތު، އަންނަން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް ކަމަށެވެ.
އެއީ ދިވެހި ކޮންމެ ކުޑަކުއްޖަކަށް އަދި ކޮންމެ ޒުވާނަކަށް ލިބެންޖެހޭ ޤައުމީ ޙައްޤެއް ކަމަށާއި ދިވެހި ތާރީޚު އެނގުމުގެ ޙައްޤުން އެ ކުދީން މަޙުރޫމު ކުރެވިގެން ނުވާނެކަން ޤަބޫލުކުރައްވާ ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖިއޮގްރަފީ އެނގުމުގެ ޙައްޤު، ދިވެހި ކިޔަވާކުދިންގެ ކިބައިން ނިގުޅައިގަނެވިގެނެއް ނުވާނެ ކަމަށާއި 4000 އަހަރުވި މިނިވަން ދިވެހިރާއްޖޭގެ ފަޚުރުވެރި ދިވެހި ޙަޟާރަތާއި އަސްލުތައް ދަސްކޮށް، އެކަންކަމުން އިލްހާމު ލިބިގެން، ދިވެހި ޤައުމަށް ހެޔޮއެދި، މުރާލި ހިންމަތްތެރިޔަކަށްވުމުގެ ފުރުޞަތު، ދިވެހި ކޮންމެ ކިޔަވާ ކުއްޖަކަށް ލިބެންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

" މި ޙައްޤުތަކާއި ފުރުޞަތުތަކާއި، ފަޚުރުވެރި އަސަރުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށް އަޅުގަނޑުމެން މި ފަށަނީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ޤައުމީ މަޝްރޫޢު. މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫޢު. ދިވެހީންގެ ކެރުމާއި، ޢަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމުގެ މަޝްރޫޢު. ދިވެހީން، ގޮތާ ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫޢު. އިރާދަކުރެއްވިއްޔާ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫޢުން ދިވެހި ދަރީންގެ ނަފުސާނީ، ރޫޙާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނަން. ދަރީން ހެޔޮގޮތުގައި ބޮޑުކުރަން، މައިންބަފައިން ރެޔާއިދުވާލު އެ ވާ ޤުރުބާނީގެ މައްޗަށް ތަސައްލީއެއް، އެ މައިންބަފައިންގެ އުންމީދުން ފުރިފައިވާ ހިތްތަކަށް ހޯދައިދޭނަން" ޖުމްހޫރީ މައިދާނުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައިވެސް ތަފާތު އެކި ދާއިރާތަކުން ޢިލްމުވެރީން އެބަ ތިއްބެވި ކަމަށާއި ދީނީ ރޮނގުންނާއި ބަހުގެ ރޮނގުންނާއި ބޭސްވެރިކަމުގެ ރޮނގުންނާއި އިމާރާތްކުރުމާއި، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ޓެކްނޯލޮޖީއާއި، ސައިންސްގެ އެކި ދާއިރާތަކުން ވަކިން ޚާއްޞަކޮށް، އުނގަންނައި ދިނުމުގެ އެކި ދަރަޖަތަކުން އިލްމްވެރިންގެ އަގުވަޒަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑު ތަންފީޒުކުރާނެ ސިޔާސަތުގައި ކޮންމެ ދާއިރާއެއްގައިވެސް ޢިލްމާއި ޢިލްމުވެރީންގެ އަގުވަޒަންކުރާނަން. ޤަދަރާއި ކަމޭހިތުން ދޭނަން. ޢިލްމުގެ ނޫރު ބަބުޅާ ކޮންމެ ހިތަކީ، އެފަދަ ކޮންމެ ނިތަކީ، އަޅުގަނޑުމެންގެ ގާތުގައި، އުޖާލާ ތަރިއެއް"

އުފެދެމުން އަންނަ ޖީލުތަކަކީ މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތާ މާތް އަޚްލާޤެއްގެ ވެރި ބަޔަކަށްވެފައިވާ ތަން ދެކެން އަޅުގަނޑު ޝައުޤުވެރިވެވަޑައިގަންނަވާކަން ބަޔާން ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަށް ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި ދީނީ ޢިލްމުވެރީންގެ ޚިދުމަތަށް އޮންނަ މަގު ތަނަވަސްކޮށްދޭނެ ކަމަށެވެ. ދީނީ ޢިލްމުވެރީންގެ ދުލާއި ގަލަމަށް ރައްކާތެރި އަމާން ވެށްޓެއް ކަށަވަރުކޮށްދިނުމަށް ތާއީދާއި ތަރުޙީބު، މަދަދާއި އެހީތެރިކަން ސަރުކާރުން ދޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
" ކީރިތި ޤުރްއާނުގެ ތަޢުލީމާ އެއްގޮތަށް ޙިކްމަތްތެރިކަމާއި، ރިވެތި ވަޢުޡާއި ނަސޭހަތުން ތިޔަބޭފުޅުން، ދީން ހުށަހަޅުއްވައިދެއްވާ! ދިވެހި ދަރީންނަކީ މާތްވެގެންވާ އިސްލާމްދީނާއި، މި ލޮބުވެތި ދިވެހި ޤައުމަށް، ވަފާތެރި، މުރާލި، ޒިންމާދާރު ބަޔަކު ކަމުގައި ހައްދަވައިދެއްވާ! އެކަމުގައި އުނގަންނައިދިނުމާއި، މުޢާމަލާތު ކުރުމުގެ ޒަމާނީ ޢިލްމީ އާ ގޮތްތައް ބޭނުންފުޅުކުރައްވާ! މިއަދުގެ ސިކުނޑިތަކަށް ޤަބޫލުކުރެވޭ ފަދަ ޒަމާނީ އުސްލޫބުތަކަށް އަހުލުވެރިވެވަޑައިގެން، އެ ގޮތްތައް ބޭނުންކުރައްވާ"
އެކި ދާއިރާތަކުން ކިޔަވައި ވިދާޅުވެގެން ތިއްބެވި ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންނާއި އަދި ރާއްޖޭގެ ޢިލްމީ މުއައްސަސާތަކުގެ ފަރާތުން ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންނެވީ ޢިލްމީ ދިރާސާތައް ގިނަކުރައްވައި، އެ ދިރާސާތައް އާންމުކުރެއްވުމަށެވެ.
advertisment
ހިޔާލު