ލ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ހޭންޑް ބޯޅަ މުބާރާތެއް ބާއްވަން އެ އަތޮޅުގެ ކައުންސިލުން ނިންމައިފިއެވެ. މިއީ އަންހެން ކުދިންނަށް ބާއްވާ މުބާރާތެކެވެ.
ލާމަސީލުލާމު އިންޓާރ ސްކޫލް 1 ވަނަ ހޭންޑްބޯޅަ މުބާރާތުގެ ނަމުގައި މި މުބާރާތް ކުރިއަށް ގެންދާއިރު، މުބާރާތް އިންތިޒާމް ކުރުމުގެ ފުރުޞަތު މިފަހަރު ދިނީ ގަމުގައި ހުންނަ އިހައްދޫ ސްކޫލަށެވެ. އެ ކައުންސިލުން ވަނީ މުބާރާތުގެ އިންތިޒާމްގެ ކަންތައްތައް ހަމަޖެއްސުމަށް އިހައްދޫ ސްކޫލާއެކު ފަހުމުނާމާއެއްގައި ސޮއިވެސް ކޮށްފައެވެ.
ލ. އަތޮޅު ކައުންސިލުގެ ރައީސް އިސްމާއިލް އަލީ ވިދާޅުވީ ޤައުމީ ހޭންޑް ބޯޅަ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ބާއްވާ އެ މުބާރާތައް ތައްޔާރުވުމަށް ސްކޫލްތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
" މުބާރާތުގައި ބައިވެރިވާ ސްކޫލްތަކަށް ޖާރޒީވެސް އަޅުގަނޑުމެން ފޯރުކޮށްދޭނަން" އިސްމާއިލް ވިދާޅުވިއެވެ.
ބޮޑު ޗުއްޓީ ތެރޭގައި ބާއްވާ ހޭންޑް ބޯޅަ މުބާރާތުގައި އެ އަތޮޅުގެ ހުރިހާ ސްކޫލަކުން ބައިވެރިވާނެ ކަމަށް ބުނެފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
" މުބާރާތުގައި ބައިވެރިވާން އަދި ހުޅުވައެއް ނުލަން. މި އަތޮޅުގެ ތޭރަ ސްކޫލަކުން ބައިވެރިވާނެ ކަމުގެ އިޝާރާތެއް ވަނީ ދީފައި" އިސްމާއިލް ބުންޏެވެ.
ލ. އަތޮޅު ކައުންސިލުން ބުނީ ފިރިހެން ކުދިންގެ ފުޓްބޯޅަ މުބާރާތާއި އިންޓަރ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތްވެސް މި އަހަރު ބާއްވަން ތާވަލު ކޮށްފައިވާ ކަމަށެވެ.
advertisment
ހިޔާލު