ފުވައްމުލައް ސިޓީގައި މިމަހު ހަތަރަކުން ދިހައަކަށް ބޭއްވި އިންޓަރ ސްކޫލް އެތްލެޓިކްސް 33 ސްކޫލަކުން 809 އެތުލީޓެއްވަނީ ވާދަކޮށްފައެވެ. 108 އިވެންޓު ކުރިއަށް ގެންދެވުނު މިމުބާރާތުގައި އެތުލީޓުން ވަނީ 20 މީޓު ރިކޯޑެ އިތުރުން ގައުމީ ރެކޯޑެއް ވެސް ހަދާފައެވެ.
މި މުބާރާތުގައި ތިން ޢުމުރު ފުރައަކުން ދެ ޖިންސް ވަކިން ވާދަކުރިއެވެ. މިއީ ފުވައްމުލަކުގައި ބޭއްވި އެންމެ ކާމިޔާބު އެއް މުބާރާތެވެ.
މުބާރާތުގެ އެންމެ ގަދަ އެޓްލީޓުން

15 އަހަރުން ދަށް ( ފިރިހެން)
އަހުމަދު އައިޝަމް އިގްބާލް، (357) ގެމަނަފުށީ ސްކޫލް
މި މުބާރާތުގައި 15 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓުކަން ލިބުނު އައިޝަމް ވަނީ މި 200 މީޓަރު ދުވުމުންނާއި ދިގު ފުންމުމުން ރަން މެޑަލް އަދި 100 މީޓަރު ސްޕްރިންޓުން ރިހި މެޑަލް ހޯދައިފައެވެ.

15 އަހަރުން ދަށް ( އަންހެން)
ލުޔޫނާ ހަސަން އަހުމަދު، (225) ދާންދޫ ސްކޫލް
މީގެ އިތުރުން 15 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ލުޔޫނާ ވަނީ 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް އަދި ދިގު ފުންމުމުން ވެސް ރަން މެޑަލް ހޯދައިފައެވެ.

17 އަހަރުން ދަށް ( ފިރިހެން)
ޒުއިޒް މުޙައްމަދު ސުއާދް، ( 159) ބިލަބޮންގ ހައި އިންޓަރނޭޝަން ސްކޫލް
17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓް، ޒުއިޒް ވަނީ މި މުބާރާތުގައި 2 އިވެންޓަކުން ރަން މެޑަލް ހޯދައިފައެވެ. އެއީ 200 މީޓަރު ދުވުމުންނާއި 400 މީޓަރު ދުވުމުންނެވެ.

17 އަހަރުން ދަށް ( އަންހެން)
އާސިޔަތު އަދްފާ ރަޝީދު، (876) ޝަރަފުއްދީން ސްކޫލް
17 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނު އަދްފާ ވަނީ 400 މީޓަރު ދުވުމުންނާއި ދިގު ފުންމުމުން ރަން މެޑަލް ހޯދައިފައެވެ. އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް އޭނާ ހޯދައިފައެވެ.

19 އަހަރުން ދަށް ( ފިރިހެން)
އިބްރާހިމް ނާހިލް ނިޒާރު، ( 343) ގއ. އަތޮޅު ތައުލީމީ މަރުކަޒު
19 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ނާހިލް ވަނީ ލޯންގް ޖަމްޕުންނާއި 200 މީޓަރު ދުވުމުން ރަން މެޑަލް އަދި 100 މީޓަރު ސްޕްރިންޓުން ރަން މެޑަލް ހޯދައި 100 މީޓަރު ދުވުމުގެ މީޓު ރިކޯޑެއް ވެސް ހަދައިފައެވެ.

19 އަހަރުން ދަށް ( އަންހެން)
އައިޝަތު ޝައިމް އަޒީޒު، (152) އައްޑޫ ހައި ސްކޫލް
އިތުރުން 19 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ޝައިމް ވަނީ އޭނާ ބައިވެރިވި 3 އިވެންޓުން ވެސް ރަން މެޑަލް ހޯދައިފައެވެ. މި މުބާރާތުގައި ޝައިމް ވަނީ ޖެވެލިން ތުރޯ އިން ރަން މެޑަލް، ލޯންގް ޖަމްޕުން ރަން މެޑަލް އަދި މުބާރާތުގެ ރިކޯޑު އާކޮށްފައެވެ. މީގެ އިތުރުން ހައި ޖަމްޕުން ރަން މެޑަލް ހޯދައި ޝައިމް ވަނީ 27 އަހަރުވީ ގައުމީ އަންހެން ހައި ޖަމްޕް ރިކޯޑް މުގުރާލައިފައެވެ.
advertisment
ހިޔާލު