ޕަންޕަކާއި ގިޔަރު ސެޓެއް ބޭނުންކޮށްގެން ދަނގެތީ ސްކޫލްގެ ހައިކަލް ހެދީ ވެހިކަލެއް

ޕަންޕަކާއި ގިޔަރު ސެޓެއް ބޭނުންކޮށްގެން ދަނގެތީ ސްކޫލްގެ ގުރޭޑް 10ގައި ކިޔަވަމުން އަންނަ ހުސައިން ހައިކަލް ހަސަން އުފެއްދި ވެހިކަލަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އަމިއްލައަށް އުފެއްދި، ހަތަރު ފުރޮޅު ލީ އެ ވެހިކަލް ދުއްވަނިކޮށް ނަގާފައިވާ ވީޑިއޯ ބެލި މީހުން ވަނީ އޭނާއަށް ތަޢުރީފު ކޮށްފައެވެ.

ހައިކަލްގެ އާއިލާއަކީ މަސައްކަތުގައި އުފެއްދުންތެރި އާއިލާއެކެވެ. ބައްޕައަކީ އިންޖިނިއަރެކެވެ. ބައްޕަގެ ދެ ކޮއްކޮއަކީ ވެސް އެ މަސަކަތުގައި ދެމި ތިބި ބައެކެވެ. އިންޖިނިއަރިންގެ ތެރެއިން އެފަދަ މަސައްކަތަށް ހިތް ޖެހުނީ ބައްޕަ ކުރާ މަސައްކަތްތައް ފެނިގެންނެވެ.

ވެހިކަލް އުފެއްދުމުގެ ޚިޔާލާއެކު އެ މަސައްކަތް ފެށިއިރު އެއީ ކުރެވިދާނެ ކަމެއް ކަމަށް ބައެއް މީހުންނަށް ޤަބޫލެއް ނުކުރެވުނެވެ. ކާފަގެ އެހީތެރިކަމާއެކު ދެ ހަފްތާގެ ތެރޭގައި ވެހިކަލް ނިންމާލީ، އޭނާ ކުރި ހިތްވަރުންނެވެ. ވެހިކަލުގެ އިންޖީނު ހެދީ އާއިލާގެ ސަފާރީއެއްގައި ބޭނުން ކުރި ޕަންޕަކުންނެވެ. ގިޔަރު ބޮކްސަކީ އެގޭގެ ގުދަން ތެރޭގައި މީގެ އަހަރުތަކެއް ކުރިއްސުރެ އޮތް އެޗެކެވެ.

" ބައްޕަގެ އިތުރުން އާއިލާގައި ވެސް ގިނައީ އިންޖިނިއަރިންގ މަސައްކަތް ކުރާ މީހުން. އެހެންވެ އެފަދަ އެތައް ސާމާނެއް ގޭގެ ގުދަންތަކުގައި ހުރޭ. ގިއަރ ބޮކްސްއަކީ ވެސް ގާތްޑަކަށް 16 ވަރަކަށް އަހަރުވެފައި އޮތް އެއްޗެއް. އެ މަސައްކަތް ކުރާތީ ބޭނުން ކުރީ" ހައިކަލް ދަރިވަރު ނޫހަށް ކިޔައިދިނެވެ.

ހައިކަލް ބުނީ، ކާރެއް ހަދަން ޚިޔާލު އައިސް ގެން މަސައްކަތް ފެށިނަމަވެސް ފުރަތަމަ މަސައްކަތް ފެށީ ކުރިއަށް ދުއްވޭނެ އެއްޗެއް ތައްޔާރު ކުރާށެވެ. ގިނަ ދުވަހު ބޭނުން ކުރެވޭ ގޮތަށް ކާރެއް ހެދުމުގެ ޚިޔާލު އައީ މާ ފަހުންނެވެ.

" ބައްޕަ އަބަދުވެސް ހިތްވަރު ދީ އެފަދަ މަސައްކަތް ކުރާއިރު، ހެދޭ މިސްޓޭކްތައް ކިޔައިދޭނެ. މިސްޓޭކްތައް ރަނގަޅުކޮށްގެން ކާމިޔާބާ ހަމައަށް ދެވުނީ"

އޭނާ ބުނީ، ރަށްރަށުގައި މިފަދަ ވެހިކަލް ދުއްވާއިރު، ޝޮކްތައް ލެއްވުމަކީ މުހިންމު ކަމެއް ކަމަށާއި، ކާރު އިތުރަށް ތަރައްޤީ ކުރާނީ ޝޮކްތައް ވެސް ލައިގެން ކަމަށެވެ.

ހައިކަލް ބުނީ، މިހާރު ހުރިހާ ފޯކަސްއެއް ހުރީ އޯލެވެލްއަށް ކަމަށާއި، ފެނުން ކަރަންޓް އުފެއްދޭނެ މެކޭނިޒަމެއް ތައްޔާރު ކުރުމަކީ ދެން އޮތް އޭނާގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށެވެ. އެ މަސައްކަތާ ހަމައަށް ދާނީ ކިޔެވުމުގެ ފުރަތަމަ މަރުޙަލާ ނިންމާފައެވެ.

ހައިކަލްއަކީ ސްކްރީން ޓައިމަށް ވަގުތު ދޭ ދަރިވަރެއް ނޫނެވެ. ފޯނުގައި ގިނަ ވަގުތު ހޭދަކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފޫހިކަމެކެވެ.

" ވަރަށް ބޮޑަށް ފޫހިވޭ ފޯނު ހިފައިގެން ގިނައިރު އުޅެން. އޭގެ ބަދަލުގައި މިފަދަ މަސައްކަތެއްގެ ތެރެއަށް ނޫނީ މަސް މަރަން ދާން ބޭނުން ވަނީ"

ހައިކަލްއަކީ ދަނގަޑު ޖަހައިގެން މަސް ހިފަން ފޯރި ހުންނަ ދަރިވަރެކެވެ. އެހެން އުޅެނިކޮށް ވެނެއް އޭނާއަށް ބޮޑިއެއް ވެސް ދިނެވެ.

" މިހެން އުޅޭއިރު އަނިޔާވެސް ވާނެތާ! އެއްފަހަރަކު ވީ ގޮތަކީ މަހެއް މަރަންވެގެން އުޅެނިކޮށް އަތުގައި ވެނެއް ދަތް އެޅީ" އެކަމުން ފަސޭހަވީ ދުވަސްތަކެއް ފަހުންނެވެ.

" މިހާރުވެސް ހަފްތާ ބަންދު ދުވަސްތަކުގައި ވަގުތެއް ލިބޭ އިރަށް ގޮސް އުޅެން. އެއީ ވަރަށް މަޖާ ކަމެއް"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *