ހދ. ހިރިމަރަދޫ ސްކޫލްގެ ގުރޭޑް 10ގައި ފާއިތުވި އަހަރު ކިޔެވީ އެންމެ ހަތަރު ދަރިވަރުންނެވެ. ތިން ދަރިވަރުން ފަސް މާއްދާއިން ފާސްވިއިރު، އޭގެ ތެރެއިން ދެ ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެއެވެ.

ގަދަ ދިހައެއްގެ ފަސްވަނައިގައި ހިމެނުނު، އެ ސްކޫލްގެ އަހުމަދު ޔައިޝް މުޙައްމަދު ހަތަރު މާއްދާއިން އޭ ސްޓަރ އާއި ހަތަރު މާއްދާއިން އޭ ހޯދިއެވެ. ފާތިމަތު ރަމްޒާ އުމަރު، ދެ އޭ ސްޓަރއާއި ތިން އޭއާއި ތިން ބީ ހޯދައިގެން ދިހަ ވަނަ ކަށަވަރު ކުރިއެވެ. ދެން ތިބި ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރު ހުރިހާ މާއްދާއަކުން ފާސްވިއެވެ. އަނެއް ދަރިވަރު ތިން މާއްދާއިން ފާސްވިއެވެ.
މިއީ ހިރިމަރަދޫ ސްކޫލްގެ ތާރީޚުގައި ވެސް ލިބުނު އެންމެ ރަނގަޅު ނަތީޖާއެވެ. މި ނަތީޖާއިން އުއްމީދުތަކެއް ލިބިވަޑައިގެންނެވި ކަމަށް، ވަގުތީ ގޮތުން އެ ސްކޫލް ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި، އެ ސްކޫލްގެ ޓީޗަރު އާމިނަތު މާޖިދާ ވިދާޅުވިއެވެ.

" ނަތީޖާ ނުނެރެވޭތީ ގިނަ އަދަދެއްގެ ދަރިވަރުން ސުކޫލުން ބަދަލުވަމުންދާތީ، އުއްމީދު ގެއްލިފައި ވަނިކޮށް އުއްމީދު އާވީ. ނަތީޖާއާ ގުޅިގެން ލިބުނު ކޮމެންޓްސް ތަކަކީ އަޅުގަނޑުމެންނަށް ލިބުނު އިތުރު ހިތްވަރެއް" މީގެ އަހަރެންހާ ދުވަސް ކުރިން އެ ސްކޫލްގެ ހިންގުމާ ހަވާލުވެވަޑައިގެންނެވި މާޖިދާ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
ގުރޭޑް ދިހައެއްގައި މި އަހަރު ކިޔަވަނީ އެންމެ ދެ ކުދިންނެވެ. އެ ކުދިންގެ ނަތީޖާ ރަނގަޅު ކުރެވޭތޯ އެ ސްކޫލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނީ ކޮށްދެމުންނެވެ.
" ފުރަތަމަ ޓާގެޓަކީ ފަސް މާއްދާއިން ފާސްވާ ރޭޓް ސައްތައިން ސައްތައިގައި ހިފެހެއްޓުން. އެއާއެކު ކުރީ އަހަރުގެ ނަތީޖާ ދެމެހެއްޓުން" މާޖިދާ ވިދާޅުވިއެވެ.

ފާއިތުވި އަހަރެންހާ ދުވަހުގެ ތެރޭގައި، ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރަން އިސްކަން ދިނަސް ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށް މާޖިދާ ވިދާޅުވިއެވެ. އެއީ އެހާ ފަސޭހަ ކަންތައްތަކެއް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މާޖިދާ ވިދާޅުވިގޮތުގައި، ކިޔެވުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. ދަރިވަރުންނަށް ސްޓަޑީ ކޭމްޕް ބާއްވަދޭން ޖެހެއެވެ. އެއާއެކު ޓީޗަރުންގެ ކިޔަވައި ދިނުމުގެ ވައްޓަފާޅިއަށް ވެސް ބޮޑު ބަދަލުތަކެއް ގެންނަން ޖެހެއެވެ.
" ކައިރި ރަށްރަށުގެ ސްކޫލްތަކާ ގުޅިގެން ދަރިވަރުންނަށް ސްޓަޑީ ކޭމްޕް ބާއްވަމުން ދަނީ، އޭރުން އޭގެ ފައިދާ ދަރިވަރުންނަށް ކުރޭ. އެއާއެކު ކިޔަވައި ދިނުމުގައި އޮތް ޒަމާންވީ ސަޤާފަތް ދޫކޮށް، އެހެން ސްކޫލްތަކުގައި ކަންތައްތައް ކުރާ ގޮތް ޓީޗަރުންނަށް ވެސް އެނގެން އެބަޖެހޭ. އެކްސްޕޯޝަރ ޓްރިޕް ވެސް ޓީޗަރުންނަށް ހޯދައިދޭން ޖެހޭ"
އެ ހުރިހާ ކަމެއްވެސް ގޮސް ހުއްޓެނީ ބަޖެޓާ ހިސާބުންނެވެ. ސްކޫލްގެ ބަޖެޓްގެ ތެރެއިން އެއީ ކުރެވޭނެ ކަމެއް ނޫނެވެ.
" ވީ ވަރަކުން އެ ހުރިހާ ކަމެއް ވެސް އެކި ގޮތްގޮތުން ނަމަވެސް ކުރެވޭތޯ ބަލަނީ" މާޖިދާ ވިދާޅުވިއެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭ 10އާ ހަމައަށް ކިޔަވައި ދެމުން ގެންދާއިރު، ހިރިމަރަދޫ ސްކޫލްގައި ތިބީ 48 ދަރިވަރުންނެވެ. އެ ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ގުރޭޑް ތަކުގައި ކިޔަވާނެ ދަރިވަރުން މަދުވުމެވެ. 4،5،6 އެއްކޮށްލުމުން ހަމަވީ ފަސް ދަރިވަރުންނެވެ. އެއީ ގުރޭޑް ހައެއްގެ އެއް ދަރިވަރާއި، ހަތަރެއް، އަދި ފަސްވަނަ ގުރޭޑްގައި ދެ ދަރިވަރުންނެވެ. ގުރޭޑް 2އާއި 3ގައި ކިޔަވަމުން ދަނީ 9 ދަރިވަރުންނެވެ. މި ވަގުތު އެ ދެ ގުރޭޑް އެއްކޮށްލައިގެން ކިޔަވައި ދިން ނަމަވެސް ދެ ގުރޭޑް ވަކިކޮށްލުމުގެ ވިސްނުމެއް އެ ސްކޫލުން ގެންގުޅެއެވެ.
މި ސްކޫލްގައި 18 ޓީޗަރުން މަސައްކަތް ކުރެއެވެ. އެއީ ބިދޭސީ އަށް ޓީޗަރުންނާއި ދިވެހި ހަ ޓީޗަރުންނެވެ. ތަމްރީނުވެފައި ތިބި ޓީޗަރުން ލިބުން ދަތި ވުމަކީވެސް އެއީ ހައްލު ނުވެ ދިގުލަމުންދާ މައްސަލައެކެވެ. ރިލީފްގެ ގޮތުގައި އަންނަ ގިނަ ޓީޗަރުން ވެސް ތަމްރީނުވެގެން އެ ދާއިރާއިން ކުރިއަށް ދާން ބޭނުމެއް ނުވެއެވެ.
ރަށުގައި ތިބެގެން އެކަށީގެންވާ ތަޢުލީމެއް ލިބޭނެ ކަމުގެ ޔަގީންކަން ކުޑަވުމުން، ކޮންމެ އަހަރަކު ވެސް ސްކޫލުން ވަކިވާ ކުދިންގެ އަދަދަކީ ވެސް ބޮޑު އަދަދެކެވެ. އެ އަދަދާ އަޅަބަލާއިރު ސްކޫލަށް ވަންނަ ކުދިންގެ އަދަދު މާ މަދެވެ. މި އަހަރުވެ ސް އެ ސްކޫލާ ގުޅުނީ އެންމެ ހަ ކުދިންނެވެ.
advertisment
ހިޔާލު