ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް: ރައީށް ސޯލިހު

ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ޓީޗަރުންނާއި ތައުލީމީދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާ ގުޅިގެން ޤައުމާ މުޙާޠަބުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކޮންމެ ޤައުމެއްގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ، އެ ޤައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާ ކަމެއްގެ މައްޗަށް ކަމަށާއި، ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަމަށެވެ.

" އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިއްބެވީ، އެބޭފުޅުން ކުރައްވާ މަސައްކަތަށް ޙައްޤުވާ މިންވަރަށްވުރެ މާ ދަށް އުޖޫރައެއްގައި" ރައީސް ސޯލިހު ވިދާޅުވިއެވެ.

" ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް. އަދި މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެ ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް. މި މުހިންމު ފެށުން، ތަޢުލީމީ ދާއިރާއިން ފެށުމަށް އަޅުގަނޑު ނިންމި ސަބަބަކީވެސް އެއީ"

ރައީސް ވިދާޅުވީ، އިރާދަކުރެއްވިއްޔާ މިއީ ހެޔޮ ސާޢަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް ކަމަށާއި، ޤައުމު ބިނާކުރުމުގައި އަދި ޤައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި، ތަޢުލީމީ ދާއިރާއިން ފެށިގެން ޞިއްޙީ ދާއިރާއާއި އަދި އެނޫން ދާއިރާތަކުން ވެސް، ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު، އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނ ކަމަށެވެ.

ރައީސް ވިދާޅުވީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އިޖުތިމާޢީ ޢަދާލަތު ހިފެހެއްޓުމަށްޓަކައިވެސް، ހުރިހާ ދާއިރާއަކަށް އެ ބަދަލު ގެންނަވާނެ ކަމަށެވެ.

" އަޅުގަނޑު ދެކޭގޮތުގައި، ދައުލަތުގެ ޒިންމާތަކާ ޙަވާލުވެ ތިބެ ކުރާ މަސައްކަތަށް، އެކަށީގެންވާވަރުގެ އާމްދަނީއެއް ހޯދައިދިނުމަކީ، ވެރިކަމުގެ މައްޗަށް ލާޒިމުކުރާ ކަމެއް. އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، ޤާނޫނީގޮތުން ކަނޑައަޅައި އެކަން ތަންފީޒު ކުރުމާއި، ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލަކީ، ސަރުކާރު މުވައްޒަފުންގެ މުސާރަ އިތުރުކޮށްދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެބައި"

ޞުލްޙަވެރި ހަމަޖެހޭ އަމާން ދިރިއުޅުމަކުން ހޯދޭ އިޤްތިޞާދީ ފޯރުންތެރިކަމުގެ ލާބަ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިދިނުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ކުރިއަށް ގެންދާނެކަން ބަޔާން ކުރައްވައި، ރައީސް ވިދާޅުވީ މިފަދަ ބަދަލުތައް ގެނައުމުގެ އެންމެ މުހިންމު ބޭނުމަކީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ، ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެޔަށް ގެންދަން ލިބޭނެވަރު ކޮށްދިނުން ކަމަށާއި، މިހާތަނަށް އިތުރު ގަޑީގެ ފައިސާއާއެކީގައި ލިބޭ ވަރަށްވުރެ ބޮޑު މިންވަރެއް، މިގެނައި ބަދަލާއެކު، ހަމައެކަނި މުސާރައާއި ޢިނާޔަތްތަކުންވެސް ލިބޭނެ ކަމަށެވެ. އަލަށް މި އެކުލަވައިލި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން، ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދެވޭނެ މަގު ދައްކައިދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބަލާއިރު، މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެންނެތުން ކަމަށާއި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވާނެ ކަމަށެވެ.

ތަޢުލީމީ ދާއިރާގައި 9119 މުދައްރިސުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އޭގެ ތެރޭގައި ހިމެނެނީ 6498 ދިވެހި މުދައްރިސުންނާއި 1730 ބިދޭސީ މުދައްރިސުންނެވެ. މީގެ އިތުރުން ވަގުތީ މުދައްރިސުންގެ ގޮތުގައި 891 މުދައްރިސުން މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *