ޔޭލްގައި ބޭއްވި ވޯލްޑް ސްކޮލާސް ކަޕްގެ ގަދަ 15 ގެ ތެރޭގައި ރާއްޖޭގެ ބިލަބޮންގ ހައި

އެމެރިކާގެ މަޝްހޫރު ޔޭލް ޔުނިވަރސިޓީގައި ބޭއްވި ވޯލްޑް ސްކޮލާސް ކަޕް (ޑަބްލިއު.އެސް.ސީ) ގެ "ޓޯނަމަންޓް އޮފް ޗެމްޕިއަންސް" ގައި ރާއްޖޭގެ ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ބައިވެރިވެ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދައިދީފިއެވެ.

މި މުބާރާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ އެންމެ މޮޅެތި ދަރިވަރުންގެ އިލްމީ ގާބިލުކަމާއި، ފާޑުކިޔުންތެރި ވިސްނުމާއި، އުފެއްދުންތެރިކަމުގެ އިތުރުން ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ވަޒަންކުރުމަށް އަހަރަކު އެއްފަހަރު ބާއްވާ ބައިނަލްއަގުވާމީ ފޯރިގަދަ މުބާރާތެކެވެ.

މި އަހަރުގެ މުބާރާތުގައި ދުނިޔޭގެ މަޝްހޫރު ސްކޫލްތަކުން 400 އަށްވުރެ ގިނަ ޓީމާއި، 1,200 އަށްވުރެ ގިނަ ދަރިވަރުން ވާދަކުރިއިރު، ރާއްޖެ ތަމްސީލުކޮށްފައިވަނީ ބިލަބޮންގް ހައިގެ ހަތަރު ދަރިވަރުންނެވެ. އެއީ މުޅި ރާއްޖެއިން މި މުބާރާތުގެ ފައިނަލް މަރުހަލާގައި ވާދަކުރި ހަމައެކަނި ދަރިވަރުން ވެސް މެއެވެ.

މުބާރާތުގައި ޓީމު 365 ގެ ގޮތުގައި ވާދަކުރި ބިލަބޮންގް ހައިގެ ދަރިވަރުން ކަމަށްވާ ކާހިލް އަސީލް، އައިޒް އަލީ އަޒްވަރު އަދި ބިލާލް ޝަފްރާޒް ވަނީ ދުނިޔޭގެ ގަދަ 15 ޓީމުގެ ތެރޭގައި ހިމެނި، މުޅި މުބާރާތުން 13 ވަނަ ހާސިލްކޮށްފައެވެ. ޓީމް 365 އިން މި މުބާރާތް ނިންމާލީ ޖުމުލަ 27 ރަން މެޑަލާއި 2 ރިހި މެޑައްޔާއެކުގައެވެ. މި ޓީމުން ވަނީ ރާއްޖޭގައި ބޭއްވުނު ރީޖަނަލް ރައުނޑުން 1 ވަނަ އަދި ބެންކޮކްގައި ބޭއްވުނު ގްލޯބަލް ރައުންޑުން 3 ވަނަ ހާސިލްކޮށްފައެވެ. މީގެ އިތުރުން، އެ ސްކޫލްގެ ދަރިވަރު އައިޝަތު އަލީޝާ އެހެން ޓީމެއްގެ ތެރެއިން ވާދަކޮށް، ރަން މެޑައްޔަކާއި ދެ ރިހި މެޑަލް ހޯދައިގެން ރާއްޖެއަށް ވަނީ ފަޚުރުވެރި ކާމިޔާބީއެއް ހޯދައިދީފައެވެ.

ވަކިވަކި ދަރިވަރުންގެ ބައިން ބަލާއިރު، މި މުބާރާތުގައި ކާހިލް އަސީލް ވަނީ ތާރީޚީ އަދި އާދަޔާޚިލާފު ނަތީޖާތަކެއް ހާސިލްކޮށްފައެވެ. އޭނާ ވަނީ 1,200 އަށްވުރެ ގިނަ ދަރިވަރުންގެ ތެރެއިން ދުނިޔޭގެ އެންމެ މޮޅު 15 ދަރިވަރުންގެ ތެރޭގައި ހިމެނި، ވަކިވަކި ދަރިވަރުންގެ ބައިން މުޅި މުބާރާތުން 13 ވަނަ ހޯދާފައެވެ. މީގެ އިތުރުން މުބާރާތުގައި ހިމެނޭ ހަ މާއްދާއިންވެސް އޭނާ ވަނީ ރަން މެޑަލް ހާސިލްކޮށްފައެވެ. މިއީ މުބާރާތުގައި ވާދަކުރި ކޮންމެ 100 ކުއްޖަކުން އެއް ކުއްޖަކަށްވެސް ހާސިލްނުކުރެވޭ ފަދަ މަތީ ދަރަޖައިގެ ކާމިޔާބީއެކެވެ.

ޖުމްލަ 14 އަށްވުރެ ގިނަ ރަން މެޑައްޔާއެކު ކަހީލް މުބާރާތް ނިންމާލިއިރު، އޭނާ ވަނީ "ޓީމް ޗެލެންޖް" އިން 24 ވަނަ، "ރައިޓިންގ" އިން 46 ވަނަ އަދި "އިންޑިވިޖުއަލް ޑިބޭޓް" އިން 141 ވަނަ ހޯދާފައެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި، ޔޭލްގެ މުބާރާތުގެ ކުރިން ބޭއްވުނު ބެންކޮކް ގްލޯބަލް ރައުންޑުންވެސް އޭނާ ވަނީ ވަކިވަކި ދަރިވަރުންގެ ބައިން 2 ވަނަ ހާސިލްކޮށްފައެވެ.

މި ކާމިޔާބީއާ ގުޅިގެން ޝުއޫރު ފާޅުކުރަމުން ކަހީލް އަސީލް ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސް ތިބި ދަރިވަރުންނާއެކު ޔޭލްގެ ސްޓޭޖް މަތީގައި ހުރެވުނު ވަގުތަކީ ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ވަގުތެއް ނޫން ކަމަށެވެ. އަދި އޭނާ ބޭނުންވީ ދިވެހި ދަރިވަރުންނަކީވެސް ދުނިޔޭގެ ފެންވަރުގައި އެހެން ކުދިންނާ ވާދަކުރެވޭނެ ބައެއްކަން ސާބިތުކޮށްދޭން ކަމަށާއި، މި ކާމިޔާބީގެ އަސްލަކީ ޓީމުގެ ބައިވެރިންނާއި، މުދައްރިސުން އަދި އާއިލާގެ އެއްބާރުލުން ކަމަށް އޭނާ ފާހަގަކުރިއެވެ.

ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޝަހީމް ވިދާޅުވީ، ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މޮޅު ދަރިވަރުންނާ ވާދަކުރެވޭނެކަން މި ކުދިން ސާބިތުކޮށްދީފި ކަމަށެވެ. އަދި އެ ދަރިވަރުންނަށްޓަކައި ސްކޫލުން ނުހަނު ފަޚުރުވެރިވާ ކަމަށާއި، އެހީތެރިކަން ފޯރުކޮށްދިން މުދައްރިސުންނާއި، ކޯޗުން އަދި އާއިލާތަކަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބިލަބޮންގް ހައިގެ މި ހަތަރު ދަރިވަރުން ހޯދި މި ތާރީޚީ ކާމިޔާބީއަކީ އެ ސްކޫލަށާއި މުޅި ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއްގެ އިތުރުން، ބައިނަލްއަގުވާމީ މައިދާންތަކުގައި ކާމިޔާބު ހޯދުމަށް މަސައްކަތްކުރާ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރަކާއި ނަމޫނާއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *