ތައުލީމީ ވަޞީލަތްތަކާއި ދަރިވަރުންނަށް ޚިދުމަތްތައް ފަހިކޮށްދިނުމަށް އެމްއެންޔޫ ބުކްޝޮޕް ހުޅުވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ބުކްޝޮޕް ހުޅުވައިފިއެވެ. ބުރާސްފަތި ދުވަހު ފިހާރަ ހުޅުވައިދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝަހެނާޒު އާދަމެވެ.

އެމްއެންޔޫ ބުކްޝޮޕް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ކިޔަވައިދިނުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކާއި، ތައުލީމީ ސާމާނުގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ އެކި ހިދުމަތްތައް ފަސޭހަކަމާއެކު އަގުހެޔޮކޮށް އެއްތަނަކުން ލިބޭނެ އިންތިޒާމު ޔުނިވަރސިޓީގެ މުޖުތަމައަށާއި އާންމުންނަށް ފަހިކޮށްދިން ކަަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

މި ބުކްޝޮޕުން މައިގަނޑު ގޮތެއްގައި ލިބެން ހުންނާނެ ތަކެތީގެ ތެރޭގައި މުގައްރަރާއި ގުޅުން ހުރި ފޮތްތަކާއި، އެކަޑެމިކް ރިފަރެންސް ފޮތްތަކާއި، އާންމު މައުލޫމާތުގެ ފޮތްތަކާއި، ސްޓޭޝަނަރީސް އާއި ތައުލީމީ އާލާތްތަކުގެ އިތުރުން، އެމްއެންޔޫ އިން ޝާއިއުކުރާ ފޮތްތަކާއި ޔުނިވަރސިޓީގެ ބްރޭންޑެޑް ބާވަތްތަކެވެ.  ވިޔަފާރީގެ ހިދުމަތްތަކުގެ އިތުރުން، ޕްރިންޓްކުރުމާއި، ފޮޓޯކޮޕީ ނެގުމާއި، ފޮތް ބައިންޑްކުރުމާއި ލެމިނޭޓްކުރުން ފަދަ ޒަރޫރީ ހިދުމަތްތައް ވެސް މިތަނުން ލިބިގެންދާނެއެވެ.

ޔުނިވަރސިޓީގެ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން، އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންނަށް މި ބުކްޝޮޕުން ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެއެވެ. މިއީ ތައުލީމީ ސާމާނާއި، ސްޓޭޝަނަރީ އަދި އެހެނިހެން ހިދުމަތްތައް ލިބުމުގައި ދަރިވަރުންނާއި މުވައްޒަފުންނަށް ލުއިފަސޭހަކޮށްދީ، ޔުނިވަރސިޓީން އެ ފަރާތްތަކަށް ދޭ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް އެޅި ފިޔަވަޅެކެވެ.

މި މަޝްރޫއުގެ ތެރެއިން އެމްއެންޔޫ އިން އަމާޒު ހިފާފައިވަނީ ކިޔެވުމާ ގުޅުންހުރި ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދީ، ދަރިވަރުންގެ އުނގެނުމަށާއި އެކަޑެމިކް ތަރައްގީއަށް އެހީތެރިވެދިނުމަށެވެ. އަދި ފޮތް ކިޔުމާއި، އުނގެނުމާއި، މައުލޫމާތު ހިއްސާކުރުމުގެ ސަގާފަތެއް ކުރިއަރުވައި، ޔުނިވަރސިޓީގެ ނަމުގައި ނެރޭ ފޮތްތަކާއި އުފެއްދުންތަކަށް އޮންނަ ތަރުހީބު އިތުރުކުރުމަކީ ވެސް މި މަސައްކަތުގެ ބޭނުމެކެވެ.

އެމްއެންޔޫ ބުކްޝޮޕް ހުޅުވުމަކީ ދަރިވަރުންގެ ތަޖުރިބާ މުއްސަނދިކޮށް، ކެމްޕަސް ހިދުމަތްތައް ވަރުގަދަކޮށް، އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި މުއައްސަސާ ތަރައްގީކުރުމަށް ޔުނިވަރސިޓީން ގެންގުޅޭ ތަސައްވުރުގެ ދަށުން ނިންމުނު ނިންމުމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *