އަންނަ އަހަރުގެ ފުރަތަމަ ޓާމުގައި ފަށާ ކޯސްތަކަށް އެމްއެންޔޫއިން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ 2027 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

2027 ފެބުރުވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 15 ވަނަ ދުވަހުން 26 ޖެނުއަރީ 2027 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް އެމްއެންޔޫއިން ވަނީ ހުޅުވާލާފައެވެ. ކޯސްތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެމްއެންޔޫގެ  ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. މި ފަހަރު ހުޅުވާލެވިފައިވާ ދާއިރާތަކާއި ކޯސްތަކުގެ ތަފްސީލު  ވެބްސައިޓް އިން ލިބޭނެއެވެ. އަދި ކޯސްތަކަށް ވަނުމަށް ބޭނުންވާ ޝަރުޠުތަކާއި ކޯސްތަކަށް ކުދިން ހޮވުމުގައި ބަލާނެ މިންގަނޑުތައް 2027 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރަށް ކޯސްތަކަށް އިޢުލާންކޮށްފައިވާ އިޢުލާނުން ސާފުކުރެއްވުމަށް އެ ޔުނިވަރސިޓީން ބާރުއަޅާފައިވެއެވެ.

ފޯމު ހުށަހަޅާއިރު ބޭނުންވާ އެންމެހައި ލިޔެކިޔުންތައް އަޞްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައި، އެއް ފައިލެއްގެ ގޮތުގައި ސާފުކޮށް ކިޔަން އެނގޭނެހެން ޕީ.ޑީ.އެފް ފޯމެޓުގައި އަޕްލޯޑް ކުރަންވާނެ ކަމަށާއި 2026 ވަނަ އަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެމްބަރު މަހު އޭ-ލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނު ނިންމި ކުދިންގެ ތެރެއިން، ނަތީޖާ ނުލިބޭ ކުދިންނަށް އޭ.އެސް ލެވެލް ނަތީޖާ ނުވަތަ ސްކޫލް މޮކް އިމްތިޙާނުގެ ނަތީޖާއާއެކު ފޯމު ހުށަހެޅިދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ. ނަމަވެސް، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން ރަސްމީ ނަތީޖާ ހުށަހަޅަންވާނެ ކަމަށް ވެސް އެ ޔުނިވަރސިޓީން ބުނެއެވެ.

އެމްއެންޔޫއިން ބުނީ، ސިއްޚީ ދާއިރާއާ ގުޅުން ހުރި ހަ ކޯހަކަށް ކުދިން ހޮވުމުގައި ބަލާނީ މެރިޓް ނިޒާމަށެވެ. އެ ކޯސްތަކަށް ހޮވުނުކަން 26 ޖެނުއަރީ 2027 ގެ ފަހުން އަންގާނެ ކަމަށާއި އަދި ކޯހަށް ހޮވުނުކަމުގެ ރަސްމީ ލިޔުން ދޫކުރެވޭނީ 28 ފެބުރުވަރީ 2027 ގެ ފަހުން ކަމަށެވެ.

ޖާގަ ދިނުމުގައި މެރިޓް އުޞޫލުން ބަލާނެ ކޯސްތައް:

ބެޗްލަރ އޮފް ނާރސިންގ
ބެޗްލަރ އޮފް ފްސައިކޮލޮޖީ
ބެޗްލަރ އޮފް މެޑިކަލް ލެބޯރަޓަރީ ސައިންސް

ބެޗްލަރ އޮފް އޮކިއުޕޭޝަނަލް ތެރަޕީ

ބެޗްލަރ އޮފް ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީ
ބެޗްލަރ އޮފް މެޑިސިން އެންޑް ބެޗްލަރ އޮފް ސާޖަރީ (MBBS)

ކޯސްތަކަށް ކުރިމަތިލުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ނުވަތަ އެހީތެރިކަމެއް ބޭނުންވާނަމަ، އެމް.އެން.ޔޫ ސްޓޫޑަންޓް ސަރވިސަސްގެ އީމެއިލް studentservices@mnu.edu.mv ނުވަތަ ޔުނިވަރސިޓީގެ ހޮޓްލައިން 1445 އިން ސާފުކުރެވޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ތަޢުލީމީ އަދި ފަންނީ ކުރިމަގު ބައްޓަންކުރުމަށްޓަކައި އެމް.އެން.ޔޫގައި ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ހުރިހާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވަނީ ދަޢުވަތު އަރުވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *