ޢާއިޝަތު މައިހާ މާހިރު
ދުނިޔޭގެ މަޝްހޫރު ޔުނިވަރސިޓީއެއްގައި ކިޔަވައި، ބެޗްލާރސް ޑިގްރީއާއި މާސްޓަރ ޑިގްރީ ކޯހުން ވެސް އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދުމަކީ އެއީ މަދު ދަރިވަރަކަށް ނޫނީ ނުވާނެ ކަމެކެވެ. އެ ފަޚުރުވެރި ކާމިޔާބީ ހޯދި ދިވެހި ދަރިވަރަކީ އެންޓިކޮރަޕްޝަން ކޮމިޝަނުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޢާއިޝަތު ނަވާލު ނިޒާރެވެ.
މެލޭޝިއާގެ އޭޝިއާ ޕެސިފިކް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އޭޕީޔޫ) އިން 2025 ވަނަ އަހަރު، މާސްޓަރ އޮފް އެކައުންޓިންގ އިން ފޮރެންސިކް އެނަލިސިސް ކޯސް ނިންމަވައި، ނަވާލު ވަނީ މުޅި ކޯހުން 1 ވަނަ ހޯއްދަވައި "ބެސްޓް ސްޓޫޑެންޓް އެވޯޑް" ގެ އިތުރުން 'ބެސްޓް ޕްރޮޖެކްޓް އެވޯޑް' ހާސިލުކުރައްވާ 2026 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެވަނަ ފަހަރަށް ހާސިލްކުރައްވާފައިއެވެ. އޭގެކުރިން 2018 ވަނަ އަހަރު ހަމަ އެ ޔުނިވަރސިޓީން ބެޗްލަރ އޮފް އާޓްސް އިން އެކައުންޓިންގ އެންޑް ފައިނޭންސް ކޯހުން 'އައުޓްސްޓޭންޑިންގ އެކަޑެމިކް ޕަރފޯމިންގ އެވޯޑް' އަދި 'ބެސްޓް ޕްރޮޖެކްޓް އެވޯޑާ’އެކު، 2019 ވަނަ އަހަރު ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ނަވާލު ވަނީ ހާސިލުކުރައްވާފައެވެ.
ނަވާލުގެ ތަޢުލީމީ ޙަޔާތުގެ ހުޅުކޮޅު ރޯވެގެން ދިޔައީ ގިޔާސުއްދީން ސްކޫލުންނެވެ. އޭގެފަހުން ގްރޭޑް 8 އިން 10 އަށް އަމީނިއްޔާ ސްކޫލުގައި ތަޢުލީމު ހާސިލުކުރެއްވިއިރު، ސީއެޗްއެސްސީން މަތީ ސާނަވީ ތަޢުލީމު ނިންމެވިއެވެ. ކުޑައިރުއްސުރެ ވެސް އުނގެނުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ބެހެއްޓެވި ނަވާލަކީ ހަމައެކަނި ފޮތްތަކަށް ބަރޯސާނުވެ، މައުލޫމާތު ހޯދުމަށް ގަދައަޅައި ބުރަ މަސައްކަތްކުރެއްވި ދަރިވަރެކެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، އޯލެވެލް އިމްތިޙާނުގައި ޓްރެވަލް އެންޑް ޓޫރިޒަމް މާއްދާއިން މުޅި ދުނިޔެއިން 2 ވަނަ ހޯއްދެވިއެވެ. އަދި އޭލެވެލް އިމްތިޙާނުގައި އެކައުންޓިންގ މާއްދާއިން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރައްވައި، އެޑެކްސެލްގެ މެޑައްޔާއެކު 2014 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑަލް ވެސް ހާސިލުކުރެއްވިއެވެ.
ނަވާލްގެ އެކައުންޓިންގ ދާއިރާގެ މުސްތަގުބަލް ކުރެހިގެން ދިޔައީ ގޭތެރެއިންނެވެ. މަންމައަކީ އޮޑިޓް ދާއިރާގައި މަސައްކަތްކުރެއްވި ބޭފުޅަކަށް ވުމުން، ގޭތެރޭގައި ކަލްކިއުލޭޓަރު ހިފައިގެން ހިސާބުތައް ދިމާކުރަން މަންމަ އިންނަ މަންޒަރަކީ ނަވާލަށް ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދިޔަ މަންޒަރެކެވެ. ހަމައެހެންމެ، އެކައުންޓިންގ ދާއިރާއަކީ ވަރަށް ގިނަ ފުރުސަތުތައް އޮތް ފުޅާ ދާއިރާއަކަށް ވުމުން ހިތުގައި އޮތް ޝައުޤުވެރިކަން އިތުރުވެގެން ދިޔައެވެ.
ދާއިރާއެއް ކަނޑައެޅުމުގައި އޭނާ ވިސްނެވީ ވަރަށް ތަފާތު، އަދި އެހާމެ ބޭނުންތެރި ދާއިރާއެއް އިޚްތިޔާރުކުރުމަށެވެ. އެގޮތުން ފޮރެންސިކް އެކައުންޓިންގއަކީ އޭރު ރާއްޖެއަށް އައު، ނަމަވެސް ނުހަނު ބޭނުންތެރި ދާއިރާއަކަށް ވުމުން، އޭޕީޔޫއިން އެ ރޮނގުން ކުރިއަށްދާން ނިންމެވިއެވެ. ހަޔާތުގެ ފަސް އަހަރު ހޭދަކުރި އޭޕީޔޫއަކީ ނަވާލުގެ ހިތާ ގުޅިފައިވާ ދެވަނަ ގެއެވެ. އެ ޔުނިވަރސިޓީގެ ލެކްޗަރާއިން އަދިވެސް އޭނާގެ ހުނަރާއި ބުރަ މަސައްކަތް ހަނދާންކުރާކަން އުފަލާއެކު ނަވާލް ފާހަގަ ކުރިއެވެ. ނަވާލު ޕީއެޗްޑީ ހާސިލުކުރުމަކީ އޭނާގެ މައިންބަފައިން ދެކެމުންދާ ހުވަފެނެކެވެ. އެހެންކަމުން، އޭނާގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އެ ޔުނިވަރސިޓީން ޕީއެޗްޑީ ވެސް ފުރިހަމަކުރުމެވެ.

ޑިގްރީ ނިންމުމަށްފަހު އެކައުންޓިންގގެ ތަޖުރިބާ ހޯއްދެވުމަށް 3 އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރެޓީގައި މަސައްކަތްކުރެއްވުމަށްފަހު، ކިޔެވި އެއްޗެއް ޢަމަލީ މައިދާނުގައި ބޭނުންކުރުމަށް ޓަކައި ލޯއެންފޯސްމަންޓް ދާއިރާއިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބަދަލުވެވަޑައިގަތެވެ. ފޮރެންސިކް އެކައުންޓިންގއަކީ ތަޙުޤީޤާ ގުޅޭ ދާއިރާއަކަށް ވުމުން އޭސީސީގެ އިންވެސްޓިގޭޝަންގައި މަސައްކަތްކުރެއްވިއެވެ. މާސްޓާސްއަށް ކިޔަވަން ދިޔައީ މި ދާއިރާއިން އިތުރަށް ސްޕެޝަލައިޒްވެ، ދާއިރާ ބޮޑަށް ދަސްކުރުމުގެ ބޭނުމުގައެވެ.
ޑިގްރީގައި ނަވާލު ހެއްދެވި ދިރާސާއަކީ "ދަ ޗެލެންޖަސް އޮފް ބީއިންގ އެން އޮޑިޓަރ ޖެނެރަލް އިން މޯލްޑިވްސް" އެވެ. މިއީ ރާއްޖޭގެ އޮޑިޓް ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މާސްޓާސްގައި އޭނާ ހެއްދެވި ދިރާސާ ޚާއްޞަކުރެއްވީ އޭނާ ވަޒީފާ އަދާކުރައްވާ އޭސީސީއަށެވެ. "ފައިޓިންގ ކޮރަޕްޝަން: އަ ކުއަލިޓޭޓިވް ސްޓަޑީ އޮން ދަ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ އޮފް ދަ އެންޓި-ކޮރަޕްޝަން ކޮމިޝަން އޮފް މޯލްޑިވްސް" ގެ ނަމުގައި ހެއްދެވި މި ދިރާސާގެ މަޤްޞަދަކަށްވީ ހަމައެކަނި ސަނަދެއް ހޯދުމެއް ނޫނެވެ. ޤައުމީ ޚިދުމަތުގެ މޭޒަށް ޢިލްމީ އަދި ޢަމަލީ ޙައްލުތަކެއް ގެނެސްދިނުމެވެ. މި ދެ ދިރާސާ ޕްރޮޖެކްޓުން ވެސް ނަވާލު ވަނީ ބެސްޓް ޕްރޮޖެކްޓް އެވޯޑް ހާސިލުކުރައްވާފައެވެ.

ނަވާލު ޤަބޫލުކުރައްވާ ގޮތުގައި އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ކަންކަން ފަހަށް ނުބެހެއްޓުމެވެ. ކޮންމެ ކަމެއްވެސް ކުރިއާލައި ތައްޔާރުވެގެން ކުރުމަކީ އޭނާގެ އުސޫލެވެ. އެގޮތުން ޔުނިވަރސިޓީގެ އެސައިންމަންޓްތައް ޑެޑްލައިންގެ ދެ ދުވަސް ކުރިން ނިންމައި، އަލުން ޗެކްކޮށް، ކުށްތައް ރަނގަޅުކުރުމަށް ވަގުތު ހުސްކުރައްވައެވެ. ފުދޭވަރަކަށް ވަގުތު ލިބިގެން މަސައްކަތް ކުރުމުން އޭގެ ފެންވަރު ރަނގަޅުވާނެ ކަމަށް ނަވާލު ދެކެއެވެ.

މި އުފާވެރި ކާމިޔާބީގެ ފަހަތުގައި ވަނީ ހިތްދަތި، ނަމަވެސް ޢިބްރަތުން ފުރިގެންވާ ބޮޑެތި ޤުރުބާނީތަކެކެވެ. ނަވާލްގެ ކާމިޔާބީތަކުގެ މައިބަދަ އަކީ އޭނާގެ މައިންބަފައިންނެވެ. ޑިގްރީއަށް ކިޔެވިއިރު ކުރިމަތިވި މާލީ ތާށިކަމުން އަރައިގަތުމަށް ޓަކައި، މައިންބަފައިން ވި ޤުރުބާނީއަކީ ނަވާލުގެ ހިތުން ދުވަހަކު ވެސް ފޮހެވިގެންދާނެ ކަމެއް ނޫނެވެ. އެންމެ އަސަރުގަދަ އިމްތިޙާނަކާ ކުރިމަތިލާން ޖެހުނީ މާސްޓާސްއަށް ފުރަން ޖެހުނު ދުވަހުއެވެ. އުމުރުން އެންމެ 4 އަހަރުގެ ލޯބިވާ ދަރިފުޅާއި، ފިރިމީހާ ދޫކޮށް ބޭރު ޤައުމަކަށް ފުރައިގެން ދިއުމަކީ އެއްވެސް މައެއްގެ ހިތަށް ކެތްވާނެ ކަމެއް ނޫނެވެ. ދަރިފުޅުގެ ހަނދާންތަކުން ލޯ ފުރިގެން އައި ކޮންމެ ވަގުތަކު ހިތްވަރު ހޯދީ، ދަރިފުޅަށް ޓަކައި ފަހި މާދަމާއެއް ހޯދައިދިނުމުގެ މަތިވެރި ޢަޒުމުންނެވެ. އެކޮޅުގައި ހުރެގެން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދަރިފުޅުގެ ކަންކަން ގާތުން ބަލަހައްޓަމުން ދިޔައިރު، އެ ކުޑަކުޑަ ދަރިފުޅު އެއްވެސް ޝަކުވާއެއް ނެތި ދެއްކި ކެތްތެރިކަމަކީ ނަވާލުގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. މި ދަނޑިވަޅުގައި ފިރިމީހާ ޙައިޝަމްގެ ފަރާތުން ލިބުނު މޯރަލް ސަޕޯޓާއި، އެސައިންމަންޓްތަކަށް ފީޑްބެކް ދިނުމުގައި ވެދިން އެހީތެރިކަން ނަވާލު ފާހަގަކުރަނީ ޝުކުރުވެރިކަމާއެކުގައެވެ. މީގެއިތުރުން ފިރިމީހާގެ ޢާއިލާއިން ދަރިފުޅު ބެލުމުގައި ވެދިން އެހީތެރިކަން ނަވާލުގެ ހިތުގައި ދާއިމަށް ބިންވަޅު ނެގިފައިވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެވަނަ ފަހަރަށް ލިބިވަޑައިގަތުމުން އެކަމުގެ ޝުޢޫރު ފާޅުކުރައްވަމުން ނަވާލު ފާހަގަކުރެއްވީ، ތިމާ ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމަށް ރީތި ނަން ހޯދައިދެވުމަކީ ލިބޭ ނުހަނު ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފޮރެންސިކް އެކައުންޓިންގގެ ދާއިރާއަކީ ރާއްޖެއަށް ބަލާއިރު އަދިވެސް ވަރަށް މަދު، ނަމަވެސް ޤައުމަށް ނުހަނު މުހިންމު ދާއިރާއެކެވެ. އެހެންކަމުން ނަވާލުގެ ވިސްނުމަކީ ލޯ އެންފޯސްމަންޓްގެ މި ދާއިރާއިން ކުރިއަށް ދެވެން އޮތް އެންމެ މައްޗަކަށް ދަތުރުކޮށް، ޤައުމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދިނުމެވެ.

މިއަދުގެ ޒުވާނުންނަށާއި ކިޔަވާ ކުދިންނަށް ނަވާލުގެ އިލްތިމާސްއަކީ ބުރަ މަސައްކަތްކޮށް ކޮންމެ ކަމެއްގައި ވެސް އަޚްލާޤާއި ސުލޫކު ދަމަހައްޓަން މަސައްކަތްކުރާށެވެ. ކަންކަން ފަހަށް ނުޖައްސައި، ކޮންމެ ކަމެއްވެސް ކުރިއާލައި ރާވައިގެން ކުރުމުގެ މުހިންމުކަން އޭނާ އަބަދު ވެސް ފާހަގަކުރެއެވެ. އެގޮތުން އަމިއްލަ ދަރިފުޅަށް ވެސް ނަވާލު އަބަދު ދޭ ނަސޭހަތަކީ މުހިންމީ ހަމައެކަނި މޮޅެތި ވަނަތަކެއް ހޯދުމެއް ނޫން ކަމަށާއި، އެންމެ މުހިންމީ ކުރާ ކަމަކަށް ފުރިހަމައަށް ވަގުތު ދީގެން އިޚްލާޞްތެރިކަމާއެކު ގަދައަޅައި މަސައްކަތް ކުރުން ކަމެވެ.
ޢާއިޝަތު ނަވާލު ނިޒާރަކީ ގައުމަށް ނަމޫނާ ޝަޚްޞިއްޔަތެކެވެ. ކުރިމަތިވި ހުރަސްތަކާއި ވީ ޤުރުބާނީތަކުން ފިލާވަޅު ލިބިގަނެ، އޭނާ ސާބިތުކޮށްދިނީ އަޒުމު ވަރުގަދަ ނަމަ، ދިރިއުޅުމުގެ އެއްވެސް އިމްތިޙާނަކީ ކާމިޔާބީއަށް އެޅޭ ހުރަހަކަށް ނުވާނެ ކަމެވެ. ނަވާލަކީ މުޅި ޤައުމު ފަޚުރުވެރިވާ، ދިވެހި ކަނބަލުންނަށް ހުރި އަގުހުރި މިސާލެކެވެ.
advertisment
ހިޔާލު