ރާއްޖޭގެ އޯ ލެވެލް އަދި އޭ ލެވެލް ދަރިވަރުންނަށް އިމްތިޙާނުތަކަށް ތައްޔާރުވުމަށް އެހީތެރިވެދޭ "ސިލަބައި އެގްޒޭމް ޕްރެޕް" ޕްލެޓްފޯމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ޖަވާބުތައް މާކްކުރެވޭ ޚިދުމަތާއި ހިލޭ ބޭނުންކުރެވޭ ބޮޑު ޕާސްޓް ޕޭޕަރު ލައިބްރަރީއެއް އިތުރުކޮށްފިއެވެ. މިއީ ލިޔެފައިވާ އިމްތިޙާނު ޖަވާބުތަކާއި ކުއިޒްތައް AI އިން މާކްކޮށްދޭ ރާއްޖޭގެ ފުރަތަމަ ޕްލެޓްފޯމެވެ. މި ދެ ޚިދުމަތް މިހާރު http://syllabi.mv/examprep މެދުވެރިކޮށް ފޯނު، ޓެބްލެޓް އަދި ކޮމްޕިއުޓަރުން ލިބޭނެއެވެ.
މި ޕްލެޓްފޯމުގައިވާ އޭއައި މާކިންގ ފީޗަރގެ އެހީގައި، ދަރިވަރުން ލިޔާ ޖަވާބުތައް ރަސްމީ މާކިންގ ސްކީމާ އަޅާކިޔައި ސިކުންތުކޮޅެއްގެ ތެރޭގައި މާކް ލިބެއެވެ. މީގެ އިތުރުން ލިބުނު ޕޮއިންޓްތަކާއި، ގެއްލުނު ޕޮއިންޓްތަކުގެ އިތުރުން ޖަވާބު ރަނގަޅުކުރުމަށްޓަކައި ބޭނުންވާ ކުރު ނޯޓެއްވެސް ދަރިވަރަށް ފެންނަން ހުރެއެވެ. އިނގިރޭސި ޕޭޕަރުތަކުގެ އިތުރުން ދިވެހި އަދި އިސްލާމް މާއްދާގެ ޕޭޕަރުތައްވެސް މާކްކުރެވޭއިރު، ފީޑްބެކް ލިބެނީ ދިވެހި ބަހުންނެވެ.
މީގެ އިތުރުން ކަރުދާހުގައި ޖަވާބު ލިޔާ ދަރިވަރުންނަށް ޖަވާބު ކަރުދާހުގެ ފޮޓޯ ނެގުމުން އެ ފޮޓޯ ޓެކްސްޓަށް ބަދަލުކޮށް، ދަރިވަރު ޗެކްކުރުމަށްފަހު މާކްކުރެވޭ "ފޮޓޯ ޖަވާބު" ފީޗަރވެސް ހިމެނެއެވެ. ދަރިވަރަކު މާކަކާ މެދު ސުވާލު އުފެދޭނަމަ "Ask a teacher" މެދުވެރިކޮށް ޓީޗަރަކަށް ފޮނުވުމުގެ ފުރުސަތު އޮންނައިރު، އޭއައި އިން މާކްކުރާ ޖަވާބުތައް ދަރިވަރުގެ "ވީކް ޓޮޕިކްސް" ލިސްޓަށްވެސް އިތުރުވެގެންދެއެވެ.
އަލަށް އިތުރުކުރެވުނު ރިސޯސަސް ލައިބްރަރީގައި 16،000 އަށްވުރެ ގިނަ ޕީޑީއެފް ހިމެނެއެވެ. މީގެ ތެރޭގައި ޕާސްޓް ޕޭޕަރު، މާކިންގ ސްކީމް، އެގްޒަމިނަރ ރިޕޯޓް އަދި ސިލަބަސް ހިމެނޭއިރު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) ގެ އެސްއެސްސީ އަދި އެޗްއެސްސީ ޕޭޕަރުތައްވެސް ހިމެނެއެވެ. އެކައުންޓެއް ހަދާފައިވާ ކޮންމެ ދަރިވަރަކަށް މި ލައިބްރަރީ ހިލޭ ބޭނުންކުރެވޭއިރު، ޕްރީމިއަމް އަދި އެގްޒޭމް ޕާސް އޮންނަ ދަރިވަރުންނަށް ޕޭޕަރުތަކުގައި ހައިލައިޓްކޮށް، ކުރަހައި، ނޯޓް ލިޔެ ސޭވްކުރުމުގެ ފުރުސަތު ލިބެއެވެ. އަދި އަމިއްލަ ރިވިޝަން ނޯޓްސް ހުށަހަޅައިގެން ސިލަބައި ކްރެޑިޓް ހޯދުމުގެ ފުރުސަތުވެސް ދަރިވަރުންނަށް ވަނީ ހުޅުވާލާފައެވެ.
ސިލަބައި ޓީމުން މައުލޫމާތު ދިން ގޮތުގައި މިވަގުތު މިފީޗާ ގްރޭޑް 9 އަދި 10 ގެ އިސްލާމް މާއްދާއަށް ބޭނުންކުރެވޭނެއެވެ. އަދި އިތުރު މާއްދާތަކާއި ފިޗާތައް ކުރިއަށް އޮތްތަނުގައިވެސް ދަރިވަރުންނަށް ގެނެސްދެމުން ގެންދާނެއެވެ.
http://syllabi.mv އިން އަންނަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާ އެކި ޒަމާނީ ޙައްލުތައް ހޯދަ ދެމުންނެވެ. ދަރިވަރުންނަށް ބޭުނުންވާ އެކިއެކި ހިލޭ ބޭނުންކުރެވޭ ވެބްސައިޓްތައްވެސް މީގެ ކުރިން ވަނީ ތަޢާރަފް ކޮށްފައެވެ.
advertisment
ހިޔާލު