މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު ޕީއެޗްޑީ ޙާޞިލް ކުރެއްވި ހަ ބޭފުޅަކަށް ދެއްވައިފިއެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު މި އަހަރު 57 ބޭފުޅަކަށް ލިނިވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޕީއެޗްޑީ ޙާޞިލްކުރެއްވި ހަ ބޭފުޅެއްގެ އިތުރުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ނުވަތަ ލެވެލް 8ގެ ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި 50 ބޭފުޅަކާއި ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ހާސިލުކުރި ބޭފުޅަކަށެވެ.
ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރެއްވި ހަ ބޭފުޅުންނަކީ، ޑރ. ރާމިޒު އަލީ، ވަށަފަރު، ގދ ފިޔޯރީ، ޑރ. މަރްޔަމް ޝަބީނާ އަޙްމަދު، މ. ރުއްފުށި، ޑރ. އަޙްމީމާ ލުޠުފީ، މީނާޒު، ސ. ހިތަދޫ، ޑރ. އާމިނަތު ޢަދާލާ ރަޝީދު، އެމިނާ، ސ. ހިތަދޫ ޑރ. ޢަޒުމީނާ ޢަބްދުލްކަރީމް، މާތޮޑާއަވަށް. ޗިޗަންޑާގެ ގދ. ފަރެސްމާތޮޑާ، ޑރ. އާސިޔާ އިބްރާހީމް، ގ. ނޫމަރާހިޔާއެވެ.
ޑރ. ރާމިޒު އަލީ
މި އިނާމު ޑޮކްޓަރ ރާމިޒް ޢަލީއަށް ލިބިވަޑައިގެންނެވީ، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގ އިން 2023ވަނަ އަހަރު ތަޢުލީމީ ދާއިރާއިން "ޑޮކްޓަރ އޮފް ފިލޯސޮފީ" ހާސިލުކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި "އަ ޕްރޮސެސް ފޮރ އިންސްޓިޓިއުޝަނަލް އެޑޮޕްޝަން އެންޑް ޑިފިއުޝަން އޮފް ބްލެންޑަޑް ލަރނިންގ އިން ހަޔަރ އެޑިޔުކޭޝަން" އާޓިކަލް ބައިނަލްއަގުވާމީ އެކަޑެމިކް ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީއެވެ.
ޑޮކްޓަރ ރާމިޒް ޢަލީ ލިޔުއްވި ތީސިސް، "އިމްޕްލިމެންޓޭޝަން އޮފް ބްލެންޑެޑް ލަރނިންގ: އަ ކޭސް ސްޓަޑީ އޮފް އެޑޮޕްޝަން އެންޑް ޑިފިއުޝަން" ބިނާކުރައްވައިފައި ވަނީ، ޔުނިވަރސިޓީތަކުގައި ކިޔަވައިދިނުމުގެ ޓެކްނޮލޮޖީއާއި އިނޮވޭޓިވް ގޮތްތައް ތަޢާރުފްކޮށް، ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރެވިދާނެ ގޮތްތައް ދެނެގަތުމުގެ މައްޗަށެވެ. މި ދިރާސާގެ ނަތީޖާ ދައްކާގޮތުގައި، ޔުނިވަރސިޓީތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރެވޭގޮތް ގުޅިފައިވަނީ ދަރިވަރުންގެ އުނގެނުމުގެ ތަޖުރިބާއާއި، ޓެކްނޮލޮޖީއާމެދު ލެކްޗަރަރއިން ދެކޭގޮތަކާއި، ޓެކްނޮލޮޖީގެ މައުލޫމާތާއި ހުނަރު އެ ފަރާތްތަކަށް ލިބިފައިވާ މިންވަރާއި، ލެކްޗަރަރއިންނަށް ޔުނިވަރސިޓީއިން ފޯރުކޮށްދެވޭ އެހީތެރިކަން ފަދަ ގިނަ ކަންކަމުގެ މައްޗަށެވެ.
މި ދިރާސާ މުހިންމުވަނީ، ހަލުވިކަމާއެކުގައި ކުރިއަރަމުންދާ ޓެކްނޮލޮޖީގެ ދުނިޔެއެއްގައި މަތީ ތަޢުލީމުދޭ މަރުކަޒުތައް ފައިހަމަކޮށް، އިނޮވޭޓިވް ގޮތްތައް ބަލައިގަތުމުގައި ޔުނިވަރސިޓީތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަނެވިދާނެ ޙައްލުތަކެއް މި ދިރާސާގައި ހުށަހަޅައިދޭތީއެވެ.
ޕީ.އެޗް.ޑީ. ހާސިލުކުރެއްވުމަށްފަހު ޑޮކްޓަރ ރާމިޒް ޢަލީ މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރގެ މަގާމުގައެވެ. ފެކަލްޓީގައި ހިންގާ ޕޯސްޓްގްރެޖުއޭޓް ކޯސްތަކަށް ކިޔަވައިދެއްވުމުގެ އިތުރުން، މި ވަގުތުވެސް ޔުނިވަރސިޓީގެ ތިން ދަރިވަރުންގެ ޕީ.އެޗް.ޑީ. ސުޕަވައިޒް ކުރައްވަމުން ގެންދަވައެވެ. އަދި އުނގަންނައިދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމާއި، އުނގެނުމުގެ ފެންވަރު ވަޒަންކުރުމާ ގުޅުންހުރި ދިރާސާތައް ކުރައްވައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި މަންސަތަކުގައި ހިއްސާކުރައްވަމުން ގެންދަވައެވެ.
ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު
މި އިނާމު ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދަށް ލިބިވަޑައިގެންނެވީ، މެލޭޝިއާގެ ޔުނިވަރސިޓީ ޕުތުރާ މެލޭޝިއާއިން 2023ވަނަ އަހަރު، އެންވަޔަރަންމަންޓަލް މައިކްރޯބަޔޮލޮޖީގެ ދާއިރާއިން "ޑޮކްޓަރ އޮފް ފިލޯސޮފީ" ހާސިލުކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި "ސްޓެޓިސްޓިކަލް އޮޕްޓިމައިޒޭޝަން އޮފް ޔޫޒްޑް ކުކިންގ އޮއިލް ޑިގްރެޑޭޝަން ބަރކޮލްޑީރިއާ ވިއެޓްނަމީއެންސިސް އޭ.ކިއު. ފައިވް-ޓުވެލް އެންޑް ބަރކޮލްޑީރިއާ ސްޕީޝީޒް އޭ.ކިއު.ފައިވް-ތާރޓީން" އާޓިކަލް، ބައިނަލްއަގުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީއެވެ.
ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު ލިޔުއްވި ތީސީސް "އޮޕްޓިމައިޒޭޝަން އެންޑް ކިނެޓިކް މޮޑެލިންގ އޮފް ސިންގަލް އެންޑް ކޯ-ކަލްޗަރ ބެކްޓީރިއާ އައިސޮލޭޓް އޮން ޔޫސްޑް ކުކިންގ އޮއިލް ޑިގްރެޑޭޝަން" ބިނާކުރައްވައިފައިވަނީ، ބޭނުންކޮށްފައި އުކައިލާ ކައްކާތެޔޮ، ތިމާވެށްޓާ ރައްޓެހިގޮތަކަށް ނައްތައިލެވޭނެ ގޮތްތަކާއި ހާލަތްތައް ދެނެގަތުމުގެ މައްޗަށެވެ. ބޭނުންކޮށްފައި އުކައިލާ ކައްކާތެލަކީ، ދުނިޔޭގެ ތިމާވެށި ތަޣައްޔަރުކުރާ ހައިޑްރޯ ކާބަންއެކެވެ. ތެލަކީ، ޠަބީޢީގޮތުން ފެނާ އެއްނުވާ އެއްޗަކަށްވުމުން މާޙައުލުން ނައްތައިލަން އުނދަގޫ އެއްޗެކެވެ. މި ދިރާސާއިން ހޯދުނުގޮތުގައި ތެޔޮ ނައްތައިލުމުގައި ކެމިކަލް ނުވަތަ އެހެން ގޮތެއް ބޭނުންކުރުމުގެ ބަދަލުގައި ބަޔޯރިމީޑިއޭޝަނެއް ބޭނުންކުރުމަކީ އިޤްތިޞާދީ ގޮތުން ފައިދާހުރި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއް ކަމުގައެވެ.
ޕީ.އެޗް.ޑީ. ހާސިލުކުރެއްވުމަށްފަހު، ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު، 2024ން ފެށިގެން ހުންނެވީ، ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިރާއްޖޭގެ ޖަމުޢިއްޔާއެއް ކަމަށްވާ "ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީ" (ސިގްސް) އިން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، މޫދުން ޕްލާސްޓިކް މަދުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކާއި، ތިމާވެށްޓާ ރައްޓެހި ކޮތަޅު އުފެއްދުމާ ގުޅޭ މަޝްރޫޢު ފަދަ ކަންކަމަށް ބޭނުންވާ ދިރާސީ އެހީތެރިކަމާއި، ފަންނީ ލަފާ، ޑޮކްޓަރ ޝަބީނާ ގެންދަވަނީ ހިލޭސާބަހަށް ފޯރުކޮށްދެއްވަމުންނެވެ. 2024ވަނަ އަހަރު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރެއްގެ ގޮތުގައި ޑޮކްޓަރ ޝަބީނާ ޢައްޔަންކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ފަންނީ ފުރުޞަތުތަކެއް ހޯއްދަވައި ދެއްވުމަށްވެސް ޑޮކްޓަރ ޝަބީނާ ވަނީ، އަގުހުރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވައިފައެވެ.
ހާއްސަ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
ޑޮކްޓަރ އަޙްމީމާ ލުޠުފީ
މި އިނާމު ޑޮކްޓަރ އަހްމީމާ ލުޠުފީއަށް ލިބިވަޑައިގެންނެވީ، މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައެންސް ޔުނިވަރސިޓީން 2023 ވަނަ އަހަރު، މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއިން "ޑޮކްޓަރ އޮފް ފިލޯސޮފީ" ހާސިލުކުރައްވައިފައިވާތީ އާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި "ޔޫޒް އޮފް ސޯޝަލް މީޑިއާ ބައި ދަ ސެކަންޑަރީ ސްޓޫޑެންޓްސް އިން ރިލޭޝަން ވިތް އެންގޭޖްމަންޓް އޮފް ސްޓޫޑެންޓްސް އިން އެންވަޔަރަންމަންޓަލް އެކްޓިވިޓީޒް އެންޑް ސަސްޓެއިނަބިލިޓީ އެވެއަރނަސް" އާޓިކަލް، ބައިނަލްއަގުވާމީ ޖަރނަލްއެއްގައި ޝާއިޢުކުރައްވައިފައިވާތީއެވެ.
ޑޮކްޓަރ އަހްމީމާގެ ތީސިސް ކަމުގައިވާ "ފެކްޓަރސް އެފެކްޓިންގ އެންވަޔަރަންމަންޓަލް ސަސްޓެއިނަބިލިޓީ އެވެއަރނަސް އެމަންގ ދަ ލޯވަރ ސެކަންޑަރީ ސްޓޫޑެންޓްސް އިން ދަ ސިޓީޒް އޮފް ދަ މޯލްޑިވްސް" ޚާއްޞަކުރައްވައިފައިވަނީ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން، ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ގުޅޭގޮތުން ދަރިވަރުންގެ ޢިލްމާއި ވިސްނުން ފުޅާކޮށް، އަޚުލާޤަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކެއް ދެނެގަތުމަށެވެ. މިކަމަށް މަގުފަހިކުރުވާ ކަންކަން ދެނެގަނެ، ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަކީވެސް، މި ދިރާސާގެ މައިގަނޑު އަމާޒެވެ. މި ދިރާސާގެ އަލީގައި ދަރިވަރުންނަށް ކިޔަވައިދެވޭ ކަރިކިއުލަމްގެ ތެރެއަށް "އެންވަޔަރަންމަންޓަލް މެނޭޖްމަންޓް" ފަދަ މާއްދާތައް ތަޢާރުފުކޮށް، ޢަމަލީ ތަޖުރިބާތައް ފޯރުކޮށްދީގެން ތިމާވެށްޓަށް ހޭލުންތެރި، ޒިންމާދާރު ދަރިންތަކެއް ބިނާކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރެވިފައެވެ.
ޕީ.އެޗް.ޑީ. ހާސިލުކުރެއްވުމަށްފަހު ޑޮކްޓަރ އަހްމީމާ މިހާރު ހުންނެވީ، ފޭދޫ ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައެވެ. މީގެއިތުރުން، އަހްމީމާއަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި ރިސަރޗާ ބެހޭ މާއްދާތައް ކިޔަވައިދެއްވުމާއެކު ދަރިވަރުންގެ ތީސިސް ސުޕަވައިޒް ކުރައްވައި، ޔުނިވަރސިޓީގެ ދިރާސީ މަސައްކަތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ. ކިޔަވައިދިނުމުގެ ދާއިރާއިން 2021 ވަނަ އަހަރު ރެހެންދި އެވޯޑް ހާސިލުކުރައްވައިފައިވާ ޑޮކްޓަރ އަހްމީމާ ލުޠުފީ ކުރައްވާ ދިރާސާތައް ރާއްޖެއާއި، ބައިނަލްއަގުވާމީ ފެންވަރުގެ އެކި މަންސަތަކުގައި ހިއްސާ ކުރައްވަމުން ގެންދަވައެވެ.
ޑޮކްޓަރ އާމިނަތު ޢަދާލާ ރަޝީދު
މި އިނާމު ޑޮކްޓަރ އާމިނަތު ޢަދާލާ ރަޝީދަށް ލިބިވަޑައިގެންނެވީ، މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައެންސް ޔުނިވަރސިޓީން 2024ވަނަ އަހަރު، މެނޭޖްމަންޓް/ބިޒްނަސްގެ ދާއިރާއިން "ޑޮކްޓަރ އޮފް ފިލޯސޮފީ" ހާސިލުކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި "ކޮންޓެކްސްޗުއަލް ފެކްޓަރސް އެންޑް ވަރޗުއަލް ޕްރޮފެޝަނަލް ލަރނިންގ ކޮމިއުނިޓީސް އިން މޯލްޑިވިއަން ސްކޫލްސް" އާޓިކަލް، ބައިނަލްއަގުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީއެވެ.
ޑޮކްޓަރ ޢަދާލާ ލިޔުއްވި ތީސިސް "ދި އިންފްލުއެންސް އޮފް ލީޑަރޝިޕް ޕްރެކްޓިސަސް އެންޑް ސްކޫލް ކޮންޑިޝަންސް އޮން ޕްރޮފެޝަނަލް ލަރނިންގ ކޮމިއުނިޓީސް އެންޑް ދަ ކޮލިޓީ އޮފް ޓީޗިންގ އިން ދަ މޯލްޑިވްސް" ބިނާކުރައްވައިފައި ވަނީ، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ މުދައްރިސުންގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ހަރުދަނާކުރުމަށް، ޕްރޮފެޝަނަލް ލަރނިންގ ކޮމިއުނިޓީތައް ޤާއިމުކުރުމުގެ މުހިންމުކަން ދެނެގަތުމަށާއި، މިފަދަ ކޮމިއުނިޓީތައް އެދެވޭ ގޮތެއްގައި ހަރަކާތްތެރިވެ ނަތީޖާ ހާސިލުކުރުމުގައި މަދަރުސާގެ އިސްވެރިންނާއި މާހައުލުގެ ދައުރު ދެނެގަތުމުގެ މައްޗަށެވެ. މަދަރުސާތަކުން ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި އުނގަންނައިދިނުމުގައި މަސައްކަތްކުރާ މުދައްރިސުން، އެ މުދައްރިސުންނަށް ލިބިފައިވާ ޢިލްމާއި، ހުނަރާއި، ތަޖުރިބާ ދެމެހެއްޓެނިވި ގޮތެއްގައި އެކަކު އަނެކަކާ ހިއްސާކުރެވި، އެކުއެކީގައި އުނގެނި ދަސްކުރުމުގެ ވިއުގަތަކެއް ޤާއިމުކުރުމަކީ، މުޅި ތަޢުލީމީ ދާއިރާއަށް އޭގެ ފައިދާ ބޮޑުވާނެ ކަމެއްކަމަށް ދިރާސާގެ ހޯދުންތަކުން ދައްކައެވެ.
ޕީ.އެޗް.ޑީ. ހާސިލުކުރެއްވުމަށްފަހު، ޑޮކްޓަރ އާމިނަތު ޢަދާލާ ރަޝީދު ގެންދަވަނީ، އައްޑޫސިޓީ ކައުންސިލްގެ އިންތިޚާބީ ކައުންސިލް މެންބަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަމުންނެވެ. މިގޮތުން، ލޯކަލް ގަވަރނަންސް ހަރުދަނާކުރުމުގައްޔާއި، ސިޔާސަތު އެކަށައެޅުމުގައްޔާއި، ރައްޔިތުންގެ ބޭނުންތަކަށް ވަކާލާތުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ޑޮކްޓަރ ޢަދާލާއަކީ، އިޖުތިމާޢީ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ، ތަފާތު މުއައްސަސާތަކަށް ފަންނީ ހުނަރު ދަސްކޮށްދިނުމުގެ ސެޝަންތައް ކުރިއަށްގެންދަވާ ބޭފުޅެކެވެ. މީގެއިތުރުން، ޑޮކްޓަރ ޢަދާލާއަކީ، ތަޢުލީމީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރެއްވުމާއި، ފަންނީ އަދި އެކަޑެމިކް މަންސަތަކުގައި ޢިލްމީ މަސައްކަތްތައް ހިއްސާ ކުރެއްވުމުގައި
ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.
ޑޮކްޓަރ ޢަޒުމީނާ ޢަބްދުލްކަރީމް
މި އިނާމު ޑޮކްޓަރ ޢަޒުމީނާ ޢަބްދުލްކަރީމަށް ލިބިވަޑައިގެންނެވީ، މެލޭޝިއާގެ ޔޫ.ސީ.އެސް.އައި. ޔުނިވަރސިޓީން 2025ވަނަ އަހަރު، ބިޒްނަސް އެންޑް މެނޭޖްމަންޓުގެ ދާއިރާއިން "ޑޮކްޓަރ އޮފް ފިލޯސޮފީ" ހާސިލުކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި "ސަރވިސް އިނޮވޭޝަން އެންޑް މިމެޓިކް ޕްރެޝަރ އިން މޯލްޑިވިއަން ރިޒޯޓްސް" އާޓިކަލް، ބައިނަލްއަގުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީއެވެ.
ޑޮކްޓަރ ޢަޒުމީނާ ލިޔުއްވި ތީސިސް "އިންފްލުއެންސް އޮފް މިމެޓިކް ޕްރެޝަރ އޮން އޮޕޮޗުނިޓީ އެންހާންސިންގ ޕްރެކްޓިސަސް، އިންޓެލެކްޗުއަލް ކެޕިޓަލް ލީޑިންގ ޓު ސަރވިސް އިނޮވޭޝަން އެންޑް ކޮމްޕެޓެޓިވް އެޑްވާންޓޭޖް: މޮޑެރޭޓިންގ ރޯލް އޮފް ސްޓްރަކްޗަރަލް ކެޕިޓަލް"ގެ މައިގަނޑު އަމާޒަކީ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ރިޒޯޓުތަކުން "މިމެޓިކް ޕްރެޝަރ" ނުވަތަ ކާމިޔާބު ވާދަވެރިން ކޮޕީކުރުމުގެ ފަލްސަފާގެ ސަބަބުން ރިޒޯޓުތަކުގެ ތަރައްޤީއާއި ކުރިއެރުމަށް ފުރުސަތު ފަހިވާ މިންވަރު ދެނެގަތުމުގެ މައްޗަށެވެ. ރާއްޖޭގެ ރިޒޯޓުތަކުގައި މަސައްކަތްކުރަމުންގެންދާ 114 ފަންނީ މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ހޯއްދަވައިގެން ކުރިއަށް ގެންދެވި މި ދިރާސާއިން، މިމެޓިކް ޕްރެޝަރާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ޚިދުމަތް ދިނުމުގައި އީޖާދީ ގޮތްތައް ބޭނުންކުރުމާ ދެމެދު ވަރުގަދަ ގުޅުންތަކެއް އޮންނަކަން ހާމަވެގެން ދިޔައެވެ. ޑޮކްޓަރ ޢަޒުމީނާ ކުރެއްވި ދިރާސާގެ ހޯދުންތަކަކީ، ރާއްޖެފަދަ ފަތުރުވެރިކަމުގެ ޞިނާޢަތަށް ބަރޯސާވާ ޤައުމުތަކުގެ އިޤުތިޞާދަށް ފައިދާކުރަނިވި ހޯދުންތަކެކެވެ.
ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށްފަހު، ޑޮކްޓަރ ޢަޒުމީނާ މިހާރު ހުންނެވީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓެރީގެ މަގާމުގައެވެ. ހައިކޮމިޝަނުގެ ކޮންސިއުލަރ ޑިޕާޓްމަންޓުގެ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން އެ ޑިޕާޓްމަންޓުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި، ޑިޕާޓްމަންޓުގެ މަސައްކަތްތައް ހަރުދަނާކޮށް، އިދާރީ އުސޫލުތައް އިޞްލާޙުކުރުމަށްޓަކައި ޑޮކްޓަރ ޢަޒުމީނާ ގެންދަވަނީ އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.
ޑޮކްޓަރ އާސިޔާ އިބްރާހީމް
މި އިނާމު ޑޮކްޓަރ އާސިޔާ އިބްރާހީމަށް ލިބިވަޑައިގެންނެވީ، ތައިލޭންޑްގެ ޗެންގްމާއި ޔުނިވަރސިޓީން 2025ވަނަ އަހަރު، ނަރސިންގ ސައެންސަސްގެ ދާއިރާއިން "ޑޮކްޓަރ އޮފް ފިލޯސޮފީ" ހާސިލުކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި "އެނަލިސިސް އޮފް އަ ނަރސިންގ ވަރކްފޯސް ޕޮލިސީ އޮން ދަ ކެރިއަރ ލެޑަރ އެންޑް ޕޭ ސްޓްރަކްޗަރ އޮފް ޕަބްލިކް ސެކްޓަރ ނަރސަސް އިން ދަ މޯލްޑިވްސް: އަ ކޮލިޓޭޓިވް ސްޓަޑީ" އާޓިކަލް، ބައިނަލްއަގުވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީއެވެ.
ޑޮކްޓަރ އާސިޔާ އިބްރާހީމްގެ ޕީ.އެޗް.ޑީ. ތީސިސް "އެނެލިސިސް އޮފް ނަރސިންގ ވަރކްފޯސް ޕޮލިސީ އޮން ކެރިއަރ ލެޑަރ އެންޑް ޕޭ ސްޓްރަކްޗަރ އިން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް: އަ މިކްސްޑް މެތަޑްސް ސްޓަޑީ" މައިގަނޑު ގޮތެއްގައި ބިނާކުރައްވައިފައިވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ވަޒީފާގެ ކުރިއެރުމާއި އުޖޫރައާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ޤައުމީ ސިޔާސަތު ކަމަށްވާ "ޖޮބް ފެމިލީ ސްޓޭންޑަޑް ފޮރ ނަރސިންގ 2018″ އެކުލަވައިލެވުނުގޮތާއި، އޭގެ ނަތީޖާ ދެނެގަތުމުގެ މައްޗަށެވެ. މި ދިރާސާގައި އެ ސިޔާސަތު އެކުލަވައިލެވުނު މާޙައުލާއި، އެކުލަވައިލެވުނު ގޮތާއި، ޢަމަލީގޮތުން ތަންފީޒު ކުރެވުނު މަރުޙަލާގެ އިތުރުން، އެ ސިޔާސަތު އެކުލަވައިލުމުގައި ބައިވެރިވި ފަރާތްތަކުގެ ނުފޫޒާއި، އޭގެ ނަތީޖާގެ މައްޗަށް ބަލައިލައިފައި ވެއެވެ. ނަރުހުންގެ މަސައްކަތްތެރިކަން ހަރުދަނާކޮށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ ބޭނުމުގައި ކުރެވުނު މި ދިރާސާއިން ދައްކާގޮތުގައި، ޖޮބް ފެމިލީ ސްޓޭންޑަޑް ފޮރ ނަރސިންގ 2018ގެ ސަބަބުން ނަރުހުންގެ ވަޒީފާގެ ކުރިއެރުމާއި އުޖޫރައަށް ރަނގަޅު ބަދަލުތަކެއް އައިނަމަވެސް، އެ ސިޔާސަތު ތަންފީޒު ކުރުމުގެ މަރުޙަލާގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އަދި ސިޔާސަތާ ގުޅުންހުރި މާޙައުލީ ކަންކަމާމެދު ނަރުހުންގެ ހިތްހަމަޖެހުން ބޮޑުނަމަވެސް، ސިޔާސަތު ބިނާކުރުމުގައި ނަރުހުންގެ ދައުރު ކުޑަކަމަށް ފާހަގަކުރެވުނެވެ.
މި ދިރާސާއަކީ ނަރސިންގ ސައެންސްއާއި، އިދާރީ ހިންގުމާއި، ތަޢުލީމު އަދި ޞިއްޙީ ސިޔާސަތުތައް ބައްޓަންކުރުމަށް ލިބޭ މުހިންމު ޢިލްމީ ކުރިއެރުމެކެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ނަރުހުން ބިނާކުރުމަށާއި، ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ ސްޓްރެޓެޖީތަކާއި ރޭވުންތައް އެކުލަވައިލުމަށް ލިބުނު ބާރެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރކަމުގެ މަގާމުގައި ހުންނެވި ޑޮކްޓަރ އާސިޔާ އިބްރާހީމް މިހާރު އަދާކުރައްވަމުން ގެންދަވާ މައިގަނޑު މަސްއޫލިއްޔަތަކީ، ޗީފް ކަރިކިއުލަމް ކޯޑިނޭޓަރުގެ ހައިސިއްޔަތުން ޔުނިވަރސިޓީތަކުގެ ހުރިހާ ފެކަލްޓީތަކާ ގުޅިގެން މުޤައްރަރުތައް އެކުލަވައިލެއްވުމާއި، އިޞްލާޙުކުރުމުގެ އެންމެހައި މަސައްކަތްތައް ވިލަރެސްކުރައްވައި އެހީތެރިކަން ފޯރުކޮށްދެއްވުމެވެ. މީގެ މާސްޓަރސްއާއި، ޑިގްރީ ފެންވަރުގެ ނަރސިންގ ކޯސްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން، ޕޯސްޓް ގްރެޖުއޭޓް އަދި ޕީ.އެޗް.ޑީ. ފެންވަރުގެ ދަރިވަރުންގެ ދިރާސާތައް ސުޕަވައިޒް ކުރެއްވުމާއި، ޔުނިވަރސިޓީން ކުރާ އެކިއެކި ދިރާސާތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމަކީވެސް، ޑޮކްޓަރ އާސިޔާ އިބްރާހީމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ.

ހިޔާލު