ކަލާފާނު ސްކޫލުގެ ވޮކޭޝަނަލް އަދި ސްޓެމް ޕްރޮގްރާމްތައް ނިންމި 59 ދަރިވަރުންނަށް ސެޓްފިކެޓް ދީފި

ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ހުނަރުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ވޮކޭޝަނަލް ޕްރޮގްރާމްތަކާއި ސްޓެމް ޕްރޮގްރާމްގެ ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކުރެވުނީ އެކަމަށްޓަކައި ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވި ޚާއްޞަ އެސެމްބްލީއެއްގައެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަނުގެ ދަށުން ދަރިވަރުންނަށް ތިން ދާއިރާއަކުން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފެހުމުގެ ދާއިރާއާއި، އާރޓް އެންޑް ކްރާފްޓް އަދި ޕޭސްޓްރީ އެންޑް ބޭކަރީގެ ދާއިރާއެވެ. މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީއަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ސްޓެމް ކްލާސްތަކުގައި ވަނީ ބީ.ބީ.ސީ މައިކްރޯ:ބިޓް (BBC micro: bit) އަދި މޭކް ކޯޑް ޕްލެޓްފޯމް ބޭނުންކޮށްގެން ޕްރޮގްރާމިންގ އާއި ފިޒިކަލް ކޮމްޕިއުޓިންގގެ މުހިންމު އަސާސްތައް ދަސްކޮށްދީފައެވެ.

ފެހުމުގެ ކްލާސް ފުރިހަމަކޮށް 13 ދަރިވަރަކު ސެޓްފިކެޓް ޙާޞިލުކޮށްފައިވާއިރު، އާރޓް އެންޑް ކްރާފްޓް ކްލާހުން 5 ދަރިވަރަކު ވަނީ ދަސްވެނިވެ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ. އަދި ޕޭސްޓްރީ އެންޑް ބޭކަރީ ކްލާސް ކާމިޔާބުކަމާއެކު ނިންމައި 25 ދަރިވަރަކު ސެޓްފިކެޓް ޙާޞިލުކޮށްފައިވާއިރު، ސްޓެމް ކްލާހުން ޖުމްލަ 16 ދަރިވަރަކު ވަނީ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ.

ކަލާފާނު ސްކޫލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްތަކަކީ، އާންމު ތަޢުލީމުގެ ބޭރުން، ދަރިވަރުންގެ ކިބައިގައި ޢަމަލީ މައިދާނަށް ބޭނުންވާ މުހިންމު ހުނަރުތައް އަށަގަންނުވައި، މުސްތަޤުބަލުގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީއަށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ކާމިޔާބު ޕްރޮގްރާމެކެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދަރިވަރުންގެ އުފެއްދުންތެރިކަން އިތުރުވެ، މުސްތަޤުބަލުގައި އަމިއްލަ ފައިމައްޗަށް ތެދުވެ ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޮޑު ހިތްވަރަކާއި ބާރަކަށް ވެގެންދާނެ ކަމަށް އެ ސްކޫލުން ފާހަގަކުރެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްކޫލް ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި، ޑެޕިޔުޓީ ޕްރިންސިޕަލް، އަބްދުލް ފައްތާޙު ޙުސައިން ވަނީ ދަރިވަރުންނަކީ ކިޔެވުމާއެކު މަސައްކަތުގެ މާހައުލަށް ފަރިތަ ބަޔަކަށް ވާންޖެހޭކަމުގައި ވިދާޅުވެ، ގޭތެރޭގެ އާންމު މަސައްކަތްތަކުގައި ބައިވެރިވުމަށް ދަރިވަރުންނަށް ހިތްވަރުދެއްވާފައެވެ. އަދި މަސައްކަތުގެ ތެރެއިން ހީވާގިކަމާއި މުރާލިކަން ލިބިގަތުމަށް ވެސް ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ.

މި ކުލާސްތަކުގައި ދަރިވަރުންނަށް އުނގަންނައި ދެއްވާފައިވަނީ އެ ސްކޫލްގެ ހުނަރުވެރި މުދައްރިސުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *