އެއްހާހެއްހާ ދަރިވަރުންގެ ތާނަ އަތުލިޔުމާއެކު އަޙްމަދިއްޔާ އިންޓަރ ނޭޝަނަލް ސްކޫލުން އަހަރީ އަތުލިޔުމުގެ މައުރަޒު އިފުތިތާޙުކޮށްފިއެވެ. މިއީ އެ ސްކޫލުގެ ގުރޭޑް 1ން8އަށް ކިޔަވަމުންދާ ދަރިވަރުންގެ އަތުލިޔުން ފެނިގެންދާ މައުރަޒެކެވެ.
އަޙްމަދިއްޔާއިން ވަނީ މިދިޔަ އަހަރު ވަކި މާއްދާއެއްގެ ގޮތުގައި ތާނައާއި ޢަރަބި އަތުލިޔުން ތައާރާފުކޮށްފައެވެ.
އަޙްމަދިއްޔާގެ ހޯލުގައި ކުރިއަށްދާ މި މައުރަޒު ހުޅުވައިދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް، ޙަސަން ޝާކިރު މުޙައްމަދެވެ.
އޭނާ ވިދާޅުވީ، ރީތިކޮށް އަތުލިޔުމުގެ ފަންނު ގެއްލެމުންދާ ދުވަސްވަރެއްގައި އަޙްމަދިއްޔާއިން ފެށީ ތާރީފު ހައްގު މަސައްކަތެއް ކަމަށާއި އެކަން އެހެން ސްކޫލުތަކުން ނަމޫނާއަކަށް ބަލަންޖެހޭ ކަމަށެވެ.
"މައުރަޒުން ކުދިންގެ ލިޔުންތައް ފެނުމުން ވަރަށް އުފާވި. ކުރިމަގަށް އޮތް އުންމީދު އާވެގެންދިޔަ" ދިވެހިބަހުގެ އެކެޑަމީގެ ރައީސް، ޙަސަން ޝާކިރު ވިދާޅުވިއެވެ.
އަޙްމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، އެ ސްކޫލުން ނުކުންނަ ދަރިވަރުންނަކީ އަތުލިޔުމުގެ ފަންނަށް ވެސް ކުޅަދާނަ ދަރިވަރުންނަށް ވެގެންދާނެ ކަމަށާއި މިއަދު ފެށި މައުރަޒާއެކު އެކަން ފެށިގެން ހިނގެއްޖެ ކަމަށެވެ.
އަޙްމަދިއްޔާއިން ބުނި، ތާނަ އަތުލިޔުމުގެ މައުރަޒު މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވާނެ ކަމަށެވެ.

ހިޔާލު