ވިލާ ކޮލެޖުގެ އިންޓަރނޭޝަނަލް ކޮންފަރެންސް އައިސީއެސްއާރުއައި ލޯންޗުކޮށްފި

ވިލާ ކޮލެޖުގެ 11 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން (ICSRI 2027) ޖުލައި މަހުގެ 3 އަދި 4 ވަނަ ދުވަހު  ވިލާ ކޮލެޖްގައި ބާއްވާނެ ކަމަށް އެ ކޮލެޖުން އިއުލާންކޮށްފި އެވެ.

އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން (އައިއާރުއައި) އިން އިންތިޒާމްކޮށް ކޮންމެ އަހަރަކު ބާއްވާ ރިސަރޗް ކޮންފަރެންސްގައި ތައުލީމީ ދާއިރާއިން، ސިނާޢަތްތަކުން، އަދި މަދަނީ ޖަމިއްޔާތަކުން ތަފާތު ފަންތީގެ ބައިވެރިންނަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާތައް ހިއްސާކުރެވެއެވެ. މި ކޮންފަރެންސްއިން މޫސުމަށް އަންނަ ބަދަލުތަކާއި، ވަސީލަތްތައް ބެލެހެއްޓުމުން ފެށިގެން އިޖުތިމާއީ އަދި އިޤްދިޟާދީ ހަމަހަމަކަމާއި، ޒިންމާދާރު ޓެކްނޮލޮޖީ އެޑޮޕްޓްކުރުމަށް ދިމާވާ  ގޮންޖެހުންތަކާއި ކުރިމަތިލުން ހިމެނޭގޮތަށް، މަޝްވަރާއާއި އެއްބާރުލުން ދިނުމުގެ ޕްލެޓްފޯމެއް ލިބިގެންދާނެއެވެ.

މިއަހަރު ބާއްވާ ކޮންފަރެންސްގެ ޝިއާރަކީ:

"Co-Creating Tomorrow; People, Partnerships and Purposeful Innovation"

މި ޝިއާރުގެ ދަށުން ދިރާސާވެރިންނާއި، ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންނަށް ދަޢުވަތު އަރުވަނީ، އާންމު ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މާނަހުރި ބަދަލުތަކެއް ގެނައުމަށްޓަކައި، ފަރުދުންނާއި މުއައްސަސާތަކާއި މުޖުތަމަޢުތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމަށެވެ.

އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަންގައި ފާހަގަކޮށްލެވޭ ކީނޯޓް ސްޕީކަރުންގެ ފަރާތުން ބައިވެރިންނަށް ޢިލްމު ހޯދުމާއި، ގުޅުންތައް ގާއިމްކުރުމާއި، ސިނާއަތުގެ ތެރޭގައި މަޝްވަރާކުރެވެމުންދާ މަޢުލޫޢުތަކަށް އަލިއަޅުވާލުމަށް އަގުހުރި ފުރުސަތެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ސިނާއަތުގެ ތެރެއިން ލޯކަލް އަދި އިންޓަނޭޝަނަލް ތަޖުރިބާކާރުންގެ ފަރާތުން ވަކިވަކިން ބޭއްވޭ ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދާނެއެވެ.

އިފްތިތާޙީ ރަސްމިއްޔާތުގައި، ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ ޑރ.މުހައްމަހު އާދިލް ވަނީ ކޮންފަރެންސްގެ ތަފްޞީލާއި ހައިބްރިޑް އިވެންޓް ފޯމެޓް އިޢުލާން ކުރައްވާފައެވެ. އަދި ކޮންފަރެންސްއާ ބެހޭ އިތުރު މައުލޫމާތު ދެއްވީ އައިސީއެސްއާރުއައިގެ ކޯޑިނޭޓަރު ޑރ. މަމްދޫހާ އިސްމާއީލެއެވެ.

2027 ވަނަ އަހަރުގެ އައިސީއެސްއާރުއައި ކޮންފަރެންސް ވެގެންދާނީ، ދެމެހެއްޓެނިވި ތަރައްޤީއާއި ހަރުދަނާކަމާއި ތަނަވަސްކަމަށް މަގުފަހިކޮށްދޭ، ވަކިވަކި ފަރުދުންގެ ވިސްނުމާއި، ޙައްލުތަކަށް އަމަލު ކުރެވޭނެ އިޖުތިމާއީ ދިރާސާތަކާއި އިނޮވޭޝަންގެ އާ މިސްރާބުތައް ދެނެގަނެ، ދިރާސާކުރުމަށް އެހީތެރިވެދޭނެ ކޮންފަރެންސަކަށެއެވެ.

މި ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު އަންނަ އެޕްރިލް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޖޫން މަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް ކޮންފަރެންސްގެ ވެބްސައިޓުން ރަޖިސްޓްރީ ކުރެވޭނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކަށް ލިންކް މެދުވެރިކޮށް ICSRI ގެ ވެބްސައިޓުން އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *