މުދައްރިސުން ތަމްރީނު ކުރުމަށް ސަރުކާރުން ފެށި މަސްރޫއުގެ ދަށުން 291 ދަރިވަރުން މުދައްރިސްކަމަށް ތަމްރީނު ވަމުންދާ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އިއްޔެ އާންމު ކުރި މައުލޫމާތަށް ބަލާއިރު، ތައިބަ ޕްރޮޖެކްޓްގެ ދަށުން ގައުމީ ފެންވަރުގައި މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަރުމާކޮށްފައި ވަނީ ގްރޭޑް 11 ގައި އޭލެވެލްއަށް ކިޔަވަންފަށާ ދަރިވަރުންގެ ތެރެއިން މުދައްރިސަކަށްވުމަށް ޝައުގުވެރިވާ ދަރިވަރުން އޭލެވެލްގެ ކިޔެވުމާއެކު، ޓީޗިންގ ފައުންޑޭޝަން ނިންމުމަށް ފަހު ޓީޗިންގ ޑިގްރީ ޕްރޮގްރާމް ފަށާގޮތަށް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން 199 ދަރިވަރުން ތަމްރީނުކުރަނީ މުދައްރިސުން ލިބުން ދަތިވާ ރަށްތަކާއި ވަކިވަކި މާއްދާތައް ފާހަގަކޮށް އެ ކަންކަމަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން 92 ދަރިވަރުން ތަމްރީނުވަމުން ގެންދެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް މަހަކު 1500 ރުފިޔާގެ ސްޓައިޕެންޑެއް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސައިދެއެވެ.
މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއު ފެށީ 7 ނޮވެމްބަރު 2024 ވަނަ އަހަރުއެވެ. އެ އަހަރު އޭލެވެލްއަށް ކިޔަވަމުން ދިޔަ 135 ދަރިވަރަކަށް މުދައްރިސްކަން ކިޔެވުމަށް ސްކޮލަރޝިޕް ދީފައިވެއެވެ.

ހިޔާލު