ޖަލާލުއްދީން "ކްރިސްޓަލް ސްޓަރ އެވޯޑް"، ހަމްދާއަށް ސަޕްރައިޒެއް

ހަމްދާއަށް ކުރިސްޓަލް އެވޯޑް ލިބުމަކީ އެއީ ކުރި މަސައްކަތުގެ އަގުވަޒަންކުރުން ކަމަށް ގަބޫލުކުރޭ- ފޮޓޯ: ކޭއޯ
ޢާއިޝަތު މައިހާ މާހިރު

ކުޅިވަރާއި އިތުރު ހަރަކާތުން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިދޭ ދަރިވަރަކަށް ޖަލާލުއްދީން ސްކޫލުން ދޭ "ކްރިސްޓަލް ސްޓަރ އެވޯޑް" މި ފަހަރު ލިބުނ ހަމްދާ ހަސަން ހަމީދަށެވެ. ތަޢުލީމީ ގޮތުންނާއި އިތުރު ހަރަކާތްތަކުގައި އެއްވަނައިގައި ފިޔަޖަހަމުން އަންނަ ހަމްދާއަށް މި އެވޯޑު ލިބިގެންދިޔައީ ކުރިން އެއްވެސް އިޢުލާނުކުރުމެއް ނެތި، ކްރިސްޓަލް އެވޯޑް ޖަލްސާގެ ތެރެއިން ވަރަށް ބޮޑު ސަޕްރައިޒެއްގެ ގޮތުގައެވެ.

ޖަލާލުއްދީން ސްކޫލުގެ "ކްރިސްޓަލް ސްޓަރ އެވޯޑް" އަކީ ގްރޭޑް 10 އަދި 12 ނިންމާ ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވޭ ދަރިވަރަކަށް ދެވޭ އެވޯޑެކެވެ. މި އެވޯޑަށް ދަރިވަރުން ނޮމިނޭޓްވުމުގައި ބަލާ މައިގަނޑު މިންގަނޑުތަކުގެ ތެރޭގައި ޤުރްއާން، އަދަބީ، ކުޅިވަރު އަދި އާޓް، މި 4 ދާއިރާއިން ދަރިވަރު ހޯދާފައިވާ ކާމިޔާބީތަކަށް 60 އިންސައްތަ މާކްސް ކަނޑައެޅިފައިވެއެވެ. މީގެއިތުރުން، ތަޢުލީމީ ނަތީޖާއަށް 20 އިންސައްތަ، އަޚްލާޤަށް 10 އިންސައްތަ އަދި ސްކޫލުގެ ޙާޟިރީއަށް 10 އިންސައްތަ މާކްސް ބެލެވެއެވެ.

ހަމްދާއަކީ އިތުރު ހަރަކާތްތަކުގައި ވަރަށް ކެރިގެން ބައިވެރިވާ، ވަރަށް ހަރަކާތްތެރި، އަދި އަބަދުވެސް ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ނުގުޑާ އަޒުމެއްގައި މަސައްކަތްކުރާ، އަޚްލާޤާއި ޑިސިޕްލިން ނަމޫނާ ދަރިވަރެއްކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. ޖަލާލުއްދީން ސްކޫލުގައި ހަމްދާ ހޭދަކުރި އޭލެވެލްގެ ދުވަސްވަރަކީ ހަރަކާތްތަކުން ފުރިގެންވި، ކާމިޔާބު ދުވަސްވަރެކެވެ. އެގޮތުން ބައިވެރިވި ގިނަގުނަ ކޯ-ކަރިކިއުލަރ ހަރަކާތްތަކުގެ ތެރޭގައި ސްޕެލިން ބީ، ސައިނސް ފެއަރ، އަރޓް އެގްޒިބިޝަން ހަމައެހެންމެ، އިންޓަރ ކްލާސް، އިންޓަރ ހައުސް އަދި އިންޓަރ ސްކޫލް ޑްރާމާ، ޤުރުޢާން، ކުޅިވަރު އަދި އަދަބީ މުބާރާތްތައް ހިމެނެއެވެ.

މި ހަރަކާތްތަކުގެ ތެރެއިން ހަމްދާ ވަނީ ފާހަގަކޮށްލެވޭ އެތައް ރަން ވަނަތަކެއް ސްކޫލަށާއި އަމިއްލަ ގޮތުން ހޯދާފައެވެ. އެގޮތުން، ކުޅުދުއްފުށި ސިޓީ ކައުންސިލުން 2024 ވަނަ އަހަރު ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުރެހުމުގެ މުބާރާތުން، ކެންވަސް ކެޓަގަރީން ކީ-ސްޓޭޖް 5 ގެ އެއްވަނަ އަދި މުޅި މުބާރާތުން ފަޚުރުވެރި އެއްވަނަ ހަމްދާ ހޯދިއެވެ. އަދި 40 ވަނަ ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުގެ މަތީ ސާނަވީ ބައިން ދެވަނަ ހޯދި ޖަލާލުއްދީން ސްކޫލުގެ ޓީމުގައި ހިމެނުމުގެ އިތުރުން، މުޅި މުބާރާތުގެ ގަދަ 10 މަޒުމޫނުގެ ތެރޭގައި ހަމްދާގެ މަޒުމޫނު ހިމެނުނެވެ.

ކުޅިވަރުގެ މައިދާނަށް ބަލާއިރު، 2025 ވަނަ އަހަރު ބޭއްވި ތިލަދުންމަތީ 3 ވަނަ ސްކޫލް ފެތުމުގެ މުބާރާތުން 100 މީޓަރު ފްރީސްޓައިލް، 50 މީޓަރު ބަޓަރފްލައި ސްޓްރޯކް، އަދި ސީނިއަރ ބީ އަންހެން 50 މީޓަރު ފްރީސްޓައިލުން ހަމްދާ ވަނީ ރަންމެޑަލް ޙާޞިލުކޮށްފައެވެ. އަދި ފެތުމުގެ ސީނިއަރ ކެޓަގަރީގެ ސެކަންޑް ބެސްޓް ސްކޫލް ޓީމުގައި ހިމެނުމުގެ އިތުރުން، 50 މީޓަރު ބެކްސްޓްރޯކް އަދި 50 މީޓަރު ބްރެސްޓްސްޓްރޯކުން ރިހިމެޑަލް ހޯދި ޓީމުގައިވެސް ހަމްދާ ހިމެނުނެނެވެ.

މިހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ހަމްދާގެ ތަޢުލީމީ ބިންގާ އެޅިގެންދިޔައީ ޢަފީފުއްދީން ސްކޫލުންނެވެ. އެ ސްކޫލުގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަމާއި، ހައުސް ކެޕްޓަންކަން އަދި ޑެޕިއުޓީ ހައުސް ކެޕްޓަންކަން ފަދަ ލީޑަރޝިޕްގެ މުހިންމު ދައުރުތަކެއް އަދާކޮށްފައެވެ. ސްކޫލާއި ހައުސްގެ ހުރިހާ ކަމެއްގައިވެސް އެންމެ ކުރީ ސަފުން ހަމްދާ ފެނިގެންދިޔައެވެ. ޢަފީފުއްދީން ސްކޫލުގެ އޭރުގެ ޕްރިންސިޕަލް ނާޞިޙާ މެޑަމްއަކީ ކޮންމެ ކަމެއްވެސް ވަރަށް ގާތުން ބައްލަވައި، އަބަދުވެސް ނުހަނު ބޮޑު ހިތްވަރެއް ދެއްވި މުދައްރިސެއްކަމަށް ހަމްދާ ފާހަގަކުރިއެވެ.

އާޓުގެ ދުނިޔެއަށް ހަމްދާގެ ލޯ ހުޅުވައިދިނީ އަޙްމަދު މޫސާ ސަރއެވެ. މިއަދާ ހަމައަށްވެސް އެ ސަރގެ އެހީތެރިކަން އޭނާއަށް ލިބެމުންދެއެވެ. ދިވެހި އަދަބީ މުބާރާތްތަކުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވީ ޝަރީފާ މިސް އަދި ޒާހިޔާ މިސްއެވެ.

އޯލެވެލްގައި ޒާހިޔާ މިސް އަޅައިދެއްވި ވަރުގަދަ ބިންގަލުގެ ސަބަބުން އޭލެވެލްގައި ދިވެހި ބަހުން ކުރިއަށްދިއުމަށް އިތުރު ފަސޭހަތަކެއް ލިބުނެވެ. އަދި އިނގިރޭސި މާއްދާއިން 'ސީ-2′ ޙާޞިލުކުރެވޭނެ ހުނަރު ހަމްދާގެ ކިބައިގައި ހުރިކަން ބުނެދެއްވައި، އެ އިތުބާރު ހޯދައިދެއްވީ މަހޫ މިސްއެވެ. އެންމެ ފަހުން ހަމްދާއަށް 'ސީ-2′ ކާމިޔާބުވި ދުވަހު މަހޫ މިސް އުފަލުން ފޮޅުނު ހަނދާނަކީ ހަމްދާއަށް ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ހަނދާނެއް ނޫނެވެ.

ޖަލާލުއްދީން ސްކޫލަށް ބަދަލުވެ ފެތުމުގެ މުބާރާތްތަކުގައި އަލަށް ބައިވެރިވާން ފެށިއިރު، ސްވިމިންގ ޓީމުގެ ކޯޗުންނާއި ޓީޗަރުން ދެއްވި ހިތްވަރު ހަމްދާ ފާހަގަކުރިއެވެ. ހަމްދާ ދެކޭގޮތުގައި މުބާރާތްތަކުގައި ބައިވެރިވުމަކީ ހަމައެކަނި ވަނައެއް ހޯދުމެއް ނޫނެވެ؛ އެއީ ދިރިއުޅުމުގެ މުހިންމު އެތައް ކަމެއް ދަސްވެ، އައު ރަޙްމަތްތެރިން ލިބި، އެހެން ކުދިންނާ ގުޅިގެން މަސައްކަތްކުރަން ދަސްވާ އަގުހުރި ދޮރޯށްޓެކެވެ.

މި ހުރިހާ ހަރަކާތްތަކަކާއެކު ކިޔެވުމުގެ ތާވަލު ތަރުތީބުކުރުމަށްޓަކައި ހަމްދާ ގެންގުޅުނީ ވަރަށް ރޭވުންތެރި އުޞޫލެކެވެ. ޕްރެކްޓިސް އޮންނަ ދުވަސްތަކުގައި ގަޑިން ގަޑިއަށް ކެއުމަށްޓަކައި ކުރިއާލައި މީލް ޕްރެޕް ހަދައިފައި ބަހައްޓައެވެ. އަދި ޕްރެކްޓިސް ގަޑި ހަމައެކަނި ފަރިތަކުރުމަށް ޚާއްޞަކޮށް، ކިޔެވުމަށް ވަކި ވަގުތުތަކެއް ކަނޑައަޅައި، އަމިއްލަ ޝެޑިއުލަށް ބަދަލުތައް ގެނެސްގެން ކިޔެވުމާއި ކުޅިވަރުގެ ވަގުތުތައް ފުރިހަމައަށް ހަމަޖައްސާލިއެވެ.

ހަމްދާގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އޮތް އެންމެ ބޮޑު ހަކަތައަކީ އޭނާގެ ޢާއިލާއެވެ. އެންމެ ކުޑައިރުއްސުރެ ފެށިގެން ތަފާތު ކަންކަން ތަޖުރިބާކޮށް ކުރިއަށްދިއުމަށް މަންމަ ދިން ހިތްވަރަކީ މި ދަތުރުގެ ބިންގަލެވެ. ކޮންމެ މުބާރާތެއްގައި ބައިވެރިވި ނަމަވެސް މަންމަގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް އޮވެއެވެ. މަންމައާއެކު މުޅި ޢާއިލާގެ އެހެން މެންބަރުންވެސް މުބާރާތްތަކަށް ހާޒިރުވެ، ސަޕޯޓަރުންގެ ބެންޗު ފުރާލައިގެން ތިބޭ މަންޒަރަކީ ހަމްދާއަށް ނުހަނު ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ގެނެސްދިން ކަމެކެވެ. ޢާއިލާގެ އިތުރުން ގާތް އެކުވެރިންގެ ފަރާތުން ލިބުނު ސަޕޯޓަކީވެސް ފާހަގަކޮށްލަންޖެހޭ މުހިންމު ބާރެކެވެ.

އެވޯޑު ލިބުނު ވަގުތު ކުރެވުނު އިޙްސާސްތައް ހިއްސާކުރަމުން ހަމްދާ ބުނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށާއި، އެ އެވޯޑު ލިބުމުން ކުރެވުނު ބުރަ މަސައްކަތުގެ އަގު ސްކޫލުން ވަޒަންކޮށްފި ކަމުގެ ފޮނި އިޙްސާސް ކުރެވިގެންދިޔަ ކަމަށެވެ.

"ސްކޫލުގެ އެންމެ ފަހު ދެ އަހަރު ކަމަށްވާތީ، ވަގުތު ވީވަރަކުން ވީހާވެސް ގިނަ މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވެގެން ހަމްދާ މަސައްކަތްކުރީ. މުބާރާތެއް އިޢުލާނުކޮށްލާއިރަށް އަޅުގަނޑުވެސް ހަމަ ހަނދާންކޮށްދެން. އަބަދުވެސް ހަމްދާއަކީ ސްކޫލުގެ ގިނަ ހަރަކާތްތަކުގައި ވަރަށް އިސްނަގައިގެން ބައިވެރިވާ ކުއްޖެއް،" ހަމްދާގެ މަންމަ ފާހަގަކުރިއެވެ.

އިތުރަށް ވާހަކަދައްކަމުން މަންމަ ބުނީ، މި އެވޯޑަކީ ދަރިވަރުންނަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމަށެވެ.

ހަމްދާގެ މަންމަ ވަނީ މި ލިބުނު ފުރުޞަތުގައި ޖަލާލުއްދީން ސްކޫލުގެ މެނޭޖްމަންޓަށާއި އެންމެހައި މުދައްރިސުންނަށް ނުހަނު ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ހަމްދާގެ މި ކާމިޔާބީއަކީ ހަމައެކަނި އޭނާއަށް ލިބުނު ޝަރަފެއް ނޫނެވެ. މިއީ ތަޢުލީމާއެކު އަޚްލާޤާއި ހުނަރު ކުރިއަރުވަން ބޭނުންވާ ކޮންމެ ދަރިވަރަކަށްވެސް ލިބިގެންދިޔަ އަގުހުރި މިސާލެކެވެ. ރަނގަޅު އަމާޒެއް ކަނޑައަޅައި، ބުރަކޮށް މަސައްކަތްކޮށްފިނަމަ، އެދެވޭ ފޮނި ނަތީޖާ ޙާޞިލުވާނެކަން ހަމްދާ މިވަނީ ސާބިތުކޮށްދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *