އަންނަ ފެބުރުވަރީގައި ފަށާ 70އަށްވުރެ ގިނަ ކޯސްތަކަށް ކުރިމަތިލާން އައިޔޫއެމްއިން ހުޅުވާލައިފި

އަންނަ އަހަރުގެ ފެބުރުވަރީގައި ފަށާ 2027 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރުގައި ފަށާ 70 އަށްވުރެ ގިނަ ކޯސްތަކަށް ކުރިމަތިލާން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އިން ހުޅުވާލައިފިއެވެ.

އެ ޔުނިވަރސިޓީން އިޢުލާންކޮށްފައިވާ ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ލެވެލްގެ 3 ކޯހަކާއި، މާސްޓަރސް ލެވެލްގެ 18 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 1 ކޯހާއި، ބެޗްލަރސް ލެވެލްގެ 15 ކޯހަކާއި އެސޯސިއޭޓް ޑިގްރީ 1 ކޯހެއް އަދި ޑިޕްލޮމާގެ 10 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލް ގެ ޖުމްލަ 22 ކޯހެއް ހިމެނެއެވެ. ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޤުރްއާނާއި ޙަދީޘް، ޝަރީޢާ އެންޑް ލޯ، ފިޤްހު، އިސްލާމިކް ސްޓަޑީޒް، އިމާމްޝިޕް، ލޭންގުއޭޖް، އެޑިޔުކޭޝަން، ކައުންސެލިންގ، ފައިނޭންސް، އެކައުންޓިންގ، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް އަދި ޖަރނަލިޒަމް ގެ އެކި ކޯސްތައް ހިމެނެއެވެ.

އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައިޔޫއެމްގެ ކޯސްތައް، ރ. އުނގޫފާރު، ޅ. ނައިފަރު، ލ. ފޮނަދޫ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ މީދޫ، އަދި އައްޑޫ ސިޓީ މަރަދޫފޭދޫގައި ޤާއިމު ކުރެވިފައިވާ އައިޔޫއެމްގެ ކެމްޕަސްތަކުގައި ކޯސްތައް ކުރިއަށްދާނެ ކަމަށް އައިޔޫއެމް އިން ބުނެއެވެ.

އައިޔޫއެމްގެ ކެމްޕަސްތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް ސަރުކާރުގެ ހިލޭ ޑިގްރީގެ ތެރެއިން ކޯސްފީ ހިލޭ ލިބޭ ކޯސްތަކެކެވެ.

އައިޔޫއެމްގެ ބައެއް ކޯސްތައް އޮންލައިން، ބްލެންޑެޑް، އަދި ކުލާހަށް ޙާޟިރުވެގެންވެސް ކިޔެވޭ ގޮތަށް ކުރިއަށް ގެންދެއެވެ.

ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ރ. އުނގޫފާރު އައިޔޫއެމް ކެމްޕަސް (އުނގޫފާރު އިސްލާމީ މަރުކަޒު)، ޅ. ނައިފަރު އައިޔޫއެމް ކެމްޕަސް (ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)، ލ. ފޮނަދޫ އައިޔޫއެމް ކެމްޕަސް (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)، ތިނަދޫ ސިޓީ އައިޔޫއެމް ކެމްޕަސް (ތިނަދޫ އިސްލާމީ މަރުކަޒު)، ފުވައްމުލަކު ސިޓީ އައިޔޫއެމް ކެމްޕަސް (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) އައްޑޫ މީދޫ އައިޔޫއެމް ކެމްޕަސް (އައްޑޫ މީދޫ – ކުރީގެ ޝަމްސުއްދީން ސްކޫލް) އައްޑޫ ސިޓީ މަރަދޫފޭދޫ އައިޔޫއެމް ކެމްޕަސް (އައްޑޫ ސިޓީ މަރަދޫފޭދޫ – ކުރީގެ މަރަދޫފޭދޫ ސްކޫލް) އަށް ފޯމް ހުށަހެޅޭނެއެވެ. އަދި މީގެ އިތުރުން ޔުނިވަރސިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ކޯހަށް ވަނުމަށް އެދޭ ފޯމު އީ-މެއިލް ކުރާނަމަ، apply@ium.edu.mv އަށް މެއިލްކުރެވޭނެއެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

ހޮޓްލައިން: 1405 އަދި ވައިބަރ / ވަޓްސްއަޕް ކުރެއްވުމަށް 7923247 ވީމާ،މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 31 ޑިސެންބަރު 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވޭނެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *