އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސް (އައިއޭޔޫ) ގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ ފުލް މެންބަރަކަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު އާދަމް އިންތިޚާބުކޮށްފިއެވެ.
2026 އިން 2030 އަށް އޮންނަ ދައުރުގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ ފުލް މެންބަރަކަށް ޑރ. ޝެހެނާޒު އިންތިޚާބު ކުރީ، ނޮވެމްބަރު 5 ގައި އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ މާޑޮކް ޔުނިވަރސިޓީގައި ބޭއްވުނު އައި.އޭ.ޔޫގެ 17 ވަނަ ޖެނެރަލް ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ އިންތިޚާބުގައެވެ.
1950 ވަނަ އަހަރު ޔުނެސްކޯގެ ބެލުމުގެ ދަށުން އުފެދުނު އައިއޭޔޫ އަކީ މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތަކާއި ޖަމިއްޔާތައް ހިމެނޭ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގައި 120 އަށްވުރެ ގިނަ ގައުމުން ގާތްގަނޑަކަށް 600 މެންބަރުން ހިމެނެއެވެ. އައިއޭޔޫ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔުނިވަރސިޓީތަކުގެ ވެރިންނަށް މައުލޫމާތު ބަދަލުކުރުމާއި، ގުޅުން ބަދަހިކުރުމާއި، މުޅި ދުނިޔޭގެ މަތީ ތަޢުލީމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ފުރުސަތުތަކާ ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުމަށް އޮތް މުހިންމު ބައިނަލްއަގުވާމީ މަސައްކަތުގެ މައިދާނެކެވެ.
އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔުނިވަރސިޓީތަކުގެ އިސްވެރިން ހިމެނޭ ބޯޑެކެވެ. މި ބޯޑުން ޖަމިއްޔާގެ ހިންގުމާއި، އިސްތިރާތީޖީ މިސްރާބާއި އިސްކަންދޭ ކަންކަން ކަނޑައެޅުމުގައި ބައިވެރިވެއެވެ. މި ބޯޑުގައި މަސައްކަތް ކުރުމަކީ ބައިނަލްއަގުވާމީ މަތީ ތަޢުލީމުގެ ލީޑަރޝިޕްގައި ބައިވެރިވެ، ޖަމިއްޔާގެ މެންބަރުންނަށް ފައިދާވާނެ ފަދަ ނިންމުންތަކާއި މަޝްވަރާތަކުގައި ހިއްސާވުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ.
ޑރ. ޝެހެނާޒް މި މަގާމަށް އިންތިޚާބުވުމަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަށް ލިބުނު ފާހަގަކޮށްލެވޭ ބައިނަލްއަގުވާމީ ޝަރަފެއް ކަމަށާއި ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ. މީގެ ސަބަބުން މަތީ ތަޢުލީމުގެ މުސްތަގުބަލާ ގުޅޭ ބައިނަލްއަގުވާމީ މަޝްވަރާތަކުގައި ބައިވެރިވުމަށާއި، ބޭރުގެ ގައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމަށާއި، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ކަންކަމާއި ތަޖުރިބާތައް ބައިނަލްއަގުވާމީ މައިދާނުގައި ހިއްސާކުރުމަށް އެމްއެންޔޫއަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ޔުނިވަރސިޓީން ބުނެއެވެ.
އައިއޭޔޫގެ ބޯޑަށް އިމްތިޚާބުވުމުން ޑރ. ޝެހެނާޒް ވިދާޅުވީ، "އަޅުގަނޑަށް ކުރެއްވި އިތުބާރަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ޒިންމާއާ އަޅުގަނޑު ހަވާލުވަނީ އައި.އޭ.ޔޫގެ މަސައްކަތްތަކުގައި މާނަހުރި ދައުރެއް އަދާކުރުމުގެ އަޒުމާއެކު. މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަށާއި ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް" ކަމަށެވެ.
މި ފުރުސަތުގެ ސަބަބުން ބައިނަލްއަގުވާމީ މަތީ ތަޢުލީމީ މައިދާނުގައި އެމް.އެން.ޔޫގެ މަގުބޫލުކަން އިތުރުވެ، އެކި ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަވެ، އަޅުގަނޑުމެންގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އަދި ދިރާސާވެރިންނަށް ފައިދާކުރާނެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
"ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އެހީތެރިކަމާއި އެއްބާރުލުން ވަރަށް މުހިންމު. އެހެން ގައުމުތަކުގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން ދަސްކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ފަދައިން، އަޅުގަނޑުމެންގެ ތަޖުރިބާއާއި އިލްމު ދުނިޔެއަށް ހިއްސާކުރުމަކީވެސް މުހިންމު ކަމެއް. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަންދޫބުންނާއެކު މަސައްކަތްކޮށް، މަތީ ތަޢުލީމަކީ އެންމެންނަށް ބައިވެރިވެވޭ، ފަސޭހައިން އަތްފޯރާ، އަދި މުޖުތަމައުގެ ބޭނުންތަކަށް ފެތޭ އެއްޗަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަށް އަޅުގަނޑު ކެތްމަދުވެފައި ހުރިން." ޑރ. ޝެހެނާޒު ވިދާޅުވެފައިވެއެވެ.
މި އިންތިޚާބަކީ ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމަށާއި، ގައުމީ ބޯޑަރުން ބޭރުގައި މަތީ ތަޢުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ. މީގެ ސަބަބުން އިލްމީ މައުލޫމާތު ބަދަލުކުރުމާއި، މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އިތުރުން، ދަރިވަރުންނާއި މުވައްޒަފުންނަށް ފައިދާކުރާނެ ބައިނަލްއަގުވާމީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.
ޑރ. ޝެހެނާޒަށް ލިބިވަޑައިގެންނެވި މި ޝަރަފަށްޓަކައި އެމް.އެން.ޔޫއިން ވަނީ އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވާފައެވެ.
advertisment
ހިޔާލު