ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ވިޔަފާރިވެރިކަމުގެ ހާއްސަ ޕްރޮގްރާމްތައް ހިންގައި، ކިޔަވާ އެއްޗެއް އަމަލީ މައިދާނުގައި ބޭނުންކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނުމަކީ ތައުލީމީ ނިޒާމަށް ގެނެވިދާނެ އައު ބަދަލެކެވެ. މީގެ ސަބަބުން މުސްތަގުބަލުގައި ވަޒީފާގެ ބާޒާރަށް ނުކުންނައިރު ދަރިވަރުން ތިބޭނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައެވެ.
ހަމައެކަނި ކްލާސްރޫމްގައި ދެވޭ ތައުލީމަށް ބަރޯސާވުމުގެ ބަދަލުގައި، ސްކޫލްތަކުގައި ކުދި ފަންތީގެ ވިޔަފާރިތަކާއި އަމަލީ މަސައްކަތްތައް ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ގާއިމުކުރެވިދާނެއެވެ. މީގެ ސަބަބުން ދަރިވަރުންނަށް ފަންނީ ހުނަރުތައް ތަރައްގީކުރުމާއި، ވިޔަފާރީގެ ފުރުސަތުތައް ދެނެގަތުމާއި، ތަފާތު ސިނާއަތްތައް މަސައްކަތްކުރާ ގޮތް ދަސްކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މިފަދަ ގޮތަކަށް ތައުލީމީ ނިޒާމު ބައްޓަންކުރުމުން، ކިޔަވައި ނިމުމާއި ވަޒީފާލިބުމާ ދެމެދު އޮންނަ ހުރަސްތައް ނެތިގޮސް، އައު އީޖާދުތަކަށް ވިސްނާ، މާލީ ޒިންމާދާރުކަން ހުރި، އަދި ގައުމުގެ އިގްތިސާދީ ތަރައްގީގައި ހިއްސާވެވޭނެ ފަދަ ދަރިވަރުންތަކެއް އުފެދިގެންދާނެއެވެ.

ސްކޫލްތަކުން ވަކި ހާއްސަ ދާއިރާތަކެއް ކުރިއެރުވިދާނެތޯ؟
މި ހުށަހެޅިފައިވާ މޮޑެލްގެ ދަށުން، ސްކޫލެއް ހުރި ރަށަކާއި، ލިބެންހުރި ވަސީލަތްތަކާއި، މުޖުތަމައުގެ ބޭނުންތަކުގެ އިތުރުން ދަރިވަރުންގެ ޝައުގުވެރިކަމަށް ބަލައި އަމަލީ ޕްރޮގްރާމްތައް ތައާރަފުކުރެވިދާނެއެވެ.
މިސާލަކަށް، މަސްވެރިކަން ފުޅާ ރަށްރަށުގެ ސްކޫލްތަކުގައި މަސްވެރިކަމާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި، މަސް ބަންދުކުރުމާއި، ކޮލިޓީ ކޮންޓްރޯލް ކުރުމުގެ ދާއިރާއަށް ސަމާލުކަން ދެވިދާނެއެވެ. ދަނޑުވެރިކަމަށް އެކަށީގެންވާ ބިން އޮތް ރަށްރަށުގައި ހައިޑްރޯޕޮނިކްސް އާއި ދެމެހެއްޓެނިވި ގޮތެއްގައި ކާނާ އުފެއްދުމުގެ މަސައްކަތްތައް ކުރިއަށްގެންދެވިދާނެއެވެ. އެހެން ސްކޫލްތަކުގައި އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް ހިދުމަތްތައް، އަތްތެރި މަސައްކަތް ނުވަތަ ކުދި ވިޔަފާރި ތަރައްގީކުރުމުގެ މަސައްކަތްތަކަށް އިސްކަން ދެވިދާނެއެވެ.
މި ޕްރޮގްރާމްތަކުގެ ސަބަބުން ގައުމީ މަންހަޖު ދޫކޮށްލާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި، އަމަލީ މަސައްކަތްތަކުގެ ސަބަބުން މާއްދާތަކުން އުނގަންނައިދޭ އެއްޗެއް އިތުރަށް ފުރިހަމަވެގެންދާނެއެވެ. މިސާލަކަށް ހިސާބު، ސައިންސް، ޓެކްނޮލޮޖީ، ބަސް އަދި ބިޒްނަސް ސްޓަޑީޒް އިން ދަސްކުރާ އެއްޗެއް ދިރިއުޅުމުގެ އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަރިވަރުންނަށް އެނގޭނެއެވެ.
ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއްގައި އުޅޭ ދަރިވަރަކަށް ގަސްގަހާގެއްސާ ބެހޭ ސައިންސާއި، ފަސްގަނޑު ތައްޔާރުކުރާނެ ގޮތާއި، ބަޖެޓް ތައްޔާރުކުރުމާއި، މާކެޓްކުރުމާއި، މާލީ ރޭވުންތެރިކަން ފަދަ މުހިންމު ކަންތައްތައް އަމަލީ ގޮތުން ދަސްވާނެއެވެ. ހަމައެފަދައިން މަސްވެރިކަމުގެ ޕްރޮޖެކްޓަކުން ކަނޑުގެ ސައިންސާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، މަސް ބަންދުކުރާނެ އުކުޅުތަކާއި، ވިޔަފާރި ހިންގުން ދަސްވާނެއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވޮކޭޝަނަލް އަދި ޓެކްނިކަލް މަންހަޖު ތަރައްގީކުރުމާއި، ކިޔަވައިދޭ އައު ގޮތްތައް ހޯދުން ހިމެނެއެވެ. އެހެންކަމުން، ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއަށް މިފަދަ އަމަލީ ތައުލީމުގެ ހަރަކާތްތައް ގެނައުމަށް ބޭނުންވާ މުއައްސަސާވީ އޮނިގަނޑު މިހާރުވެސް އެބައޮތެވެ.
ސްކޫލްތަކުގައި ހިންގާ ވިޔަފާރިތަކުގެ ޒަރީއާއިން އުނގަނޑައިދިނުން
މި ހުށަހެޅުމުގެ އެންމެ މުހިންމު އެއް ބަޔަކީ ތައުލީމުގެ ބައެއްގެ ގޮތުގައި ދަރިވަރުން އިސްވެ ތިބެ ހިންގާ، ބެލެނިވެރިކަމުގެ ދަށުން ކުރިއަށްގެންދާ ކުދި ވިޔަފާރިތައް ތައާރަފުކުރުމެވެ.
މީގެ ތެރޭގައި ސްކޫލުތަކުގައި ބަގީޗާ ތަރައްޤީ ކުރުމާއި ހައިޑްރޯޕޮނިކް ފާމްތަކާއި، އަތްތެރި މަސައްކަތް ކުރާ ވޯކްޝޮޕްތަކާއި ރިސައިކްލިން ޕްރޮޖެކްޓްތަކާއި އަދި ޑިޖިޓަލް ޑިޒައިން ފަދަ ރަށުގެ މާހައުލާ ގުޅޭ މަސައްކަތްތައް ހިމެނިދާނެއެވެ.
މުދައްރިސުންގެ އިރުޝާދުގެ ދަށުން ދަރިވަރުން ގްރޫޕްތަކަށް ބެހިގެން މަސައްކަތް ކުރާނެއެވެ. ކުދިންގެ އުމުރާއި ގާބިލިއްޔަތަށް ބަލައި، އުފެއްދުންތައް ތައްޔާރުކުރުމާއި، ތަކެތި ގަތުމާއި، އުފެއްދުންތެރިކަމާއި، ކޮލިޓީ ބެލެހެއްޓުމާއި، މާކެޓްކުރުމާއި، ވިއްކުން އަދި އަސާސީ އެކައުންޓިން ބެލެހެއްޓުމުގެ ޒިންމާ ދަރިވަރުން އުފުލާނެއެވެ.
މީގެ މައިގަނޑު މަގްސަދަކީ ހިޔާލަކުން ފައިދާހުރި އުފެއްދުމެއް ނުވަތަ ހިދުމަތެއް އުފައްދާނެ ގޮތް ދަރިވަރުންނަށް ދަސްކޮށްދިނުމެވެ. އަދި ވަސީލަތްތައް މެނޭޖުކުރުމާއި، އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމާއި، މައްސަލަ ހައްލުކުރުމާއި، ރަނގަޅު ނިންމުންތައް ނިންމަން ދަސްވާނެއެވެ.
ލިބޭ އާމްދަނީ އަނބުރާ ޕްރޮޖެކްޓަށް އިންވެސްޓްކުރެވިދާނެއެވެ. ނުވަތަ ސްކޫލްގެ ހަރަކާތްތަކަށް ނުވަތަ ދަރިވަރުންނަށް ފައިދާވާނެ ހާމަކަން ބޮޑު ނިޒާމެއްގެ ދަށުން ބޭނުންކުރެވިދާނެއެވެ. ނަމަވެސް، މީގެ އަސްލު ބޭނުމަކަށް ވާންވާނީ ވިޔަފާރި ކުރުމުގެ ބަދަލުގައި އުނގަންނައިދިނުމެވެ.

މިފަދަ ޕްރޮޖެކްޓްތަކުގެ ސަބަބުން ރަށުގެ ވިޔަފާރިވެރިންނާއި، ދަނޑުވެރިންނާއި، މަސްވެރިން ފަދަ ފަންނީ މީހުންނާ ބައްދަލުވެ، އެމީހުންގެ ތަޖުރިބާގެ އަލީގައި ދަސްކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.
ބައިނަލްއަގުވާމީ ތަޖުރިބާތަކުން ލިބޭ ފިލާވަޅުތައް
އިލްމީ ތައުލީމާއި އަމަލީ ހުނަރުތައް އެއްކޮށްލައިގެން ކިޔަވައިދޭ މޮޑެލްތައް ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަނީ ތައާރަފުކޮށްފައެވެ. އެ ގައުމުތަކުގެ ތަޖުރިބާ އިން މީގެ ފައިދާތަކާއި ހުރި ގޮންޖެހުންތައް އެނގެއެވެ.
ލައިބީރިއާ: އުނގެނުމުގެ ފުރުސަތެއްގެ ގޮތުގައި ދަނޑުވެރިކަން
ލައިބީރިއާގެ 197 ސްކޫލެއްގައި ހިންގި ދަނޑުވެރިކަމުގެ ޕްރޮގްރާމުން އުންމީދީ ނަތީޖާތަކެއް ފެނުނެވެ. ތިން އަހަރުގެ ތެރޭގައި ސްކޫލުން ވަކިވާ ދަރިވަރުންގެ ނިސްބަތް 5 އިންސައްތަ ދަށްވިއެވެ. ބެލެނިވެރިން ބައިވެރިކޮށްގެން ހިންގި ޕްރޮގްރާމްގެ ސަބަބުން، ދެ އަހަރު ދުވަހުގެ ތެރޭގައި ކޮންމެ ދަރިވަރަކު ސްކޫލަށް ހާޒިރުވާ ދުވަހުގެ އަދަދު އިތުރު 18 ދުވަހަށް އިތުރުވިއެވެ.
މީގެ އިތުރުން، ދަރިވަރުން ވަނީ ފަސްގަނޑު މެނޭޖްކުރުމުގެ ރަނގަޅު އުކުޅުތައް ބޭނުންކުރަން ފަށާފައެވެ. އަދި އަމިއްލަ ގޭގައި ހިންގި ދަނޑުވެރިކަމުގެ ވިޔަފާރިތަކުން ލިބުނު އާމްދަނީއާ އެކު، އަހަރީ ގޮތުން ފައިސާ ރައްކާކުރާ މިންވަރު 21 އިންސައްތަ އިތުރުވިއެވެ. މިއިން އެނގެނީ ރަނގަޅަށް ރޭވިގެން ހިންގައިފިނަމަ، ދަނޑުވެރިކަމުގެ ތައުލީމަކީ އުނގެނުމަށާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމެވެ.

ރުވާންޑާ: ދަރިވަރުން ހިންގާ ވިޔަފާރިތައް
ރުވާންޑާގައި ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ވިޔަފާރިވެރިކަމުގެ ތައުލީމާއި، އަމަލީ ހުނަރުތަކާއި، ބިޒްނަސް ކްލަބްތައް ވަނީ ތައާރަފުކޮށްފައެވެ.
207 ސްކޫލެއް ހިމަނައިގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، މުދައްރިސުންނަށް ދެވުނު އިތުރު ތަމްރީނުތަކުގެ ސަބަބުން ދަރިވަރުން އަމިއްލަ ވިޔަފާރިތަކުގައި ބައިވެރިވާ މިންވަރު 17 އިންސައްތަ އިތުރުވިއެވެ. ނަމަވެސް، މި ޕްރޮގްރާމުގެ ސަބަބުން އާމްދަނީއަށް ނުވަތަ ކިޔެވުމުގެ ނަތީޖާއަށް މާބޮޑު ބަދަލެއް އައިކަން ފާހަގައެއް ނުކުރެވުނެވެ. މިއިން އެނގެނީ ހަމައެކަނި ވިޔަފާރީގެ ތައުލީމު ދިނުމަކުން އާމްދަނީ އިތުރުނުވާނެ ކަމާއި، ޕްރޮޖެކްޓްތައް ފަރުމާކުރުމާއި މުދައްރިސުން ތަމްރީނުކުރުމުގެ މުހިންމުކަމެވެ.
ޖަރުމަނުވިލާތް: ތައުލީމާއި މަސައްކަތުގެ ތަޖުރިބާ އެއްކޮށްލުން
ޖަރުމަނުގެ "ޑުއަލް ވޮކޭޝަނަލް އެޑިއުކޭޝަން" ނިޒާމަކީ ކްލާސްރޫމްގައި ކިޔަވައިދިނުމާއި ކުންފުނިތަކުގައި އަމަލީ ތަމްރީނު ދިނުން އެއްކޮށްލައިގެން ހިންގާ ނިޒާމެކެވެ. މީގެ ސަބަބުން ދަރިވަރުން މަސައްކަތުގެ މާހައުލުގައި ހުނަރުތައް ދަސްކުރާއިރު، ސްކޫލްގައި އެ މަސައްކަތުގެ ތިއަރީ ބައިތައް އުނގެނެއެވެ.
2025 ވަނަ އަހަރުގެ ރިޕޯޓްތަކުން ދައްކާގޮތުގައި، ޖަރުމަނުގައި ވޮކޭޝަނަލް ތައުލީމު ނިންމި ކުދިންގެ 94.5 އިންސައްތަ ކުދިންނަކީ ކިޔެވުމުގެ ތެރޭގައި އަމަލީ މަސައްކަތުގެ ތަޖުރިބާ ހޯދާފައިވާ ކުދިންނެވެ. އަދި އެކުދިންގެ ވަޒީފާ ލިބުމުގެ ރޭޓަކީ 92.2 އިންސައްތައެވެ. މިއީ ސްކޫލެއްގެ ތެރޭގައި ހިންގާ ވިޔަފާރިއަކަށް ނުވި ނަމަވެސް، ތައުލީމާއި އަމަލީ މަސައްކަތް ގުޅުވާލުމުގެ މުހިންމުކަން މިއިން ސާފުވެއެވެ.
ބައިނަލްއަގުވާމީ ސްކޫލް އެންޓަޕްރައިޒް ޕްރޮގްރާމްތައް
"ސްކޫލް އެންޓަޕްރައިޒް ޗެލެންޖް" ފަދަ ޕްރޮގްރާމްތަކުގެ އެހީގައި ދުނިޔޭގެ އެކި ގައުމުތަކުގެ ސްކޫލްތަކުގައި ދަރިވަރުން އިސްވެ ހިންގާ ވިޔަފާރިތައް ވަނީ ގާއިމުކޮށްފައެވެ. މީގެ ތެރޭގައި އުފެއްދުންތައް ތައްޔާރުކުރުމާއި، ބިޒްނަސް ޕްލޭން ހެދުމާއި، މާލީ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.

މި ޕްރޮގްރާމުތަކުގެ އެހީގައި، 100 ގައުމަކުން 500,000 އަށްވުރެ ގިނަ ޒުވާނުންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މި ސްކޫލްތަކުން ޖުމްލަ 3.5 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ވަނީ ހޯދާފައެވެ. މިއީ މިފަދަ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގިދާނެ ކަމުގެ ހެއްކެކެވެ.
މީގެ ސަބަބުން ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތާއި، މަސްވެރިކަމާއި ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރަށް ބަލާއިރު، ރަށްރަށުގެ އިގްތިސާދީ ބޭނުންތަކާ ގުޅޭ އަމަލީ ޕްރޮޖެކްޓްތައް ހިންގުމުގެ ފުރުސަތު ބޮޑެވެ.
މަސްވެރި ރަށެއްގެ ސްކޫލެއްގައި ދެމެހެއްޓެނިވި މަސްވެރިކަމާއި، މަސް ބަންދުކުރުމާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ ޕްރޮޖެކްޓެއް ހިންގިދާނެއެވެ. އެހެން ރަށެއްގައި ހައިޑްރޯޕޮނިކްސް ބޭނުންކޮށްގެން ކާބޯތަކެތި އުފެއްދުމާއި، ފެން އިސްރާފުނުކޮށް ދަނޑުވެރިކަން ކުރާނެ ގޮތް ދަސްކޮށްދެވިދާނެއެވެ.
މީގެ އިތުރުން އިރުގެ ހަކަތަ، ޑިޖިޓަލް ކޮންޓެންޓް އުފެއްދުން، އަދި އަތްތެރި މަސައްކަތް ފަދަ ދާއިރާތަކުން ވެސް ޕްރޮޖެކްޓްތައް ހިންގިދާނެއެވެ. މީގެ ސަބަބުން އަމިއްލަ ރަށުގައި ހުރި އިގްތިސާދީ ފުރުސަތުތައް ދަރިވަރުންނަށް ދެނެގަނެވޭނެއެވެ. މިފަދަ ޕްރޮގްރާމްތައް ހަމައެކަނި އާދަކާދަވެގެން ކުރާ މަސައްކަތްތަކަށް ހުއްޓާނުލައި، ޓެކްނޮލޮޖީއާއި އައު އީޖާދުތަކަށް ވެސް ފުރުސަތު ދޭންޖެހެއެވެ.
ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޕައިލެޓް ޕްރޮގްރާމެއް
މުޅި ރާއްޖޭގައި މިފަދަ ނިޒާމެއް ތައާރަފުކުރުމުގެ ކުރިން، ރޭވުންތެރިކަމާއެކު މަދު ސްކޫލްތަކެއްގައި "ޕައިލެޓް ޕްރޮގްރާމް" އެއް ފެށުން މުހިންމެވެ. މިކަމަށްޓަކައި ބަޖެޓާއި، މުދައްރިސުން ތަމްރީނުކުރުމާއި، ކަމާބެހޭ ފަރާތްތަކުގެ ލަފާ ބޭނުންވާނެއެވެ.

ޕައިލެޓް ޕްރޮގްރާމްގެ ފިޔަވަޅުތައް:
ސްކޫލްތައް ހޮވުން: ވަސީލަތްތައް ހުރި، މުދައްރިސުންނާއި މުޖުތަމައުގެ އެއްބާރުލުން ލިބޭނެ ސްކޫލްތައް ކަނޑައެޅުން.
އެކަށީގެންވާ ޕްރޮޖެކްޓްތައް ހޮވުން: ރަށުގައި ލިބެންހުރި ވަސީލަތްތަކާއި ދަރިވަރުންގެ ޝައުގުވެރިކަމަށް ބަލައި މަސައްކަތްތައް ނިންމުން.
ތަމްރީނު ދިނުން: ޕްރޮޖެކްޓް މެނޭޖްކުރުމާއި، ސަލާމަތީ ކަންކަމާއި، މާލީ ކަންކަމާ ގުޅޭގޮތުން މުދައްރިސުންނަށް އިރުޝާދު ދިނުން.
އަމަލީ މަސައްކަތް ފެށުން: ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެހެން، އުމުރާ ގުޅޭ ހަރަކާތްތައް ފެށުން.
ނަތީޖާ ބެލުން: ހާޒިރީއާއި، ކިޔެވުމުގެ ފެންވަރާއި، ދަސްވި ހުނަރުތަކާއި، ހަރަދާއި އާމްދަނީއަށް އައި ބަދަލުތައް ދިރާސާކުރުމުން.
މުރާޖައާކޮށް ފުޅާކުރުން: ލިބުނު ނަތީޖާއަށް ބަލައި، އެހެން ސްކޫލްތަކަށް މި މޮޑެލް ފުޅާކުރުމާ މެދު ގޮތެއް ނިންމުން.
ދަރިވަރުންގެ ހައްގުތަކާއި ތައުލީމު ރައްކާތެރިކުރުން
މިފަދަ ނިޒާމެއް ކުރިއަށްގެންދާއިރު، ހަރުދަނާ އުސޫލުތަކެއް އޮންނަންޖެހެއެވެ. ސްކޫލްތަކަކީ ހަމައެކަނި ފައިދާ ހޯދާ ވިޔަފާރިތަކަކަށް ވެގެންނުވާނެއެވެ. ދަރިވަރުންގެ ތައުލީމަށްވުރެ އިސްކަމެއް އެއްވެސް މާލީ އަމާޒަކަށް ދީގެންނުވާނެއެވެ.
ދަރިވަރުން ބައިވެރިވާ މަސައްކަތަކީ އެކުދިންގެ އުމުރާ ގުޅޭ، ރައްކާތެރި، އަދި ކިޔެވުމަށް ހުރަސްނޭޅޭ މަސައްކަތްތަކަކަށް ވާންޖެހެއެވެ. މިއީ ބުރަ މަސައްކަތް ކުރުވުން ނުވަތަ "ލޭބާ އެކްސްޕްލޮއިޓޭޝަން" އަށް ވެގެންނުވާނެއެވެ. އަދި ތައުލީމު ހާސިލުކުރުމަށްޓަކައި އާމްދަނީ ހޯދަން އެއްވެސް ކުއްޖަކަށް މަޖުބޫރުވެގެންނުވާނެއެވެ.

ކާމިޔާބީ މިނަންވާނީ މައިގަނޑު ގޮތެއްގައި ތައުލީމީ ނަތީޖާއިންނެވެ. އެއީ ދަރިވަރުންގެ ހުނަރުވެރިކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، އީޖާދީ ވިސްނުމަށް އަންނަ ބަދަލުތަކުންނެވެ. އާމްދަނީއަކީ މީގެ ދެވަނަ މަގްސަދެވެ.
ބަދަލުވަމުންދާ މުސްތަގުބަލަށް ދަރިވަރުން ތައްޔާރުކުރުން
އިގްތިސާދީ ބޭނުންތަކާއި ވަޒީފާގެ ފުރުސަތުތައް ބަދަލުވަމުންދާއިރު، ރާއްޖޭގެ ސްކޫލްތަކުގައި ހާއްސަ ދާއިރާތަކަކުން އުނގަންނައިދިނުމާ މެދު ފުންކޮށް ވިސްނަންޖެހެއެވެ.
އިލްމީ ތައުލީމާއި އަމަލީ ތަޖުރިބާ އެއްކޮށްލައިގެން ހިންގާ މޮޑެލްއެއްގެ ސަބަބުން، ކްލާސްރޫމުގައި އުނގެނޭ ފިލާވަޅުތަކާއި ދިރިއުޅުމުގެ އަމަލީ މައިދާނާ ހުރި ގުޅުން ދަރިވަރުންނަށް ފަހުމްވާނެއެވެ. މީގެ އިތުރުން، މިއީ ޒުވާނުން ވިޔަފާރިވެރިކަމަށް ޝައުގުވެރިކުރުވުމަށާއި، ފަންނީ ހުނަރުތައް ތަރައްގީކުރުމަށާއި، އަމިއްލަ މުޖުތަމައަށް ފައިދާހުރި ހިދުމަތްތަކެއް ކޮށްދިނުމުގެ ފުރުސަތުތައް ދެނެގަތުމަށް ލިބޭނެ ހިތްވަރެކެވެ.
އެހެންނަމަވެސް، މީގެ މަގްސަދަކީ ސްކޫލްތަކަކީ ވިޔަފާރި ހިންގާ ތަންތަނަށް ބަދަލުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، މީގެ ބޭނުމަކީ ދަރިވަރުންނަށް މާނަހުރި ތަޖުރިބާތަކެއް ލިބޭނެ، އެކުދިންގެ ކިބައިގައި ހުރި ގާބިލިއްޔަތުތައް ދެނެގަނެވޭނެ، އަދި މަތީ ތައުލީމަށާއި ވަޒީފާގެ މައިދާނަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރެވޭނެ ތައުލީމީ މާހައުލެއް ބިނާކުރުމެވެ.
ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބެލެނިވެރިން އަދި ސިނާއަތްތަކުގެ އެހީތެރިކަމާއެކު ފަރުމާކުރެވޭ ޕައިލެޓް ޕްރޮގްރާމެއްގެ ސަބަބުން، މިފަދަ ހާއްސަ ތައުލީމީ މޮޑެލްތަކަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއްތޯ ކަނޑައެޅުމަށް ފަސޭހަވެގެންދާނެއެވެ.
މީގެ އެންމެ މުހިންމު ސުވާލަކީ، ރާއްޖޭގެ ތައުލީމީ ނިޒާމަކީ ހަމައެކަނި ވަޒީފާއެއް ހޯދުމަށް ދަރިވަރުން ތައްޔާރުކުރާ ނިޒާމެއްގެ ބަދަލުގައި، އަމިއްލައަށާއި އެހެން މީހުންނަށް ފުރުސަތުތައް އުފައްދާނެ ފަދަ އިލްމާއި، އަމަލީ ހުނަރާއި، އިތުބާރު ލިބިފައިވާ ޖީލެއް ބިނާކުރާ ނިޒާމަކަށް ހެދިދާނެތޯ ކުރެވޭ ސުވާލެވެ.
advertisment
ހިޔާލު