އދ. ދުވަސް ފާހަގަކުރަން ޣިޔާޘުއްދީނުގައި "ޔަންގް އެމްބެސެޑާސް ކޮންފަރެންސް"އެއް ބާއްވައިފިއެވެ.
"ޔަންގް އެމްބެސެޑާސް ކޮންފަރެންސް 2026″ ނަމުގައި އޮކްޓޫބަރު 25ގައި ބޭއްވި މި ކޮންފަރެންސްގައި، ގްރޭޑް 6ން 8 އަކާ ދެމެދުގެ 46 ދަރިވަރުން ވަނީ ބައިނަލްއަގުވާމީ މަންދޫބުންނާއި ދުނިޔޭގެ ލީޑަރުންގެ ދައުރު އަދާކޮށްފައެވެ.

އެކުވެރި ދައުލަތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ކޮންފަރެންސްގައި، ދުނިޔޭގެ އެކި ގައުމުތައް ތަމްސީލުކުރި މަންދޫބުން ބަހުސްކުރީ ކާބޯތަކެތީގެ ނުތަނަވަސްކަމާއި ބަނޑުހައިހޫނުކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ މައްޗަށެވެ. ރަސްމީ ތަގުރީރުތަކާއި، މަޝްވަރާތަކުގެ އިތުރުން ގަރާރުތައް ފާސްކުރުމުގެ ތެރެއިން، ދަރިވަރުން ވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކޮށް، ޚާރިޖީ ގުޅުންތަކާއި ބައިނަލްއަގުވާމީ އެއްބާރުލުން ދިނުމުގެ އަމަލީ ތަޖުރިބާ ހޯދާފައެވެ.

މި ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ، ދިވެހިރާއްޖޭގައި ހުންނަވާ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރު މިސްޓަރ ހާއޯ ޖަންގްއެވެ. އޭނާ ވަނީ ދަރިވަރުންނަށް ހިތްވަރުދެއްވައި ވާހަކަފުޅު ދައްކަވައި، އަދި ކޮންފަރެންސްގެ ބައެއް ހަރަކާތްތައް ބައްލަވާލައްވާފައެވެ. ދަރިވަރުންގެ މިފަަދަ ކޮންފަރެންސަކަށް އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރު ވަޑައިގެންނެވުމަކީ ދުނިޔޭގެ ގޮންޖެހުންތަކުން އަރައިގަތުމުގައި އދ. އާއި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހަނދާންކޮށްދިން ކަމެެއްގެ ގޮތުގައި ޣިޔާޘުއްދީނުން ދެކެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވި ހުރިހާ ދަރިވަރުންގެ ފުރިހަމަ ބައިވެރިވުމަށް މަރުހަބާ ކިޔުމާއެކު، މިއަހަރުގެ ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވެސް ޣިޔާޘުއްދީނުން ޝުކުރު އަދާކުރެއެވެ.
advertisment
ހިޔާލު