މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި ރާއްޖެއަށް ބޭނުންވާ ތަކެތީގެ މިންވަރު ދައްކައިދޭ ދިރާސާއެއް

ކަނޑުގެ ލެވެލް އުފުލޭ ކޮންމެ ސެންޓިމީޓަރަކަށް، ހިއްކާފައިވާ ބިންތަކަށް 2.1 މިލިއަން ޓަނުގެ ވެލި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް 22,200 ޓަނުގެ އިމާރާތްކުރުމުގެ ސާމާނު ރާއްޖެއަށް ބޭނުންވޭ

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެ ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތަކުގެ މިންވަރު އިތުރުވަމުންދާކަން ހާމަކޮށްދޭ، ދިރާސާއެއް "ސައިންޓިފިކް ރިޕޯޓްސް" މަޖައްލާގައި ޝާއިޢުކޮށްފިއެވެ.

މި މުހިންމު ދިރާސާގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ވަނީ ބައިވެރިވެފައެވެ.

"މެޓީރިއަލް ރިކުއަރމަންޓްސް ފޯ އެޑަޕްޓިންގ ޓު ކްލައިމެޓް ޗޭންޖް އިން ދަ މޯލްޑިވްސް" ގެ ނަމުގައި "ނޭޗަރ ޕޯޓްފޯލިއޯ" ގެ މަޖައްލާއެއް ކަމަށްވާ "ސައިންޓިފިކް ރިޕޯޓްސް" ގައި ބުނެފައިވަނީ، މިއީ ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކާތެރިވުމަށްޓަކައި ގޮނޑުދޮށްތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ބޭނުންވާ މާއްދީ ވަސީލަތްތަކުގެ މިންވަރު، ޤައުމީ ފެންވަރުގައި އަންދާޒާކޮށް ހާމަކުރި ފުރަތަމަ ދިރާސާއެވެ. މި ދިރާސާގެ ސަބަބުން ރާއްޖެއާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރެވޭ ރޭވުންތަކަށް ބޭނުންވާ މުހިންމު ހެކިތަކެއް ލިބިގެންދާނެއެވެ.

ކެނެޑާގެ ޔުނިވަރސިޓީ އޮފް ވޯޓަލޫގެ ޕްރޮފެސަރ ސިމްރޮން ސިންގް އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި ޔުނިވަރސިޓީ އޮފް ވޯޓަލޫ، ޔުނިވަރސިޓީ އޮފް އޯގްސްބާގް، ޔުނިވަރސިޓީ އޮފް މެލްބަން، ބީ.އޯ.ކޭ.ޔޫ ޔުނިވަރސިޓީ ވިއެނާ އަދި އެމް.އެން.ޔޫގެ ސައިންސްވެރިންގެ ބައިނަލްއަޤްވާމީ ޓީމަކުން ބައިވެރިވިއެވެ. މި ދިރާސާ ކުރިއަށްގެންދިޔައީ އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީސް (އެފް.ސީ.ޑީ.އޯ) އާއި ކެނެޑާގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ރިސާޗް ސެންޓަރު (އައި.ޑީ.އާރް.ސީ) ގެ އެހީތެރިކަމާއެކު ހިންގާ ކްލައިމެޓް އެޑަޕްޓޭޝަން އެންޑް ރެސިލިއަންސް (ސީ.އެލް.އޭ.އާރް.އީ) ޕްރޮގްރާމްގެ ދަށުން ފަންޑުކޮށްފައިވާ ރިކަވަރ (ރެސިލިއަންސް ޓު ކްލައިމެޓް ވަލްނަރަބިލިޓީ އެންޑް އެންވަޔަރަންމަންޓަލް ރިސްކް) މަޝްރޫޢުގެ ތެރެއިންނެވެ.

މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ޤައުމުގެ ގޮތުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ރަށްތަކާއި، އާބާދީތަކާއި، އަދި މުހިންމު އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ އިތުރުވަމުން ކަމަށް މި ރިޕޯޓްގައި ބުނެފައިވެއެވެ. ގޮނޑުދޮށް ރައްކާތެރިކުރުމާއި ބިން ހިއްކުމަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރެވޭ ކޮންމެހެން މުހިންމު ކަންތައްތަކެއް ކަމުގައި ވިޔަސް، ދިގުމުއްދަތުގައި މިކަންކަމަށް ބޭނުންވާ ތަކެތީގެ މިންވަރާ މެދު ސަމާލުކަން ދެވިފައިވަނީ ވަރަށް ކުޑަކޮށް ކަމަށް ފާހަގަކޮށްފައިވެއެވެ.

ޖީ.އައި.އެސް އަށް ބިނާކޮށް "މެޓީރިއަލް ސްޓޮކް އެންޑް ފްލޯ އެނަލިސިސް" އާއި "ސިނާރިއޯ މޮޑެލިންގް" ބޭނުންކޮށްގެން ކޮށްފައިވާ މި ދިރާސާގައި، 2000 އިން 2100 ވަނަ އަހަރާ ދެމެދު، ތޮށިލުމާއި ގްރޮއިން ޖެހުމާއި، ރިވެޓްމަންޓް ޖެހުމުގެ އިތުރުން ބިން ހިއްކުމާއި ރަށްތައް އުސްކުރުން ފަދަ އިންޖިނިއަރިންގް މަސައްކަތްތަކަށް ބޭނުންވާނެ ތަކެތީގެ މިންވަރު އަންދާޒާކޮށްފައިވެއެވެ. މި ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ ވަސީލަތްތައް ބޭނުންވާނެއެވެ.

ކަނޑުގެ ލެވެލް އުފުލޭ ކޮންމެ ސެންޓިމީޓަރަކަށް، ދިވެހިރާއްޖެއަށް އަންނަނިވި މިންވަރަށް ވަސީލަތްތައް ބޭނުންވާނެ ކަމަށް މި ދިރާސާގައި ލަފާކޮށްފައިވެއެވެ.

  • ހިއްކާފައިވާ ބިންތަކަށް ގާތްގަނޑަކަށް 2.1 މިލިއަން ޓަނުގެ ވެލި.
  • ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް 22,200 ޓަނުގެ އިމާރާތްކުރުމުގެ ސާމާނު.

މި ހޯދުންތަކުން ހާމަވަނީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަކީ ހަމައެކަނި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އޮނިގަނޑުތައް ބިނާކުރުން ނޫންކަމަށާއި މީގެ ސަބަބުން، ސާމާނާއި އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމާއި، މާލީ އެހީތެރިކަމުގެ އިތުރުން ފަންނީ ގާބިލުކަމަށް އޮތް ދިގުމުއްދަތުގެ ބޭނުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދާކަމެވެ.

މި ދިރާސާގެ މުހިންމުކަމާ ގުޅޭގޮތުން، އެމް.އެން.ޔޫގެ ސީނިއަރ ރިސާޗް ފެލޯ އަދި މި ދިރާސާ ތައްޔާރުކުރުމުގައި ބައިވެރިވެވަޑައިގެންނެވި ޑރ. ޝަޒްލާ މުޙައްމަދު ވިދާޅުވީ: "މި ދިރާސާގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ގޮންޖެހުންތަކާ މެދު އާ ނަޒަރަކުން ބަލާލުމުގެ ފުރުސަތު ލިބިގެންދޭ. ބޭނުންވާނެ ވަސީލަތްތަކުގެ މިންވަރު އަންދާޒާކުރުމުން، އަޅުގަނޑުމެން އިޚްތިޔާރުކުރާ ހައްލުތަކުން ނުކުމެދާނެ ނަތީޖާތައް ބޮޑަށް ސާފުވެ، ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި ގޮނޑުދޮށް ހިމާޔަތްކުރުމާ ދެމެދު އޮތް ގުޅުން ރަނގަޅަށް ދެނެގަނެވިގެންދާނެ" ކަމަށެވެ.

މި ދިރާސާގައި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ނިންމާ ނިންމުންތަކުގެ ސަބަބުން އިގްތިސާދަށާއި ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަތުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި މިކަމަށްޓަކައި ގައުމީ ފެންވަރުގައި މަޝްވަރާކުރުމާއި، މޫސުމީ އެހީތެރިކަން އިތުރުކުރުމާއި، މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ފަންނީ އެއްބާރުލުން ބޭނުންވާކަން ބަޔާންކޮށްފައިވެއެވެ. މި މަސައްކަތްތަކަކީ ރާއްޖެއާއި މޫސުމީ ނުރައްކާތަކަށް ހުށަހެޅިފައިވާ އެހެން ކުދި ޖަޒީރާ ގައުމުތަކަށް ދެމެހެއްޓެނިވި، ރައްކާތެރި އަދި ވަސީލަތްތައް ކަށަވަރުވެފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *