ކޮރަޕްޝަން ތަހުޤީޤުކުރަން އިންވެސްޓިގޭޓަރުން ތަމްރީނު ކުރުމުގެ ޑިޕްލޮމާ ކޯހެއް އެމްނާކާއިން ފަށަނީ

ކޮރަޕްޝަން އިންވެސްޓިގޭޝަން ޑިޕްލޮމާ ކޯހެއް ފަށަން މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމައިފިއެވެ.

މިއީ، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފަންނީ ގޮތުން ޤާބިލު އިންވެސްޓިގޭޓަރުން ލިބެން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ކުރިއަށް ގެންދާ ކޯހެކެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ، ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ މި ދާއިރާއަށް ޚާއްޞަވެގެން ތަމްރީނު ލިބިފައިވާ އިންވެސްޓިގޭޓަރުން މަދުވުން ކަމަށާއި ކޮރަޕްޝަން އިންވެސްޓިގޭޓަރުންގެ ދަތިކަމަށް ކުރިމަތިވެފައިވާ ހުސްކަން ނައްތާލުން ދައުލަތުގެ ޢަދުލުގެ ނިޒާމަށާއި މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމަށެވެ.

މި ކޯހާ ގުޅޭގޮތުން އެމްނާކާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޠައްޔިބު ވިދާޅުވީ، "ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަޙުޤީޤުކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ ގޮތުން ޤާބިލު، ތަމްރީނުވެފައިވާ އިންވެސްޓިގޭޓަރުން ލިބެން ނެތުން. އެމްނާކާއިން ފަށަން މި ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ މި ޤައުމީ ހުސްކަން ފުރައިލައި، ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް،" ކަމަށެވެ.

އެމްކިއުއޭ އިން ފާސްކޮށްފައިވާ މި ޑިޕްލޮމާ ކޯހަކީ ތަޙުޤީޤީ ދާއިރާގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ކޯހުގެ ތެރެއިން ތަޙުޤީޤީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، ހަރުދަނާ އުސޫލުން ކޭސް މެނޭޖްމަންޓް ކުރިއަށްގެންދިއުމުގެ ހުނަރު ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން، ޤާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރުމާއި، ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުޢާމަލާތްތަކާއި ލިޔެކިޔުންތައް ފޮރެންސިކް ތަޙުލީލު ކުރުމުގެ ޤާބިލުކަން ބިނާކުރެވޭނެއެވެ. އަދި ދައުލަތުގެ މާލީ ނިޒާމުތަކާއި ޕްރޮކިއުމަންޓް ޤަވާއިދުތަކަށް އަހުލުވެރިކުރުވައި، ޚިޔާނާތާއި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ދެނެގަތުމާއި، އިންޓަވިއު ކުރުމާއި ބަޔާން ނެގުމުގެ އިތުރުން އިންޓެލިޖެންސް މަޢުލޫމާތު އެއްކޮށް ތަޙުލީލުކުރުމުގެ ޒަމާނީ ފަންނީ ހުނަރުތައް ވެސް މި ކޯހުގައި ކިޔަވައިދެވޭނެއެވެ.

އެމްނާކާގެ މައިގަނޑު މަސައްކަތްތައް

ދައުލަތުގެ ނިޒާމުގެ ތެރޭގައި ނަޒާހަތްތެރިކަން އަށަގަންނުވައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި އެމްނާކާއިން މައިގަނޑު ތިން ދާއިރާއަކުން މަސައްކަތްތައް ކުރިއަށްގެންދެއެވެ:

އޭސީސީގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުން: ތަޙުޤީޤީ ޓީމުތަކާއި މުވައްޒަފުންގެ ފަންނީ ހުނަރު ހަރުދަނާކުރުމަށް ކޮރަޕްޝަން ތަޙުޤީޤުކުރުމުގެ ޒަމާނީ އުކުޅުތަކާއި، ލީޑަރޝިޕް ހުނަރުތަކާއި، ޤާނޫނީ އަދި އިޖުރާއީ ހޭލުންތެރިކަމުގެ ތަމްރީނު ދިނުން.

ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) އަމާޒުކުރާ ކުރު ކޯސްތައް: ދައުލަތުގެ އިދާރާތަކަށާއި ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުންނަށް ކޮރަޕްޝަންގެ ހިރާސްތައް ދެނެގަންނާނެ ގޮތާއި، އެފަދަ ކަންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ހުނަރާއި ވަޞީލަތްތައް ފޯރުކޮށްދިނުން.

ޤައުމީ ފެންވަރުގައި ތަޙުޤީޤީ އިންސާނީ ވަސީލަތް ބިނާކުރުން: މުޅި ރާއްޖެއަށް ބޭނުންވާ ޕްރޮފެޝަނަލް އިންވެސްޓިގޭޓަރުން އުފެއްދުމަށް އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ޕްރޮގްރާމް ރޯލްއައުޓް ކުރުން.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *