މުދައްރިސުން ސަމާލުވާންޖެހޭ، ކްލާސްރޫމް މެނޭޖްކުރުމުގައި ހެދޭ ހަތް ގޯހެއް

ޢަބްދުﷲ ނަޞީޙް

ކްލާސްރޫމެއް ހަރުދަނާކޮށް ބެލެހެއްޓުމަކީ ހަމައެކަނި ދަރިވަރުންގެ އުޅުން ކޮންޓްރޯލް ކުރުމެއް ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި، ކާމިޔާބުކަމާއެކު ކްލާސްރޫމް މެނޭޖްކުރެވެނީ ދަރިވަރުން އެގޮތަށް އުޅެން މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެކުދިންނާ ގާތް ގުޅުމެއް ބާއްވައި، އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގަންނުވައިގެންނެވެ.

ދަރިވަރުންގެ ފަރާތުން ފެންނަ ނުރަނގަޅު އުޅުމަކީ ފެންނަ ފެނުމަށްވުރެ މާ ފުން، އޮޅުންބޮޅުން ބޮޑު ކަމެކެވެ. ކްލާހުގައި އުނދަގޫކުރާ ކުއްޖަކީ ކިޔެވުމުގައި ދަތިތަކެއް ހުރި، ނުވަތަ ގޭތެރޭގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ކުއްޖަކަށް ވެދާނެއެވެ. އަދި އެއީ އެހެންމީހުންގެ ސަމާލުކަން ހޯދުމަށް ނުވަތަ ފޫހިވެގެން ކުރާ ކަމަކަށް ވެސް ވެދާނެއެވެ. އެހެންކަމުން، މައްސަލަ މެދުވެރިވާ ސަބަބު ތަފާތުވުމުން، އެކަމަށް ދޭންޖެހޭ އިޖާބަވެސް ތަފާތުވާން ޖެހެއެވެ.

ތަޢުލީމީ ދާއިރާގެ ދިރާސާތަކުން ދައްކާގޮތުގައި، ކްލާސްރޫމް މެނޭޖްކުރުމުގައި އާންމުކޮށް ހެދޭ ބައެއް ގޯސްތަކުގެ ސަބަބުން މައްސަލަ ހައްލުވުމުގެ ބަދަލުގައި އިތުރަށް ގޯސްވެގެންދެއެވެ.

  1. ހަމައެކަނި އުޅުމަށް ބަލައި ގޮތް ނިންމުން

އާންމުކޮށް ހެދޭ އެންމެ ބޮޑު އެއް ގޯހަކީ، ދަރިވަރު އެ އުޅުން އިޚްތިޔާރުކުރި ސަބަބާމެދު ނުވިސްނައި، ހަމައެކަނި އޭނާ ކުރި ކަމަކަށް ބަލައި ފިޔަވަޅު އެޅުމެވެ.

ދެ ދަރިވަރަކު އެއްކަހަލަ ނުރަނގަޅު އަމަލެއް ކުރި ނަމަވެސް، އެކަން ކުރި ސަބަބު މުޅިން ތަފާތުވެދާނެއެވެ. އެކަކީ ފިލާވަޅު އުނދަގޫވެގެން މާޔޫސްވެގެން އުޅޭ ކުއްޖަކަށް ވެފައި، އަނެކަކީ ކްލާސް ކުދިންގެ ސަމާލުކަން ހޯދަން އުޅޭ ކުއްޖަކަށް ވެދާނެއެވެ. އެހެންކަމުން، ދެކުދިންނަށް އެއް އަދަބެއް ދިނުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ.

މުދައްރިސުންނަށް މިކަން ހައްލުކުރެވޭނީ ކަންތައްތައް ހިނގާ ގޮތުގެ ތަރުތީބަށް ބަލައިގެންނެވެ. އެ އުޅުމެއް ފެނުމުގެ ކުރިން ހިނގީ ކޮން ކަމެއް ހެއްޔެވެ؟ އެކަން ހިނގީ ކޮން ވަގުތެއްގައި ހެއްޔެވެ؟ އެވަގުތު ތިބީ ކޮން ބައެއް ހެއްޔެވެ؟ އެކަމުގެ ސަބަބުން ދަރިވަރަށް ލިބުނީ ކޮން ފައިދާއެއް ހެއްޔެވެ؟ ނުވަތަ އެކަމުން އޭނާ ރެކެން އުޅުނީ ކޮން ކަމަކުން ހެއްޔެވެ؟

މި ސަބަބުތައް ދެނެގަތުމުން، އެކަށީގެންވާ ހައްލެއް ހޯދައިދޭން މުދައްރިސަށް ފަސޭހަވާނެއެވެ.

  1. އުނގެނުމުގައި ހުރި ދަތިތަކަށް ފަރުވާކުޑަކުރުން

ކްލާހުގައި އުނދަގޫ ކުރުމަކީ އަބަދުވެސް ހަމައެކަނި އަޚްލާޤީ މައްސަލައެއް ނޫނެވެ.

ބައެއްފަހަރު ދަރިވަރުން އުނދަގޫކުރަނީ ހަވާލުކުރެވުނު މަސައްކަތް ފަހުމްނުވުމުން ނުވަތަ އެ މަސައްކަތަކީ އެކުދިންގެ ފެންވަރަށްވުރެ މާ އުނދަގޫ މަސައްކަތަކަށް ވުމުންނެވެ. އެހެންކަމުން، އެ ފޫހިކަމުން ނުވަތަ ލަދުވެތިކަމުން ސަލާމަތްވުމަށް ދަރިވަރުން ނުރަނގަޅު އުޅުމެއް އިޚްތިޔާރު ކުރެއެވެ.

ދަރިވަރަކީ އެއްބާރުލުން ދޭން ބޭނުންނުވާ ކުއްޖެއްކަމަށް ނިންމުމުގެ ކުރިން، އޭނާ އަށް ކިޔެވުމުގައި ދަތިތަކެއް ހުރިތޯ މުދައްރިސުން ބަލަންޖެހެއެވެ. ސާފު އިރުޝާދު ދިނުމާއި، އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުއްޖާގެ ފެންވަރާ ގުޅޭ މަސައްކަތް ދިނުމުން، އަޚްލާޤީ މައްސަލައެއްގެ ގޮތުގައި ފެނުނު ކަންތައްތައް ހައްލުވެގެންދާނެއެވެ.

  1. ކޮންމެ ކުޑަކުޑަ ކަމަކަށް ފިޔަވަޅު އެޅުން

ކްލާސްރޫމްގައި ތަރުތީބު ހިފެހެއްޓުމަކީ މުދައްރިސުން ބޭނުންވާނެ ކަމެކެވެ. ނަމަވެސް ކޮންމެ ކުޑަކުޑަ ކަމަކަށް ރައްދު ދިނުމަކީ ނަތީޖާ ގޯސްވެދާނެ ކަމެކެވެ.

ކުދިކުދި ވާހަކަދެއްކުމާއި، ކުޑަވަގުތުކޮޅަކަށް ސަމާލުކަން ގެއްލުން ފަދަ ކަންކަމުގައި އަބަދު ދަރިވަރުންނަށް ނަސޭހަތްދީ އިސްލާހުކުރަން އުޅުމުން، ދަރިވަރާއި މުދައްރިސާ ދެމެދު އޮންނަ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އުފެދެއެވެ.

ބައެއް ހާލަތްތަކުގައި، ފިލާވަޅު މެދުކަނޑާނުލައި، ހަމައެކަނި އިޝާރާތަކުން ނުވަތަ ކުއްޖާގެ ލޮލަށް ބަލައިލުމުން ވެސް އޭނާގެ ސަމާލުކަން އަނބުރާ ގެނެވިދާނެއެވެ. މީގެ އިތުރުން، ރަނގަޅަށް ބައިވެރިވާ ކުދިންނަށާއި، މަސައްކަތް ނިންމާ ކުދިންނަށް ހިތްވަރުދީ ތައުރީފުކުރުމުން، ކްލާސްރޫމްގެ މާހައުލު މާ ބޮޑަށް އުޖާލާވެގެންދާނެއެވެ.

  1. އެކަހެރިކުރުން އަދަބެއްގެ ގޮތުގައި ބޭނުންކުރުން

ކުދިން ކްލާހުގެ އެކަހެރި ތަނަކަށް ފޮނުވުން ފަދަ ބޯދާ އަދަބުތަކުގެ ސަބަބުން ކުދިން ލަދުގަނެ، ދެރަވެއެވެ.

ކުދިން ހަމަޖެހުމަށްޓަކައި ވަގުތާއި ޖާގަ ބޭނުންވި ނަމަވެސް، އެކަން ކުރާ މަގުސަދަކީ މުހިންމު އެއްޗެކެވެ. ހަމައެކަނި އަދަބެއްގެ ގޮތުގައި އެކަހެރިކުރުމުގެ ބަދަލުގައި، އަމިއްލަ އިހުސާސްތައް ކޮންޓްރޯލްކޮށް، ކުރެވުނު ކަންތަކާ މެދު ވިސްނާލުމަށް "ރިފްލެކްޝަން އޭރިއާ" އެއް ބޭނުންކުރުން މާ ރަނގަޅެވެ. މިފަދަ ތަންތަނުގައި ނޭވާލުމުގެ ކަސްރަތުތަކާއި، އަމިއްލަ ނަފްސު މެނޭޖްކުރާނެ ގޮތްތައް ދަސްކޮށްދޭންވާނެއެވެ.

  1. އެހެން ކުދިންގެ ކުރިމަތީގައި ލަދުގަންނުވާލުން

ކްލާސް ބޯޑުގައި ކުއްޖާގެ ނަން ލިޔުމާއި، އުޅުން ހުންނަ ގޮތުގެ މާކްސްތައް އެންމެންނަށް ފެންނާނެހެން ބެހެއްޓުމަކީ ކުއްޖާގެ އިތުބާރާއި އަބުރަށް ލިބޭ އުނިކަމެކެވެ.

ލަދުގަންނުވާލުމުން ވަގުތީ ގޮތުން އެ އުޅުމެއް ހުއްޓިދާނެއެވެ. ނަމަވެސް އޭގެ ސަބަބުން ކުއްޖާގެ އުޅުން އިސްލާހުކުރާކަށް އެހީއެއް ނުލިބެއެވެ. އެންމެ ރަނގަޅު ގޮތަކީ ކުއްޖާއާ ވަކިން ވާހަކަދައްކައި، މުދައްރިސުގެ ކަންބޮޑުވުންތައް ކިޔައިދީ، ކުއްޖާގެ ވާހަކަ އަޑުއެހުމެވެ. ކުއްޖާގެ ގަދަރު ހިފެހެއްޓުމުން، އޭނާ އިސްލާހުވުމަށް ހުންނަ ފުރުސަތު ބޮޑުވެއެވެ.

  1. ގުޅުން ގާއިމުނުކޮށް ކިޔަމަންތެރިކަމަށް އެދުން

ގަވާއިދުތަކާއި އުސޫލުތަކާ ނުލައި ކްލާހެއް ކުރިއަކަށް ނުގެންދެވޭނެއެވެ. ނަމަވެސް، އިތުބާރު އުފެއްދުމުގެ ބަދަލުގައި ހަމައެކަނި ކިޔަމަންތެރިވުމަށް މަޖުބޫރުކުރުމުން ދަރިވަރުންގެ ފަރާތުން ދެކޮޅުވެރިކަން ފެނިދާނެއެވެ.

ދަރިވަރުންނާ އޮންނަ ގާތް ގުޅުމަކީ ކްލާސް ބެލެހެއްޓުމުގެ އަސާސެވެ. ކްލާހަށް ވަންނައިރު ސަލާމްކުރުމާއި، ކުދިންގެ ޝައުގުވެރިކަން ހުންނަ ކަންކަން އޮޅުންފިލުވުމާއި، ކްލާސްރޫމްގެ އުސޫލުތައް އެކުލަވާލުމުގައި ކުދިންގެ ބައިވެރިވުން ހޯދުމަކީ މުހިންމު ކަންކަމެވެ. މުދައްރިސަކީ އޭނާއަށް އިހުތިރާމްކޮށް އެހީތެރިވާ މީހެއްކަން ގަބޫލުކުރެވުމުން، ދަރިވަރުން އެއްބާރުލުން ދިނުމަށް ފަސްނުޖެހޭނެއެވެ.

  1. އަމިއްލަ ނަފްސުގައި ހުންނަ ތަފާތުކުރުންތަކަށް ފަރުވާކުޑަކުރުން

ކޮންމެ އިންސާނަކަށް ވެސް ނޭނގި ނަމަވެސް ބައެއް ކަންކަމުގައި ތަފާތުކުރުންތަކެއް ގެންގުޅެވިދާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި، ދަރިވަރުގެ ނަސްލު، ސަގާފަތް ނުވަތަ އާއިލީ ފަސްމަންޒަރަށް ބަލައި ފިޔަވަޅު އެޅުމުގައި ތަފާތުތަކެއް ހުރެދާނެއެވެ.

އެހެންކަމުން، ހުރިހާ ދަރިވަރުންނާ މެދު އިންސާފުވެރިކަމާއި އެއްގޮތްކަމެއް ގެންގުޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މުދައްރިސުންނާއި ސްކޫލާއި އިސްވެރިން ގަވާއިދުން ފިޔަވަޅުތައް މުރާޖައާކޮށް، އެއްގޮތް އަމަލުތަކަކަށް ހުރިހާ ދަރިވަރުންނަށް ވެސް ދެނީ އެއްކަހަލަ އަދަބެއްތޯ ޔަގީންކުރަންޖެހެއެވެ.

އިންސާފުވެރިކަން ގެއްލިއްޖެނަމަ، ދަރިވަރުންގެ ހިތްތަކުގައި މުދައްރިސުންނާއި މުޅި މަދަރުސާއަށް އޮންނަ އިތުބާރު ގެއްލިގެންދާނެއެވެ.

ކޮންޓްރޯލް ކުރުމުގެ ބަދަލުގައި އެހީތެރިކަން ފޯރުކޮށްދިނުން

ކްލާސްރޫމް މެނޭޖްކުރުމާ ގުޅޭ ދިރާސާތަކުން ލިބޭ އެންމެ ބޮޑު މެސެޖަކީ، އަދަބު ދިނުމަކީ ހަމައެކަނި އަޚްލާޤީ ފިޔަވަޅެއްގެ ގޮތުގައި ނުދެކުމެވެ. ގަވާއިދުތަކާއި އިންތަކަކީ މުހިންމު އެއްޗެކެވެ. ނަމަވެސް، ހަރުދަނާކޮށް ކްލާސް ބެލެހެއްޓޭނީ ސާފު އުސޫލުތަކާއެކު، ދަރިވަރުންނާ އޮންނަ ގާތް ގުޅުމާއި، އުނގެނުމަށްދޭ އެހީތެރިކަމުގެ މައްޗަށް ބިނާކޮށްގެންނެވެ.

އެހެންކަމުން، މުދައްރިސުން އަމިއްލަ ނަފްސާ ސުވާލު ކުރަންވީ "މި އުޅުން ހުއްޓުވާނީ ކިހިނެއް؟" މިހެން އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި "މިހެން މިވަނީ ކީއްވެގެން؟ އަދި މިކަން އިސްލާހުކުރުމަށް ދަރިވަރަށް އެހީތެރިވެވޭނީ ކިހިނެއް؟" މިހެންވެސް ސުވާލުކުރަން ޖެހެއެވެ. ވިސްނުމަށް އަންނަ މި ބަދަލުގެ ސަބަބުން ކްލާސްރޫމް މެނޭޖްކުރުމުގެ މުޅި ނިޒާމަށް ހެޔޮ ބަދަލެއް އަންނާނެއެވެ.

ރަނގަޅަށް މެނޭޖްކުރެވިފައިވާ ކްލާސްރޫމަކީ ހަމައެކަނި ދަރިވަރުން މަޑުމަޑުން ތިބޭ ނުވަތަ ބުނިހާ ގޮތެއް ހަދާ ކްލާހެއް ނޫނެވެ. އެއީ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލުތައް އެނގޭ، އިހުތިރާމް ލިބޭ، އަމިއްލަ އަމަލުތަކަށް ޒިންމާދާރުވާ އަދި އުނގެނުމަށް ފުރިހަމައަށް ސަމާލުކަންދޭ މާހައުލެކެވެ.

ޚުލާސާކޮށް ދަންނަވާނަމަ، ކްލާސްރޫމް މެނޭޖްކުރުމަކީ ދަރިވަރުން ކޮންޓްރޯލް ކުރުމެއް ނޫނެވެ. އެއީ ދަރިވަރުން އަމިއްލަ ނަފްސު މެނޭޖްކުރަން ދަސްކޮށްދީ، އެހެންމީހުންނަށް އިހުތިރާމްކޮށް، އުނގެނުމުގެ ހަރަކާތްތަކުގައި އުފެއްދުންތެރި ގޮތެއްގައި ބައިވެރިވެވޭނެ މާހައުލެއް ބިނާކުރުމެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *