އައިޔޫއެމް ލީގަލް ކްލިނިކަށް ކާމިޔާބު އެއް އަހަރު، ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަނީ ނަމޫނާ ދައްކަމުން

  • ކުލާސްރޫމްގެ ތަޢުލީމާއި ޤާނޫނީ ޢަމަލީ މައިދާނާ ދެމެދު އޮތް ފަރަޤު ކުޑަކުރުމުގެ އަގުހުރި ފުރުޞަތު، މި ކްލިނިކް މެދުވެރިކޮށް ދަރިވަރުންނަށް ވަނީ ފަހިވެފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ލީގަލް ކްލިނިކަށް، އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ވަނީ އެއް އަހަރު ފުރިފައެވެ.

މި މުނާސަބަތާ ގުޅިގެން އައިޔޫއެމްއިން ހާމަކޮށްފައިވާ ގޮތުގައި، ކުޑަ ޚިޔާލަކުން ފެށުނު މި މަސައްކަތަކީ މިއަދު ޤާނޫނީ ތަޢުލީމާއި، ޢަމަލީ ތަމްރީނާއި، ހުނަރު ތަރައްޤީކުރުމުގެ އިތުރުން މުޖުތަމަޢަށް އަގުހުރި ޚިދުމަތްތަކެއް ފޯރުކޮށްދޭ މުހިންމު މަންސައެކެވެ. ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި، ކުލާސްރޫމްތަކުގައި އުނގެނޭ ނަޒަރީ ޢިލްމު ޢަމަލީ މައިދާނާ ގުޅުވައިދިނުމުގެ ފުރުޞަތު ދަރިވަރުންނަށް ވަނީ ފަހިކޮށްދެވިފައެވެ.

މި ކާމިޔާބީގެ އަސްލަކީ ދަރިވަރުންނާއި، ސްޕަވައިޒަރުންނާއި، ފެކަލްޓީގެ އިސްވެރިންނާއި، މުވައްޒަފުންގެ އިތުރުން މި ކްލިނިކްގެ ތަޞައްވުރަށް އިތުބާރުކުރި އެންމެހައި ފަރާތްތަކުގެ އިޚްލާޞްތެރި މަސައްކަތެވެ. ފުރަތަމަ އަހަރުގެ ކާމިޔާބީއަށްފަހު، ކުރިއަށް އޮތް ތަނުގައި އިތުރު ފުރުޞަތުތަކާއި ވަރުގަދަ ގުޅުންތަކާއެކު މުޖުތަމަޢަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ޚިދުމަތް ދިނުމަކީ ޔުނިވަރސިޓީގެ އުއްމީދެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ހުއްދައާއެކު ހިންގާ މި ކްލިނިކުގެ އެޑްމިނިސްޓްރޭޓިވް ޑައިރެކްޓަރު ޢާއިޝަތު ފަޒުނާ އަޙްމަދު "ދަރިވަރު" ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ލީގަލް ނުލިނިކުގެ މަސައްކަތަކީ ރާއްޖޭގައި އަލަށް ތަޢާރަފުކުރެވުނު ކަމަކަށް ވާތީ ފަށައިގަތުމުގައި ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ. ނަމަވެސް، ޚިދުމަތް ހޯދި ފަރާތްތަކުގެ ފަރާތުން ލިބުނު ތަރުޙީބުން އެނގިގެންދަނީ އެ މަސައްކަތް ކާމިޔާބުކަމެވެ.

އައިޔޫއެމް ލީގަލް ކްލިނިކުން މައިގަނޑު ގޮތެއްގައި ދެމުން އަންނަ ޚިދުމަތްތަކުގެ ތެރޭގައި:

  • ޤާނޫނީ ލަފާދިނުން (ކޯޓުތަކަށް ދިއުމަކާ ނުލައި މައްސަލަތަކާއިގެން ކުރިއަށް ދާނެ ގޮތުގެ ލަފާ ދިނުން)
  • މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކާއި ފޯމުތައް ފުރައިދިނުން
  • އެއްބަސްވުންތަކާއި 'ޕަވަރ އޮފް އެޓަރނީ' ފަދަ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުން ހިމެނެއެވެ.

މި ހުރިހާ ޚިދުމަތްތަކަކީވެސް އެއްވެސް އަގަކާ ނުލައި، މުޅިން ހިލޭ އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކެކެވެ. ފާއިތުވި އަހަރު ޚިދުމަތް ހޯދި ފަރާތްތަކުގެ މައްސަލަތައް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ޢާއިލީ އަދި މަދަނީ މައްސަލަތަކާއެވެ.

މަސައްކަތް ކުރިއަށްދާ ގޮތް

އާންމު ފަރާތަކުން ޤާނޫނީ އެހީތެރިކަމަށް އެދި ހުށަހެޅުމުން، އެ މައްސަލައެއް ދިރާސާކުރުމަށްޓަކައި ބާ ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ޤާނޫނީ ވަކީލެއްގެ (ސްޕަވައިޒަރެއްގެ) ބެލުމުގެ ދަށުން ދަރިވަރުންގެ ޓީމެއް އެކުލަވައިލެވެއެވެ. ދަރިވަރުން މައްސަލަ ދިރާސާކުރުމަށްފަހު، ވަކީލުގެ ޙާޟިރުގައި މައްސަލަ ހުށަހެޅި ފަރާތާ ބައްދަލުކޮށް، ޤާނޫނީ އިރުޝާދާއި ލަފާ ފޯރުކޮށްދެއެވެ.

މި ޙަރަކާތަކީ ބާ ކައުންސިލުގެ 'ކްލިނިކަލް ލީގަލް ޓްރެއިނިންގ' (ސީ.އެލް.ޓީ) ޕްރޮގްރާމުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މިގޮތުން، އައިޔޫއެމްގައި ޤާނޫނީ ދާއިރާއިން ކިޔަވަމުންދާ ކޮންމެ ދަރިވަރަކުވެސް 75 ގަޑިއިރުގެ ޢަމަލީ ތަޖުރިބާ މި ކްލިނިކް މެދުވެރިކޮށް ފުރިހަމަކުރަންޖެހެއެވެ.

ފަޒުނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގިނަ މީހުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ޤާނޫނީ ގޮތުން އެންމެ އާދައިގެ ކަންތައްތައް އެނގިފައި ނެތުމުން މައްސަލައެއް ދިމާވުމުން ދެން ކުރިއަށްދާނެ ގޮތެއް ނޭނގުމެވެ. އެހެންކަމުން، މައްސަލައިގެ ޙަޤީޤަތް ބަޔާންކޮށްދީ، ދެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް ސާފުކޮށްދިނުމަކީ އެ ކްލިނިކުން ކޮށްދޭ އެންމެ މުހިންމު މަސައްކަތްކަން އޭނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، އަމިއްލައަށް ވަކީލުން ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ލިބޭ ހިލޭ އެހީތެރިކަމާމެދު އާންމުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަޢުރީފަކާއި ޝުކުރުގެ މެސެޖުތައް އެ ކުލިނިކަށް ލިބެމުންނެވެ.

ކްލިނިކަލް ލީގަލް ޓްރެއިނިންގގެ ފުރަތަމަ ބެޗް ކާމިޔާބުކަމާއެކު ނިމި، ދެވަނަ ބެޗަށް ހުޅުވާލާއިރު، ސްޕަވައިޒަރުންނަށް ފަސޭހަވާނެ ގޮތަށް ވަގުތުތައް ތަރުތީބުކުރުމާއި ދަރިވަރުންނަށް ދެވޭ މަޢުލޫމާތުތައް އިތުރަށް ހަރުދަނާކުރުމަށް ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *