ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 870,000 ރުފިޔާގެ ރިސަރޗް ގްރާންޓް ފަންޑުތަކެއް އިޢުލާންކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ސެންޓަރ ފޯ ރިސަރޗް އެންޑް ޕަބްލިކޭޝަންސްގެ ފަރާތުން 2026 ވަނަ އަހަރަށް އަމާޒުކޮށްގެން ދިރާސީ އަދި ޢިލްމީ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ޖުމުލަ 870,000 ރުފިޔާގެ ފަންޑާއެކު ތަފާތު 5 ގްރާންޓް ސްކީމެއް މިއަދު އިޢުލާންކޮށްފިއެވެ.

މިފަދަ ފަންޑްތައް ހުޅުވާލުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދިރާސީ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މުޖުތަމަޢަށް ބޭނުންތެރި ދިރާސާތަކަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އޭގެ އިތުރުން، އެކަޑަމިކް މުވައްޒަފުންނާއި ދަރިވަރުންގެ ޢިލްމީ ތަޖުރިބާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ފަހި ފުރުޞަތުތަކެއް ހޯދައިދިނުމެވެ.

އިޢުލާންކުރެވުނު ގްރާންޓް ސްކީމްތަކުގެ ތަފްޞީލު:

  • 1. އައި.ޔޫ.އެމް ރިސާރޗް ޕްރޮމޯޝަން ސްކީމް 2026
    • އަމާޒު: މުޖުތަމަޢަށް ފައިދާކުރާނެ ޢިލްމާއި އައު ޚިޔާލުތައް އުފެއްދުމަށާއި ދިރާސާތައް ޝާއިޢުކުރުމަށް ހިތްވަރުދިނުން.
    • ފަންޑުގެ މިންވަރު: ޖުމުލަ 400,000 ރުފިޔާ (ކޮންމެ ގްރާންޓަކަށް އެންމެ ގިނަވެގެން 75,000 ރުފިޔާ).
  • 2. އައި.ޔޫ.އެމް އިނޮވޭޝަން ސްކީމް 2026
    • އަމާޒު: ދިވެހި މުޖުތަމަޢަށް ހެޔޮ އަސަރުކުރުވާ ފަދަ އީޖާދީ އައު މަސައްކަތްތަކާއި އުފެއްދުންތަކަށް މަގުފަހިކޮށްދިނުން.
    • ފަންޑުގެ މިންވަރު: ޖުމުލަ 200,000 ރުފިޔާ (ފަންޑު ކުރެވޭނީ 2 ޕްރޮޖެކްޓަށެވެ).
  • 3. ފޮތް ޝާއިޢުކުރުމުގެ ފުރުސަތު 2026 (Book Grant)
    • އަމާޒު: ޔުނިވަރސިޓީއަށް ބޭނުންވާ ފޮތްތައް ތައުލީފުކުރުމާއި، ތަޞްނީފުކުރުމާއި، ތަރުޖަމާކޮށް ޝާއިޢުކުރުން.
    • ފަންޑުގެ މިންވަރު: ޖުމުލަ 100,000 ރުފިޔާ (ފޮތަކަށް 10,000 އާއި 40,000 ރުފިޔާއާ ދެމެދުގެ އަދަދެއް).
  • 4. އައި.ޔޫ.އެމް ޕޯސްޓް ގްރެޖުއޭޓް ރިސާޗް ގްރާންޓް ސްކީމް 2026
    • އަމާޒު: ރިސާޗް މޯޑުގައި ކިޔަވަމުންދާ މާސްޓާރސް އަދި ޕީ.އެޗް.ޑީ ދަރިވަރުންގެ ދިރާސާތަކަށް އެހީތެރިވުން.
    • ފަންޑުގެ މިންވަރު: ޖުމުލަ 50,000 ރުފިޔާ (ކޮންމެ ޕްރޮޖެކްޓަކަށް އެންމެ ގިނަވެގެން 12,500 ރުފިޔާ).
  • 5. އައި.ޔޫ.އެމް ކޮންފަރެންސް ޓްރެވަލް ގްރާންޓް 2026
    • އަމާޒު: ޔުނިވަރސިޓީގެ މުވައްޒަފުން އެކި ކޮންފަރެންސްތަކުގައި ކަރުދާސް ހުށަހެޅުމަށާއި ޢިލްމީ ތަޖުރިބާ ހޯދުމަށް ފުރުޞަތު ދިނުން.
    • ފަންޑުގެ މިންވަރު: އެންމެ ގިނަވެގެން ކޮންފަރެންސަކަށް 25,000 ރުފިޔާ.

އިސްކަންދެވޭ ދާއިރާތަކާއި އެޕްލައިކުރާނެ ގޮތް:

މި ގްރާންޓްތަކުގައި އިސްކަންދެވޭ ދާއިރާތަކުގެ ތެރޭގައި އިސްލާމިކް ސްޓަޑީޒް، އިކޮނޮމިކްސް އެންޑް ފައިނޭންސް، ހިއުމަން ސައިންސް، ލޯ، ޢަރަބި ބަސް، ޓެކްނޮލޮޖީ، ލެންގުއެޖް އެންޑް ލިންގްއިސްޓިކް، އެޑިއުކޭޝަން އަދި ސަރުކާރުގެ ރިފޯމް ސިޔާސަތުތައް ހިމެނެއެވެ.

މި ގްރާންޓްތަކަށް އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ކަނޑައެޅިފައިވާ ގޫގުލް ފޯމުތައް މެދުވެރިކޮށެވެ. ޕްރޮޕޯސަލް ތައް ހުށަހެޅުން ސުންގަނޑި ހަމަވަނީ 15 އޮކްޓޯބަރ 2026.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *