ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ މި ފެލޯޝިޕްގެ ދަށުން ވިލާ ކޮލެޖުގައި ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް މުހިންމު ފަސް ދާއިރާއަކުން ފުރުޞަތު ވަނީ ހުޅުވާލާފައި
އެސޯސިއޭޝަން އޮފް ކޮމަންވެލްތު ޔުނިވަރސިޓީސް (އޭސީޔޫ) އިން ހިންގާ ޝަރަފުވެރި "ކިންގްސް ކޮމަންވެލްތު ފެލޯޝިޕް ޕްރޮގްރާމް (ކޭސީއެފްޕީ)" ގެ ދަށުން، ކިޔެވުމާއި ދިރިއުޅުމުގެ ހުރިހާ ޚަރަދެއް ހަމަޖެހިފައިވާ (ފުލީ ފަންޑެޑް) އަންޑަރގްރެޖުއޭޓް ފެލޯޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކޮމަންވެލްތުގެ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ޚާއްޞަކޮށްގެން ހިންގާ މި ފެލޯޝިޕްގެ ދަށުން ކިޔަވައިދޭ ރަސްމީ 'ހޯސްޓް އިންސްޓިޓިއުޝަން' އެއްގެ ގޮތުގައި ރާއްޖެއިން ހޮވިފައިވަނީ ވިލާ ކޮލެޖެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްނެންގެވުމަކަށް ފަށްޓަވާފައިވާ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ތަރައްޤީގެ އެންމެ ބޮޑެތި ގޮންޖެހުންތަކާއި، ޚާއްޞަކޮށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ޤާބިލުކަން އިތުރުކުރުމެވެ. މި ފުރުޞަތުގެ ސަބަބުން، މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި މުޖުތަމަޢުތަކެއް ބިނާކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރު ޒުވާނުންނަށް ލިބިގެންދާނެއެވެ. އަދި ފެލޯޝިޕް ލިބޭ ދަރިވަރުން "ކިންގްސް ފެލޯސް" ގެ ގޮތުގައި ބައިނަލްއަޤްވާމީ އެކަޑެމިކް ނެޓްވޯކަކާ ގުޅި، މުޖުތަމަޢަށް ޚިދުމަތްކުރާނެ މާދަމާގެ ލީޑަރުންގެ ގޮތުގައި ބިނާވެގެންދާނެއެވެ .
މި ފެލޯޝިޕްގެ އަންޑަރގްރެޖުއޭޓް ޕާތުވޭ ކިޔަވައިދޭ ރަސްމީ 'ހޯސްޓް އިންސްޓިޓިއުޝަން' އެއްގެ ޝަރަފު، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ތެރެއިން ހަމައެކަނި ލިބިފައިވަނީ ވިލާ ކޮލެޖަށެވެ .ވިލާ ކޮލެޖަކީ 2013 ވަނަ އަހަރުން ފެށިގެން އޭސީޔޫގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ، ރާއްޖޭގެ ފުރަތަމަ މަތީ ތަޢުލީމުދޭ މަރުކަޒެވެ. ކޮމަންވެލްތު ޔުނިވަރސިޓީތަކުގެ ވިއުގައާއެކު އޮތް ބަދަހި ގުޅުމާއި، ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމީ ފެންވަރަކީ މިފަދަ ޝަރަފުވެރި ބައިނަލްއަޤްވާމީ ޕްރޮގްރާމެއްގެ ހޯސްޓް އިންސްޓިޓިއުޝަނަކަށް ވިލާ ކޮލެޖު ހޮވިގެން ދިޔަ މައިގަނޑު ސަބަބެވެ.
މި ފެލޯޝިޕްގެ ދަށުން ވިލާ ކޮލެޖުގައި ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް މުހިންމު ފަސް ދާއިރާއަކުން ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެއީ:
- ޞިއްޙީ ދާއިރާއިން: ބެޗެލަރ އޮފް ސައިންސް އިން ނާސިންގ
- ތަޢުލީމީ ދާއިރާއިން: ބެޗެލަރ އޮފް ޓީޗިންގ އިން ޕްރައިމަރީ އެންޑް ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް
- އިންޖިނިއަރިންގ ދާއިރާއިން:
- ބެޗެލަރ އޮފް މެކޭނިކަލް އިންޖިނިއަރިންގ (އޮނަރސް)
- ބެޗެލަރ އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ (އޮނަރސް)
- ބެޗެލަރ އޮފް ސިވިލް އިންޖިނިއަރިންގ (އޮނަރސް)
ފެލޯޝިޕް ކާމިޔާބުކުރާ ދަރިވަރުންގެ ކިޔެވުމުގެ މުޅި މުއްދަތަށް ޓިއުޝަން ފީ އެއްކޮށް ހަމަޖައްސައިދިނުމުގެ އިތުރުން، ދިރިއުޅުމުގެ ޚަރަދުތަކަށް ޚާއްޞަ ސްޓައިޕެންޑެއް ލިބިގެންދާނެއެވެ. އަދި ކިޔެވުމަށްޓަކައި އެހެން ރަށަކަށް ނުވަތަ ޤައުމަކަށް ބަދަލުވާންޖެހޭ ދަރިވަރުންނަށް ދަތުރުފަތުރުގެ ޚަރަދު (އަހަރަކު އެއް ފަހަރު ވައިގެ ދަތުރުގެ ދެކޮޅު ޓިކެޓް ހިމެނޭހެން) ފޯރުކޮށްދެވޭނެއެވެ. މުޅި ޕްރޮގްރާމުގެ ދަށުން ޖުމްލަ 11 ފެލޯޝިޕް ދިނުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 7 ފެލޯޝިޕެއް ޚާއްޞަކޮށްފައިވަނީ ކުދި އަދި އެކަހެރި ޤައުމުތައް ކަމުގައިވާ ޑޮމިނިކާ، ގްރެނާޑާ، ކިރިބާސް، ނައުރޫ، ސަމޯއާ، ޓޮންގާ އަދި ޓުވާލޫއަށެވެ. އަދި ބާކީ ފުރުޞަތުތަކަށް ރާއްޖެ ހިމެނޭހެން ކޮމަންވެލްތު ސިޑްސްގެ 24 ޤައުމަކުން ވާދަކުރެވޭނެއެވެ.
މި ތާރީޚީ ފުރުޞަތާ ގުޅޭގޮތުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. އަލީ ނަޖީބު ވިދާޅުވީ:
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް މި ފުރުޞަތު ލިބުނު ފަހަރު؛ ހޯސްޓް ކުރުމުގެ ފުރުޞަތުވެސް އަދި ފެލޯޝިޕް ހޯދުމުގެ ފުރުޞަތުވެސް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމަށް ލިބުނު ކާމިޔާބީއެއް، އަދި މީ ދިވެހިރާއްޖޭގެ ޒުވާން ޖީލަށް ރަނގަޅު ފެންވަރުގެ ޕްރޮގްރާމްތަކެއް މިފަދަ ޕްރެސްޓީޖަސް ސްކީމެއްގެ ދަށުން ނުވަތަ ފެލޯޝިޕެއްގެ ދަށުން ކިޔެވުމަށް ހުޅުވިގެންދިޔަ ވަރަށް މުހިންމު ދޮރެއް."
މީގެ އިތުރުން ޑރ. ނަޖީބު ވަނީ، ދިވެހި ޒުވާނުންނަކީ ނުހަނު ތޫނުފިލި، ޤާބިލު ބައެއްކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކޮށްގެން ދިވެހި ދަރިވަރުން މި ފެލޯޝިޕްތައް ކާމިޔާބުކޮށް، ވިލާ ކޮލެޖުގައި ކިޔެވުމުގެ ފުރުޞަތު ހޯދުމަށް ހިތްވަރު ދެއްވާފައެވެ.
ފެލޯޝިޕަށް އެދި ހުށަހަޅާ ދަރިވަރުންނަށް ބޭނުންވާ އިރުޝާދާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ވިލާ ކޮލެޖުގެ ސްޓޫޑެންޓް ސަރވިސަސް އަދި ކޮންޓެކްޓް ސެންޓަރުން އެހީތެރިކަން ދެމުން ގެންދާނެއެވެ. އަދި ކޮލެޖުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އިތުރު ތަފްޞީލުތައް ހިއްސާކުރެވެމުންދާނެއެވެ.
މި ފެލޯޝިޕަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 14 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ ރޭގަނޑު ރާއްޖެ ގަޑިން 8:00 (15:00 ޔޫޓީސީ) އެވެ.
ފެލޯޝިޕްގެ ޝަރުޠުތަކާއި އެޕްލިކޭޝަން ފޯމު، އެސޯސިއޭޝަން އޮފް ކޮމަންވެލްތު ޔުނިވަރސިޓީސްގެ ރަސްމީ ވެބްސައިޓް www.acu.ac.uk/kcfp-undergraduate މެދުވެރިކޮށް ލިބެން ހުންނާނެއެވެ. ޤައުމު ބިނާކުރުމުގެ މުހިންމު ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ލިބުނު މި އަގުހުރި ފުރުޞަތުގެ ބޭނުން ވީހާވެސް ގިނަ ދަރިވަރުން ހިފުމަށް ވިލާ ކޮލެޖުން އެދެއެވެ.
advertisment
ހިޔާލު