"ސްޓޫޑިއޯ އޮފް ކަލިނަރީ އެކްސެލެންސް"ގެ ނަމުގައި ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)އިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އަށް ހަދިޔާކޮށް، އެ ވަސީލަތް ރަސްމީކޮށް ހުޅުވައިފިއެވެ.

"ސްޓޫޑިއޯ އޮފް ކަލިނަރީ އެކްސެލެންސް" އަކީ ދަރިވަރުންނަށް އަމަލީ ގޮތުން މަސައްކަތް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ، ޒަމާނީ ފަންނިއްޔާތާއި ވަސީލަތްތައް ހިމެނޭ މާހައުލެކެވެ. މިއީ ޕްރޮފެޝަނަލް ބަދިގެތަކުގައި ބޭނުންކުރާ ސާމާނާއި، އޯޑިއޯ-ވިޝުއަލް ވަސީލަތްތަކުން ފުރިހަމަކުރެވިފައިވާ ތަނެކެވެ. މި ސްޓޫޑިއޯ މެދުވެރިކޮށް އަމަލީ ތަމްރީނުތަކާއި، ލައިވް ޑެމޮންސްޓްރޭޝަންތަކާއި، މާސްޓަރކްލާސްތަކުގެ އިތުރުން ސިނާއީ ތަމްރީނުތައް ކުރިއަށް ގެންދެވޭނެއެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ކަލިނަރީ ދާއިރާ ދިގު މުއްދަތަކަށް ކުރިއެރުވުމަށް ބީ.ބީ.އެމް އިން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ޙިލްމީގެ އިސްނެންގެވުމެކެވެ. މި ސްޓޫޑިއޯގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި ކިޔަވައިދޭ ބަދިގެއަކަށް ވުމުގެ ބަދަލުގައި، ދަރިވަރުންނާއި ކައްކާއިންނާއި ސިނާއީ މާހިރުން ގުޅުވައިދޭ، ޒަމާނީ ފަންނިއްޔާތާއި އުސޫލުތައް ދަސްކޮށްދޭ މަރުކަޒަކަށް ވުމެވެ.
މިއީ ބީ.ބީ.އެމްގެ "ބިކޯޒް ޓްމޯރޯ ސްޓާޓް ޓުޑޭ "ޝިއާރުގެ ދަށުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ބައެކެވެ. މި ޝިއާރުން ރަމްޒުކޮށްދެނީ މާދަމާގެ ފަތުރުވެރިކަމުގެ ސިނާއަތް ބިނާވެފައިވަނީ މިއަދު މީހުން ބިނާކުރުމަށާއި ހުނަރު ތަރައްޤީކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ މައްޗަށް ކަމެވެ.

ބީ.ބީ.އެމްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އޭ.ވީ.އެސް ސުބްރަމާނިއަމް ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ ސިނާއަތެއް އޮތް ޤައުމަކަށްވާއިރު، މި ދާއިރާގެ މުސްތަޤްބަލް ބިނާވެފައިވަނީ މިއަދު ތަމްރީނުކުރެވޭ ޒުވާނުންގެ މައްޗަށެވެ. އަދި މި ސްޓޫޑިއޯއަކީ ދަރިވަރުންނަށް ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އިލްމާއި ފަންނިއްޔާތު ފޯރުކޮށްދިނުމަށް ހުޅުވައިދެވުނު މުހިންމު ފުރުޞަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އިސްނެގުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމް ވިދާޅުވީ، ދަރިވަރުންގެ ތަޢުލީމާއި އަމަލީ މަސައްކަތް ގުޅުވައިދިނުމަކީ ޔުނިވަރސިޓީން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި މި ސްޓޫޑިއޯގެ ސަބަބުން ކްލާސްރޫމާއި ރިސޯޓް ބަދިގެތަކާ ދެމެދު އޮންނަ ފަރަގު ކުޑަވެގެންދާނެ ކަމަށާއި، ދަރިވަރުން ތަމްރީނުވާނީ ރިސޯޓްތަކުގައިވެސް ބޭނުންކުރާ ފެންވަރުގެ ވަސީލަތްތަކުގައި ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިޝެލިން-ސްޓާރ ޝެފް ރޯމައިން ޑުޕެއިރްގެ ފުރަތަމަ މާސްޓަރކްލާސް
މި ސްޓޫޑިއޯ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ސެޕްޓެމްބަރު 20 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ މާސްޓަރކްލާސް ނަންގަވައިދެއްވާނީ ހޮންކޮންގްގެ "ރަސީންސް" ރެސްޓޯރެންޓްގެ ފައުންޑަރ އަދި އެގްޒެކެޓިވް ޝެފް، ރޯމައިން ޑުޕެއިރްއެވެ. މި ކްލާހުގައި އެފް.އެޗް.ޓީ.އެސްގެ ދަރިވަރުންގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޝެފުންވެސް ބައިވެރިވާނެއެވެ.

ޝެފް ޑުޕެއިރްއަކީ ފަރަންސޭސިވިލާތުގެ ނީސް އަށް އުފަން، އުމުރުން 15 އަހަރުން ފެށިގެން ކަލިނަރީ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގެ މަޝްހޫރު ހޮޓާ ތަކާއި ރެސްޓޯރެންޓްތަކުގައި މަސައްކަތްކުރައްވާފައެވެ. އޭނާގެ ރެސްޓޯރެންޓް 'ރަސީންސް' އަށް 2024 ވަނަ އަހަރު ފުރަތަމަ މިޝެލިން ސްޓާރ ލިބިފައިވާއިރު، 2025 އަދި 2026 އަށްވެސް އެ މަޤާމު ވަނީ ދަމަހައްޓާފައެވެ.
ދިވެހި ފަތުރުވެރިކަމުގެ ހުނަރުވެރިންނަށް އިންވެސްޓްކުރުން
ރާއްޖޭގެ ރިސޯޓްތަކާއި ހޮޓާތަކަށް މުދާ ފޯރުކޮށްދޭ މައިގަނޑު އެއް ކުންފުނީގެ ހައިސިއްޔަތުން، ބީ.ބީ.އެމް އިން މި ކުރާ މަސައްކަތަކީ ހަމައެކަނި ވިޔަފާރީގެ މުޢާމަލާތެއް ނޫނެވެ. މިއީ ތަޢުލީމާއި ހުނަރު ތަރައްޤީކުރުމަށް އެ ކުންފުނިން ކުރާ ދިގު މުއްދަތުގެ އިންވެސްޓްމަންޓެކެވެ. މި ސްޓޫޑިއޯ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައިވެސް ތަފާތު ވޯކްޝޮޕްތަކާއި ސިނާއީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
ބީ.ބީ.އެމް އަކީ ރާއްޖޭގެ ފަތުރުވެރިކަމާއި، ކަލިނަރީ އަދި ރީޓެއިލް ދާއިރާއަށް ބޭނުންވާ މުދާ އެތެރެކޮށް ފޯރުކޮށްދޭ އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެވެ. އެ ކުންފުނިން ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކެއް ރާއްޖޭގައި ތަމްސީލުކުރެއެވެ. ބީ.ބީ.އެމްގެ އަމާޒަކީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް މަގުފަހިވާނެ ފަދަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
advertisment
ހިޔާލު