ދިވެހިންގެ ތަރުބިއްޔަތުގެ ބަހަކީ ދިވެހި ބަސް ކަމަށް ހަދަމާތޯ އެވެ.

އިސްމާޢީލް ނަޝީދު
40 އަހަރުން މަތީގެ ދިވެހިން، ކާފަ، މާމަ އަދި ޢާއިލާ އާއި ރަށުގެ ދޮށީ ޢުމުރުގެ މީހުންގެ ވާހަކަތައް އަޑު އަހާ އުޅުނީ ނިކަން އަޑުއަހާ ހިތުންނެވެ. ނަތީޖާ އަކަށްވީ އެވާހަކަތައް، (އެމީހުންގެ) ނަޞޭހަތްތައް ހަނދާނުގައި ހަރުލާ ހުރުމެވެ. އަދި އެ ވާހަކަތަކާއި ނަޞޭހަތުގެ ހެޔޮ އަސަރު އެ ފުރާގެ ގިނަ ދިވެހީންގެ ކިބައިން ފެނުމެވެ. އިސްވެ މިފާހަގަކުރި ފުރުޞަތު، މިހާރު ހެދި ބޮޑުވަމުންދާ ދަރީންނަށް ފަހިވެފައިވަނީ ކިތައް އާއިލާގައި ތޯ ވަޒަން ކޮށްފިނަމަ، އެއީ ގިނަ ޢާއިލާތަކުން ލިބެން ނެތް، ނުވަތަ ތަދު ފުރުޞަތެއް ކަމަށް ފާހަގަ ވުން ގާތެވެ. މާމަ އަދި ކާފަ ފަދަ ތަޖުރިބާ މުއްސަނދި ދޮށީ ޢުމުރު ފުރާގެ މީހުންނާ އެކު ވަގުތު ކޮޅެއް ހޭދަ ކޮށްލުމަކީ ހެދި ބޮޑުވަމުންދާ ޖީލުގެ ދަރީން ގަޔާވާ ކަމަކަށް ބައެއް އާއިލާ ތަކުގައި ނުވެއެވެ. މައިގަނޑު ސަބަބަކީ ކާފަ، މާމަ ގެ ބަސް، ދަރީންނަށް ނޭގުމެވެ. ނުވަތަ ކޮށިވުމެވެ. އެކަން ދަރިންވެސް އަދި ދޮށީ ޢުމުރުގެ ބޭފުޅުންވެސް ޤަބޫލު ކުރެއެވެ. އަދި އެކަމުން އެބައިމީހުން ނިކަމެތިކަން އިޙުސާސް ކުރެއެވެ. އާދެ، ދިވެހިންގެ ތަރުބިއްޔަތުގެ ބަހަކަށް ދިވެހި ބަސް ހެދުމަށް ޢާއިލާގެ ޢާއްމު ބަހުރުވަ އަކީ ދިވެހި ބަސް ކަމަށް ހެދުން މުހިއްމު މިންވަރު އަޅުގަނޑު ހަނދާނަށް ގެންނަމެވެ. އަދިވެސް ތަރުބިއްޔަތަށް އަސަރު ކުރާނޭ ބަހާއި ބަހުރުވަތަކާއި ގުޅުން ހުރި ކަންކަން ފާހަގަ ކޮށްލާނަމެވެ.
ދިވެހި ބަހުގެ އަދަބިއްޔާތަށް ދަރިން އަހުލުވެރި ކުރުވުން.
ވާހަކަ ދެއްކުންތެރިކަން، ލިއުންތެރިކަން އަދި ޅެންވެރިކަން (ޅެން، ރައިވަރު، ބަނދި،..) ޅަދަރީންގެ މެދުގައި ދިރުވާ އާލާ ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް އިތުރު ކުރުމަށް ނުވަތަ ކަން ކުރާގޮތުގެ ވައްޓަފާޅި އަށް ބަދަލު ގެންނަން ވެއްޖެ ކަމަށް ވިސްނެއެވެ. ފާހަގަވާ ކަމަކީ ދިވެހިންގެ މެދުގައި، ރަނގަޅު ވާހަކަ ދެއްކުންތެރިން، ރަނގަޅު ލިޔުންތެރިން އުފެދުމުންދާ މިންވަރު މަދުވަމުން އަންނަކަމެވެ.
އުފަލުން ހިތް ފޮޅުވާލި، އަސަރުން ހިތް ރޮށްވާލި، ޖާޒުބިއްޔަތުން ހިތް ކަތިލި، އެތަކެއް ވާހަކަ ދެއްކުންތެރިންނާއި ލިއުންތެރިން އަދި ޅެންވެރިން މިރާއްޖެއިން އިހުގައި ފެނުނެވެ. އެމީހުންގެ ތަޤްރީރުތަކުން، ލިއުންތަކުން ދިވެހިންގެ އީމާންތެރިކަން ގަދަވި އެވެ. އިޖުތިމާޢީ އަޚުލާޤު ހަރުދަނާ ވިއެވެ. މަސައްކަތުގެ ޖޯޝް އިތުރުވެ، ހިއްވަރު ގަދަކޮށްދިނެވެ. އާދެ، އެމީހުންގެ ބަހަކީ ހަމަ މައްދިވެހި ބަހެވެ. އަދި އެހެން ނުކުތާ އަކަށް ފަހުގެ ފޮޅުވަތްތައް ޚާއްޞަ ކޮށްލާނަމެވެ.
ދިވެހި ބަހުގެ ބަހުރުވަތައް، އަޑާއި ރާގު
ޢާއްމު ދިވެހި ބަހުގެ އިތުރުން، އައްޑޫ ބަހުރުވަ، ފުވައްމުލަކު ބަހުރުވަ، ހުވަދޫ ބަހުރުވަ އަދި އެކި އަތޮޅުތަކަށް ޚާއްޞަ ބަސްކޮށާރަ އާއި އަޑާއި ރާގަށް ޖުމްލަކޮށް ނަޒަރު ކޮށްލުމުން ވެސް ދިވެހި ބަހުގެ ތިއާގި ކަން، އޭގެ އަސަރު، ފިސާރި ރަނގަޅަށް ސާފުވާނެ އެވެ.
ދިވެހިންގެ ދިވެހި ބަސް މީ ހާދަ މުއްސަނދި ބަހެކެވެ. މުއާމަލާތް ކުރުމުން އުފައްދާ ހުރިހާ އަސަރަކާއި ޖަޒުބާތެއް އުފެއްދުމުގެ ފޯރުންތެރިކަން ލިބިވާ ބަހެކެވެ. ތަޢުރީފު ކޮށް ކޮޅުން ނުލާހާ ރީތި ބަހެކެވެ.
ތަރުބިއްޔަތުގެ ބަހާތައް ބައިވަރެވެ. ބަހަކީ ނުފޫޒު ގަދަ ބަހާ އެކެވެ. މާދަރީ ބަހުގެ ބޭނުން ތަރުބިއްޔަތަށް އިންތިހާ އަށް ބޮޑެވެ. ދިވެހިންނަށް އެއީ ދޫކޮށްލެވެން ނެތް ދިވެހި ބަހެވެ. އެހެން ގިނަ ބަސްތައް ދަސްކުރުމަކަށް ދިވެހިންނަކަށްވެސް ހުރަހެއް ނެތެވެ. ހަމަ ގިނަ ބަސް ދަސްކުރަންވީ އެވެ. އެކަމަކު ދަރިން ތަރުބިއްޔަތު ކުރަންވީ ދިވެހި ބަހަށް ކޮށި، ނުފަރިތަ، ދިވެހި ބަސް ދެކެ ފޫހިވާ ކުދިންގެ ގޮތުގައެއް ނޫނެވެ.
ޅަދަރީންނާއި ނޫކަށީ ފުރާގެ ޒުވާނުންގެ އުޅުމާއި އަޚުލާގަށް އަދި އާދަތަކަށް އައިސްފައިވާ ބަދަލުތަކަށް ވިސްނާ ލުމުން ކަންބޮޑު ނުވާ ދިވެއްސަކު އެބަހުރި ހެއްޔެވެ؟ ގިނަ ޢަދަދެއްގެ ކުދީންގެ ފުށުން މިއަދު ފެންނަމުންދަނީ މައިންބަފައިން ދޭން ބޭނުންވި ތަރުބިއްޔަތެއް ނޫނެވެ. މަދަރުސާތަކުން ދިނުމަށް ކަނޑައެޅި ތަރުބިއްޔަތުގެ ސިފަތަކެއް ނޫނެވެ. އުފެދިގެން މިދަނީ އާއިލާތަކާއި، ރަށާއި ޤައުމަށް ބޭނުންވި މީހެއް ނޫނެވެ.
އިސްވެ ބަޔާން ކުރި ކަންބޮޑުވުމާއި ޅަދަރީންގެ ތަރުބިއްޔަތަށް މާދަރީ ބަހުން ކުރާ އަސަރުގެ މައްޗަށް ވިސްނުމުން، ދިވެހި ރާއްޖޭގައި ނަމަ، ދަރިންގެ ތަރުބިއްޔަތަށް ދިވެހި ބަސް މުހިއްމު މިންވަރު އަޅުގަނޑަށް ފާހަގަވެ އެވެ. އެހެން ކަމުން، ދިވެހިންގެ ތަރުބިއްޔަތުގެ ބަހަކީ ދިވެހި ބަސްކަމަށް ޢާއިލާތަކުން ބަލައިގަތުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި އެދުމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *